ޚަބަރު

އައިއެމްއެފްގެ ރިޕޯޓް ހޯދަން އީވާ އެދިވަޑައިގެންފި

މުހައްމަދު އިޝާން

ރާއްޖޭގެ އިގުތިސޯދީ ހާލަތާއި އިގުތިސޯދީ ކުރިމަގާ ގުޅޭގޮތުން އިންޓަނޭޝަނަލް މަނިޓަރީ ފަންޑް (އައިއެމްއެފު) އިން ހެދި ރިޕޯޓުގެ ކޮޕީއަކަށް، ރައްޔިތުން މަޖިލީހުގެ ނައިބު ރައީސް އަދި ގަލޮޅު އުތުރު ދާއިރާގެ މެމްބަރު އީވާ އަބްދުﷲ އެދިވަޑައިގެންފިއެވެ.

އީވާ ވަނީ އައިއެމްއެފްގެ ރިޕޯޓުގެ ކޮޕީއެއް ހޯއްދަވަން، ފިނޭންސް މިނިސްޓަރު އިބްރާހީމް އަމީރަށް ސިޓީއެއް ފޮނުއްވައިފައެވެ. އެ ސިޓީގައި އީވާ ވިދާޅުވީ، އައިއެމްއެފުގެ "އާޓިކަލްސް އޮފް އެގްރީމެންޓް"ގައި ބަޔާންކޮށްފައިވަނީ ކޮންމެ އަހަރަކު އެއްފަހަރު އެ ފަންޑުގެ މެމްބަރު ގައުމުތަކުގެ އިގުތިސޯދީ ތަރައްގީގެ އަމާޒުތަކާއި މާލީ ހާލަތު ވަޒަންކުރަންވާނެ ކަމަށެވެ.

އެ ރިޕޯޓު އައިއެމްއެފުގެ އެގްޒެކެޓިވް ބޯޑުން އެސެސްކޮށްފައިވާ އިރު، ދައުލަތުގެ ދަރަނީގެ މިންވަރު ކަންބޮޑުވާ މިންވަރަށް އިތުރުވެފައިވާކަން ފާހަގަކޮށް "ސަސްޓެއިންޑް ފިސްކަލް ކޮންސޮލިޑޭޝަން" އަކީ "ޓޮޕް ޕްރައޮރިޓީ"ގެ ގޮތުގައި ބަޔާންކޮށްފައިވާ ކަމަށް އީވާ ވިދާޅުވިއެވެ. އައިއެމްއެފުން ރިޕޯޓުތައް އާންމުކުރަނީ އެ ރިޕޯޓު ރައްދުވާ ގައުމުގެ ރުހުމާއެކު ކަމަށްވާ އިރު، 2020 ވަނަ އަހަރުން ފެށިގެން އައިއެމްއެފުގެ އެ ރިޕޯޓު ރާއްޖެއިން އާންމުކޮށްފައި ނުވާ ކަމަށެވެ.

އެހެންވެ އެ ރިޕޯޓުގެ ކޮޕީއެއް ހިއްސާކޮށްދިނުމަށް އީވާ ވަނީ އެދިވަޑައިގެންފައެވެ.

"ވީމާ، ރާއްޖޭގެ އިގުތިސޯދީ އަދި މާލީ ހާލަތާ ގުޅޭގޮތުން ސަރުކާރުގެ އަމާޒުތައް ބައްޓަންކުރެވިފައިވާ ގޮތާ މެދު އައިއެމްއެފް އިން ދެކޭ ގޮތް އެންމެ ތަފްސީލުކޮށް ދެނެގަނެވޭތީ އާޓިކަލް IV ގެ ދަށުން އެކުލަވާލާ ރިޕޯޓުންކަމަށްވެފައި، އެ ރިޕޯޓަކީ 2020 ވަނަ އަހަރުގެ ކުރިން ވޭތުވެދިޔަ 10 އަހަރުގެ ތެރޭގައި ހާމަކުރަމުން އަންނަ ރިޕޯޓަކަށްވާތީ، އައިއެމްއެފުގެ އާޓިކަލްސް އޮފް އެގްރީމެންޓް އާޓިކަލް IV ގެ ދަށުން ދިވެހިރާއްޖެއާ ގުޅޭގޮތުން އެކުލަވާލައިފައިވާ، އައިއެމްއެފުގެ ޕްރެސް ރިލީސް 22/449 (20 ޑިސެމްބަރު 20222) ގައި ބަޔާންކުރާ ރިޕޯޓުގެ ކޮޕީއެއް ލިބޭނެގޮތް ހަމަޖައްސައިދެއްވުން އެދެން،" އީވާ ވިދާޅުވިއެވެ.

އަމީރަށް ފޮނުއްވި ސިޓީ ޓުވީޓު ކުރައްވާ އިވާ ވިދާޅުވީ، އިގުތިސޯދީ އަދި މާލީ ކަންބޮޑުވުން އުފެދިފައިވާ ދަނޑިވަޅެއްގައި، ރައްޔިތުންނަށް ދެފުށް ފެންނަ ގޮތަކަށް މައުލޫމާތު ހިއްސާ ނުކުރުމަކީ ނުރައްކާތެރި ކަމެއް ކަމަށެވެ.