އެމަނިކުފާނު މަސައްކަތްކުރައްވަނީ އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވި ގޮތަށް "ރިއެކްޓް" ނުކުރައްވާ ވޭތޯ ކަމަށް ވިދާޅުވެ، ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ރައްދު ދެއްވައިފިއެވެ.
އެމްޑީޕީގެ މައި ހަރުގޭގައި ރައީސް ސޯލިހުގެ ރިޔާސީ ޕްރައިމަރީ ކެޕްމޭން ރަސްމީކޮށް ފެށުމަށް މިރޭ ބޭއްވި "ކުރިއަށް އިބޫ 2023" ޖަލްސާގައި ރައީސް ސޯލިހު ވިދާޅުވީ، އެމަނިކުފާނު ވެރިކަމާ ހަވާލުވި ދުވަހުން ފެށިގެން ޕާޓީ ތެރެއިން ކޮންމެ ދުވަހަކު ދިޔައީ ސަރުކާރާ ދެކޮޅަށް މަސައްކަތްކުރަމުން ކަމަށާއި އެ ހަގީގަތް ގަބޫލުކުރަން ޖެހޭ ކަމަށެވެ. އަދި ވިދާޅުވީ އެމަނިކުފާނާ އެމްޑީޕީ ރިޔާސީ ޕްރައިމަރީގައި ވާދަކުރައްވާ ނަޝީދަކީ އިދކޮޅު ކެންޑިޑޭޓެއް ނޫން ކަމަށާއި އެއީ ވާދަވެރި ކެންޑިޑޭޓު ކަމަށް ކަމަށެވެ.
"ތި ހުރިހާ ބޭފުޅުންވެސް ވިސްނުމުގައި ބަހައްޓަންވާނެ މިއީ އެތެރޭގެ އިންތިހާބެއް. އަޅުގަނޑު ކައިރީގައި އަނެއްކާ އިހަށް ދުވަހު، މީހަކު ބުނި ވާހަކައެއް، މި އިންތިހާބުގައި ތިބޭނީ އިދިކޮޅު ކެންޑިޑޭޓުންނެއް ނޫނޭ، ވާދަވެރިންނޭ. އަޅުގަނޑުގެ ވާދަވެރި ކެންޑިޑޭޓޭ އެއީ، އިދިކޮޅު ކެންޑިޑޭޓެއް ނޫން. އެހެންވީމާ އަޅުގަނޑު މިހާތަނަށް މަސައްކަތް ކުރަމުން މިއައީ އެ ބޭފުޅުން އެ ވިދާޅުވާ ރިއެކްޓް ނުކޮށް ކަންތަކާ ދޭތެރޭ ވިސްނުމަށް. އެހެންނަމަވެސް، ބައެއް ކަންތައްތަކުގައި ރެސްޕޮންޑް ކުރަން އެބަޖެހޭ،" ރައީސް ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ "ރެސްޕޮންޑް" ކުރަން ޖެހިވަޑައިގަންނަވަން ޖެހެނީ ކަންކަމުގެ ހަގީގަތް ރައްޔިތުންނަށް އޮޅުފިލުވައިދެއްވުމަށް ކަމަށެވެ. ކޮވިޑް-19 ގެ ބަލިމަޑުކުމުގައި "ކޮންމެ ދުވަހަކު ރާއްޖެ މާދަމާ ބަނޑަށް ޖެހެނީ، ކާޑު ހުސްވާނެ، ބޭހެއް ނެތް، ރަށްރަށުން ދެން އަންނާނީ ބޮޑީ ބޭގް، މިހެން ގޮސް މިދިޔަ ދެ އަހަރު އަޅުގަނޑުމެން ހޭދަކުރީ" އެ ވާހަކަތައް އިވިއިވި ކަމަށެވެ. ނަމަވެސް ކޮވިޑް ކޮންޓްރޯލު ކުރެވިފައިވާ ކަމަށާއި އެންމެ ރައްޔިތަކު ވެސް ބަނޑަށް ޖެހިފައިނުވާ ކަމަށެވެ. އަދި ފާޑު ވިދާޅުވާ ބޭފުޅުން އެކަމަށް ބެއްލެވުމަށް ވެސް ރައީސް އެދިވަޑައިގެންނެވިއެވެ.
ނަޝީދަށް އަމާޒުކުރައްވައި ރައީސް ވިދާޅުވީ ދައުލަތުގެ ދަރަނިތަކާ ބެހޭގޮތުން ނަޝީދު އިތުރުފުޅު ހައްދަވާފައިވާ ކަމަށެވެ. ރައްޔިތުންނަށް އެ ވާހަކައިގެ ހަގީގަތް އޮޅުންފިލުއްވައިދޭން ބޭނުންފުޅުވާ ކަމަށާއި އެއީ ރިއެކްޓް ކުރުން ނޫން ކަމަށް ރައީސް ވިދާޅުވިއެވެ.
"އެންމެ ފަހުން އިއްޔެ ފުވައްމުލަކުގައި ވިދާޅުވީ ކީކޭތޯ. ޖެނުއަރީ މަހު އެކަނި ލޯނު އަނބުރާ ދައްކަން 79 މިލިއަން ޑޮލަރު ސަރުކާރުން ދައްކަންޖެހެއޭ. ކުރިއަށް އޮތް ކޮންމެ އަހަރަކު، ކޮންމެ މަހަކު 45 މިލިއަން ޑޮލަރާ 50 މިލިއަން ޑޮލަރު ދައްކަންޖެހޭ ކަމަށް. ސަރުކާރުގައި ނެތޭ ލާރި. ހަގީގަތް މިހުރީ ފެންނަން. މި ވާހަކަތައް ރައްޔިތުންނަށްޓަކައި އޮޅުންފިލުވައިދޭން އަޅުގަނޑު ބޭނުންވަނީ. މިއީ ރިއެކްޓް ކުރުމެއް ނޫން. ދައުލަތަށް ނަގާފައި ހުރި ދަރަނީގެ ތެރެއިން ޑައިރެކްޓް ބަޖެޓަށް ނަގާފައި ހުރި ދަރަނީގެ ތެރެއިން މިމަހު ދައްކަންޖެހެނީ 29 މިލިއަން ޑޮލަރު، މި އަންނަ މަހު ދައްކަން ޖެހެނީ 14 މިލިއަން ޑޮލަރު، މާޗު މަހު 27 މިލިއަން ޑޮލަރު. އެހެންވީމާ އޮޅުވާލައިގެން ސިޔާސީ މަންފާ ހޯދުމަށްޓަކައި މިކަހަލަ ކަންތައް ކުރުމަކީ ވަރަށް ވަރަށް ދެރަކަމެއް،" ރައީސް ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ، ދަރަންޏާ ބެހޭގޮތުން އޮޅުވާލައިގެން ނަޝީދު ވާހަކަދެއްކުމުގެ ސަބަބުން ރައްޔިތުންގެ މެދުގައި ބިރުވެރިކަމާއި ނުތަނަވަސްކަން އުފެދިގެންދާނެ ކަމަށެވެ. އެހެންކަމުން އެގޮތަށް ކަންކަން ނުކުރެއްވުމަށް ނަޝީދުގެ އަރިހުން އެދިވަޑައިގަންނަވާ ކަމަށާއި ޑިމްކޮރޮސީއަކީ އެއީ ކަމަށް ވެސް ރައީސް ވިދާޅުވިއެވެ.
އެމަނިކުފާނު އިންތިހާބަށް ނުކުމެވަޑައިގެން ހުންނަވީ ތަޖުރިބަތަކަކާއެކުގައި ކަމަށާއި ރައްޔިތުންގެ ކުރިމައްޗަށް ނުކެމެވަޑައިގެން އެމަނިކުފާނު ހަ އިންތިހާބެއް ކާމިޔާބުކުރައްވާފައިވާ ކަމަށެވެ.
"ރައްޔިތުންގެ މަޖިލީހުގެ ފަސް އިންތިހާބު ކާމިޔާބުކޮށްފިން. ރިޔާސީ އެއް އިންތިހާބު ކާމިޔާބުކޮށްފިން. އިންތިހާބު ކާމިޔާބުކުރާނެ ފޯމިއުލާ، ރައްޔިތުންގެ ވޯޓު ހޯދާނެ ގޮތް އަޅުގަނޑަށް ވަރަށް ސާފު،" ރައީސް ވިދާޅުވިއެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު