ގއ. ދެއްވަދޫން މަހަށް ގޮސް އެންދަމަން ފޭބި މީހަކު މަރުވެފައި އޮއްވައި ފެނިއްޖެއެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި، މަރުވެފައި އޮއްވާ ފެނުނީ އެ ރަށު މުހައްމަދު ރަޝީދު ނަމަކަށް ކިޔާ 56 އަހަރުގެ މީހެކެވެ.

މި ހާދިސާއާ ގުޅިގެން އެމްއެންޑީއެފުން މީޑިއާތަކަށް ފޮނުވި މެސެޖެއްގައި ބުނީ ދެއްވަދޫން މަހަށް ނުކުތް "މަސްކުރަނގި" ދޯނިން ގއ. ވިލިގަލާ ކައިރިއަށް އެން ހިފަން ފޭބި އެ މީހާ ގެއްލިގެން މިއަދު ހެނދު 9:10 ރިޕޯޓްކުރި ކަމަށެވެ.

އަދި އެމްއެންޑީއެފާއި ދެއްވަދޫ ރައްޔިތުން އޭނާ ހޯދަން ކުރި މަސައްކަތުން ފެނުނީ މިއަދު 10:37 ގައި ވިލިގަލާގެ ދެކުނުން ގާތްގަނޑަކަށް 1.5 ނޯޓިކަލް މޭލު ބޭރުން ފެންމަތީ އޮއްވާ ކަމަށްވެސް ބުންޏެވެ.

ފުލުހުން ބުނި ގޮތުގައި، އޭނާ ދެއްވަދޫ ސިއްހީ މަރުކަޒަށް ގެންދިޔައިރުވެސް މަރުވެފައިވާ ކަމަށް ޑޮކްޓަރުން ބުނެފައިވާ ކަމަށެވެ.