އިނގިރޭސި ޕްރިމިއާ ލީގު ތާވަލުގެ އެއްވަނައިގައި އޮތް އާސެނަލުން ރޭ ނިއުކާސަލްއާ ދެކޮޅަށް ކުޅުނު މެޗުން އެއްވަރުވި އިރު، މެންޗެސްޓާ ޔުނައިޓެޑުން ބޯންމައުތް ބަލިކޮށް، ގަދަ ހަތަރެއްގައި ހަމަޖެހިލައިފިއެވެ.

އާސެނަލުން އަމިއްލަ ދަނޑުގައި ރޭ ކުޅުނު މެޗުގައި ނިއުކާސަލްއާ އެއްވަރުވީ ގޯލެއް ނުޖެހި، 0-0ގެ ނަތީޖާއަކުންނެވެ. ޔުނައިޓެޑުން އަމިއްލަ ދަނޑުގައި ބޯންމައުތް ކައިރިން އަމިއްލަ ދަނޑުގައި މޮޅުވީ 3-0ގެ ނަތީޖާއަކުންނެވެ.

މި ވަގުތު ލީގު ތާވަލުގެ އެއް ވަނަގައި އާސެނަލް އޮތީ 17 މެޗުން 44 ޕޮއިންޓް ހޯދައިގެންނެވެ. ދެވަނަގައިގައި 16 މެޗު ކުޅެގެން 36 ޕޮއިންޓް ހޯދައިގެން އެންމެ ފަހުގެ ޗެމްޕިއަން މެންޗެސްޓާ ސިޓީ އޮތްއިރު، ތިން ވަނައިގައި އޮތީ 18 މެޗުން 35 ޕޮއިންޓް ހޯދާފައިވާ ނިއުކާސަލް ޔުނައިޓެޑެވެ. ނިއުކާސަލްގެ ފަހަތުން 17 މެޗުން 35 ޕޮއިންޓް ހޯދައި ފައިދާ ގޯލުގެ ތަފާތުން އޮތީ މެންޗެސްޓާ ޔުނައިޓެޑެވެ.

އާސެނަލުން ނިއުކާސަލްއާ ދެކޮޅަށް ކުޅުނު މެޗުގައި ނުރައްކާތެރި ހަމަލާތަކާއެކު ފެށީ އާސެނަލެވެ. ބުކަޔޯ ސަކާގެ ބާރު ހަމަލާއެއް ނިއުކާސަލްގެ ގޯލްކީޕަރު ނިކް ޕޯޕް މަތަކުރި އިރު، ގެބްރިއަލް މާޓިނެލީއާއި ގްރަނިޓް ޖަކާ ޖެހި ބޯޅަތައް ދިޔައީ ގޯލާ އަމާޒުނުވެއެވެ.

ނިއުކާސަލްއިން ގޯލަކަށް ކުރި މަސައްކަތުގައި ޖޮއެލިންޓަން ފޮނުވާލި ބޯޅަ ބޭރަށް ދިޔައިރު، ދެވަނަ ހާފު ނިމެން ދަނިކޮށް އާސެނަލްގެ އެޑްވާޑް އެންކެޓިއާ ޖެހި ނުރައްކާތެރި ބޯޅަވެސް ނިއުކާސަލްގެ ޕޯޕް މަތަކުރިއެވެ.

ރޭގެ މެޗުގައި އާސެނަލްއަށް ދެ ޕެނަލްޓީއެއް ލިބެންޖެހޭ ކަމަށް ބުނެ ކޯޗު މިކޭލް އާޓެޓާ ވަނީ ވަރަށް ބޮޑަށް ރެފްރީއަށް ފާޑުކިޔައިފައެވެ. އާޓެޓާ މެޗަށްފަހު ބުނީ ނިއުކާސަލްގެ ޖެކޮބް މާފީ އަތުގައި އޭރިއާ ތެރެއިން ޖެހުނު ބޯޅައާއި ގެބްރިއެލަށް ފައުލް ކުރި ބޯޅަތަކުގައި ވީއޭއާރް ބަލައިގެންވެސް ޕެނަލްޓީ ނުދޭން ނިންމި ސަބަބެއް ނޭނގުނު ކަމަށެވެ.

ރޭ ޔުނައިޓެޑުން ކުޅުނު މެޗުގައި ބޯންމައުތު ކޮޅަށް ގޯލްތައް ޖަހައިދިނީ ކަސެމީރޯ، ލޫކް ޝޯ އަދި މާކަސް ރަޝްފޯޑެވެ. ރަޝްފޯޑް އެންމެ ފަހުން ކުޅުނު ހަތަރު މެޗުގައިވެސް ގޯލް ޖަހައިފައިވާ އިރު، އެއީ މި ވަގުތު ޔުނައިޓެޑްގައި ހުރި އެންމެ ފޯމު ރަނގަޅު ކުޅުންތެރިޔާއެވެ.

ރޭގެ އިތުރު މެޗުތަކަށް ބަލައި އިރު، އެވަޓަން ވަނީ އަމިއްލަ ދަނޑުގައި 4-1ގެ ބޮޑު ތަފާތަކުން ބްރައިޓަން އަތުން ބަލިވެފައެވެ. އޭގެ އިތުރުން ފުލްހަމް ވަނީ އަވޭގައި 1-0 ގެ ލެސްޓާ ސިޓީ ބަލިކޮށްފައެވެ.