އެމްޑީޕީގެ ތެރެއިން ޕާޓީ ހަލާކުކުރުމަށް ކުރާ މަސައްކަތް ހުއްޓާލުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ގޮވާލައްވައިފިއެވެ.

އެމްޑީޕީގެ މައި ހަރުގޭގައި ރައީސް ސޯލިހުގެ ރިޔާސީ ޕްރައިމަރީ ކެޕްމޭން ރަސްމީކޮށް ފެށުމަށް މިރޭ ބޭއްވި "ކުރިއަށް އިބޫ 2023" ޖަލްސާގައި ރައީސް ސޯލިހު ވިދާޅުވީ، އެމަނިކުފާނު ވެރިކަމާ ހަވާލުވެވަޑައިގެންނެވި ދުވަހުން ފެށިގެން ޕާޓީ ތެރެއިން ކޮންމެ ދުވަހަކު ދިޔައީ ސަރުކާރާ ދެކޮޅަށް މަސައްކަތްކުރަމުން ކަމަށާއި އެ ހަގީގަތް ގަބޫލުކުރަން ޖެހޭ ކަމަށެވެ.

"މިއީ އަޅުގަނޑު ދައްކަން ބޭނުންވާ ވާހަކައެއްވެސް ނޫން. އެހެންނަމަވެސް ކޮންމެ ދުވަހަކު، ސަރުކާރަށް ދަތިކުރުމާއި، އުދަގޫކުރުމާއި، ރައްޔިތުން ކުރިމަތީގައި އަޅުގަނޑުމެންނާ ދޭތެރޭގައި ނަފުރަތު އުފެއްދުމަށްޓަކާ ޕާޓީ ތެރެއިން މަދު ބަޔަކު ނަމަވެސް އެ މަސައްކަތް ކުރަމުން އައި. މިއީ ހަގީގަތް. މިއަދު އަޅުގަނޑު އެބޭފުޅުންނަށް ދަންނަވާނީ ހުއްޓާލައްވާށޭ، ތިކަން ހުއްޓާލައްވާށޭ. ހުއްޓާލާފައި ވަޑައިގެން އަޅުގަނޑުމެންނާ އެކުގައި ރައްޔިތުންނަށް ހިދުމަތް ކުރުމަށްޓަކައި ވެފައިވާ ވައުދުތައް ފުއްދުމަށްޓަކައި އެކީއެކީގައި ކުރިއަށްދަމާ ހިނގާށޭ،" ރައީސް ވިދާޅުވިއެވެ.

އެމަނިކުފާނާ އެމްޑީޕީ ރިޔާސީ ޕްރައިމަރީގައި ވާދަކުރައްވާ އެމްޑީޕީގެ ރައީސް، ކުރީގެ ރައީސް މުހައްމަދު ނަޝީދަކީ އިދކޮޅު ކެންޑިޑޭޓެއް ނޫން ކަމަށާއި އެއީ ވާދަވެރި ކެންޑިޑޭޓު ކަމަށް ރައީސް ވިދާޅުވިއެވެ. އެހެންވެ މަސައްކަތްކުރައްވަމުން އައީ "އެބޭފެޅުން އެ ވިދާޅުވާ ރިއެކްޓް ނުކޮށް" ކަމަށް ރައީސް ވިދާޅުވިއެވެ. އެހެންނަމަވެސް ބައެއް ކަންކަމުގައި މިހާރު "ރެސްޕޮންޑް" ކުރަން ޖެހިފައިވަޑައިގަންނަވާ ކަމަށް ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ "ރެސްޕޮންޑް" ކުރަން ޖެހިވަޑައިގަންނަވަން ޖެހެނީ ކަންކަމުގެ ހަގީގަތް ރައްޔިތުންނަށް އޮޅުފިލުވައިދިނުމަށް ކަމަށެވެ. ކޮވިޑް-19 ގެ ބަލިމަޑުކުމުގައި "ކޮންމެ ދުވަހަކު ރާއްޖެ މާދަމާ ބަޑަށް ޖެހެނީ، ކާޑު ހުސްވާނެ، ބޭހެއް ނެތް، ރަށްރަށުން ދެން އަންނާނީ ބޮޑީ ބޭގް، މިހެން ގޮސް މިދިޔަ ދެ އަހަރު އަޅުގަނޑުމެން ހޭދަކުރީ" އެ ވާހަކަތައް އިވިއިވި ކަމަށެވެ. ނަމަވެސް ކޮވިޑް ކޮންޓްރޯލު ކުރެވިފައިވާ ކަމަށާއި އެންމެ ރައްޔިތަކު ވެސް ބަނޑަށް ޖެހިފައިނުވާ ކަމަށާއި ފާޑު ވިދާޅުވާ ބޭފުޅުން އެކަމަށް ބައްލަވަން ޖެހޭ ކަމަށް ރައީސް ވިދާޅުވިއެވެ.

ނަޝީދަށް އަމާޒުކުރައްވައި ރައީސް ވިދާޅުވީ ދައުލަތުގެ ދަރަނިތަކާ ބެހޭގޮތުން ނަޝީދު އިތުރުފުޅު ހައްދަވާފައިވާ ކަމަށެވެ. ރައްޔިތުންނަށް އެ ވާހަކައިގެ ހަގީގަތް އޮޅުންފިލުއްވައިދޭން ބޭނުންފުޅުވާ ކަމަށާއި އެއީ ރިއެކްޓް ކުރުމެއް ނޫން ކަމަށް ރައީސް ވިދާޅުވިއެވެ.

"އެންމެ ފަހުން އިއްޔެ ފުވައްމުލަކުގައި ވިދާޅުވީ ކީކޭތޯ. ޖެނުއަރީ މަހު އެކަނި ލޯނު އަނބުރާ ދައްކަން 79 މިލިއަން ޑޮލަރު ސަރުކާރުން ދައްކަންޖެހެއޭ. ކުރިއަށް އޮތް ކޮންމެ އަހަރަކު، ކޮންމެ މަހަކު 45 މިލިއަން ޑޮލަރާ 50 މިލިއަން ޑޮލަރު ދައްކަންޖެހޭ ކަމަށް. ސަރުކާރުގައި ނެތޭ ލާރި. ހަގީގަތް މިހުރީ ފެންނަން. މި ވާހަކަތައް ރައްޔިތުންނަށްޓަކައި އޮޅުންފިލުވައިދޭން އަޅުގަނޑު ބޭނުންވަނީ. މިއީ ރިއެކްޓް ކުރުމެއް ނޫން. ދައުލަތަށް ނަގާފައި ހުރި ދަރަނީގެ ތެރެއިން ޑައިރެކްޓް ބަޖެޓަށް ނަގާފައި ހުރި ދަރަނީގެ ތެރެއިން މިމަހު ދައްކަން ޖެހެނީ 29 މިލިއަން ޑޮލަރު، މި އަންނަ މަހު ދައްކަން ޖެހެނީ 14 މިލިއަން ޑޮލަރު، މާޗު މަހު 27 މިލިއަން ޑޮލަރު. އެހެންވީމާ އޮޅުވާލައިގެން ސިޔާސީ މަންފާ ހޯދުމަށްޓަކައި މިކަހަލަ ކަންތައް ކުރުމަކީ ވަރަށް ވަރަށް ދެރަކަމެއް،" ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ، ދަރަންޏާ ބެހޭގޮތުން އޮޅުވާލައިގެން ނަޝީދު ވާހަކަދެއްކުމުގެ ސަބަބުން ރައްޔިތުންގެ މެދުގައި ބިރުވެރިކަމާއި ނުތަނަވަސްކަން އުފެދިގެންދާނެ ކަމަށެވެ. އެހެންކަމުން އެގޮތަށް ކަންކަން ނުކުރެއްވުމަށް ނަޝީދުގެ އަރިހުން އެދިވަޑައިގަންނަވާ ކަމަށާއި ޑިމްކޮރޮސީއަކީ އެއީ ކަމަށް ވެސް ރައީސް ވިދާޅުވިއެވެ.

އެމަނިކުފާނު އިންތިހާބަށް ނުކުމެވަޑައިގެން އެ ހުންނަވީ ތަޖުރިބަތަކަކާއެކުގައި ކަމަށާއި ރައްޔިތުން ކުރިމައްޗަށް ނުކެމެވަޑައިގެން އެމަނިކުފާނު ހަ އިންތިހާބެއް ކާމިޔާބުކުރައްވާފައިވާ ކަމަށް ރައީސް ވިދާޅުވިއެވެ.

"ރައްޔިތުންގެ މަޖިލީހުގެ ފަސް އިންތިހާބު ކާމިޔާބުކޮށްފިން. ރިޔާސީ އެއް އިންތިހާބު ކާމިޔާބުކޮށްފިން. އިންތިހާބު ކާމިޔާބުކުރާނެ ފޯމިއުލާ، ރައްޔިތުންގެ ވޯޓު ހޯދާނެ ގޮތް އަޅުގަނޑަށް ވަރަށް ސާފު،" ރައީސް ވިދާޅުވިއެވެ.