ރ. ފުއްގިރި ވިއްކާލައިގެން ރިޝްވަތުގެ ގޮތުގައި ފައިސާ ހޯދައި، އެ ފައިސާ ލޯންޑާކުރި ކަމުގެ ތުހުމަތުގައި ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބުދުލްގައްޔޫމުގެ މައްޗަށް ކުރާ ދައުވާގައި އާ ހެކިތަކެއް ހުށަހެޅުމުގެ ފުރުސަތަކަށް ދައުލަތުންނާއި ރައީސް ޔާމީންގެ ފަރާތުން ކޯޓުގައި އެދިއްޖެއެވެ.
ފުއްގިރި މައްސަލައިގައި ރައީސް ޔާމީންގެ މައްޗަށް ދެ ދައުވާއެއް ކުރެއެވެ. އެއީ ރިޝްވަތު ގަބޫލު ކުރުމުގެ ދައުވާ އާއި މަނީ ލޯންޑަރިންގެ ދައުވާއެވެ.
މި މައްސަލައިގައި މއ. ކުރިކީލަހިޔާ އަހުމަދު ކްރިކް ރިޒާގެ މައްޗަށާއި ސަން ކޮންސްޓްރަކްޝަން އެންޑް އިންޖިނިއަރިން އަދި ސަން އިންވެސްޓްމަންޓްގެ މައްޗަށްވެސް ވަނީ ދައުވާކޮށްފައެވެ. ރިޒާގެ މައްޗަށް ކޮށްފައި ވަނީ ރިޝްވަތު ހިފުމުގައި މެދުވެރިއަކަށް ވުމުގެ ދައުވާ އާއި މަނީލޯންޑަރިންގެ ދައުވާއެވެ. އަދި ސަން ކޮންސްޓްރަކްޝަން އެންޑް އިންޖިނިއަރިން އަދި ސަން އިންވެސްޓްމަންޓްގެ މައްޗަށްވެސް ކޮށްފައިވަނީ މަނީ ލޯންޑަރިންގެ ދައުވާއެވެ.
ޕްރޮސިކިއުޓާ ޖެނެރަލް (ޕީޖީ) އޮފީހުން ބުނާ ގޮތުން، ޔާމީން ވަނީ މަގާމުގެ ނުފޫޒު ބޭނުންކުރައްވައިގެން އަހުމަދު ކްރިކް ރިޒާ މެދުވެރިކޮށް ރިޝްވަތުގެ ގޮތުގައި 1،117،000 އެމެރިކާ ޑޮލަރު ހޯދައި ސަން ކޮންސްޓްރަކްޝަން އެންޑް އިންޖިނިއަރިން އާއި ސަން އިންވެސްޓްމެންޓް ބޭނުންކޮށްގެން އެ ފައިސާ ލޯންޑާކުރުމަށްޓަކައި ފަށަލަކޮށްފައެވެ.
މި ހުރިހާ ދައުވާއެއް ކުރިމިނަލް ކޯޓުގައި ކުރިއަށްގެންދަނީ އެކުއެކީގައެވެ.
ކުރިމިނަލް ކޯޓުގައި ބޭއްވި މި މައްސަލައިގެ އެންމެ ފަހުގެ އަޑުއެހުމުގައި އޮތީ، އިބުތިދާއީ ބަހުސް ނިމި، ޝަރީއަތުގެ ކުރިން ދެ ފަރާތުންވެސް ހުށަހެޅި ކަންތައްތަކާ މެދު ކޯޓުން ގޮތެއް ނިންމުމެވެ.
ނަމަވެސް އޭރު މި މައްސަލަ ބައްލަވަމުން ގެންދެވި، ކުރިމިނަލް ކޯޓުގެ އިސްގާޒީ އަހުމަދު ޝަކީލު އެ މައްސަލައިން ތަނާޒުލުވެވަޑައިގެންފައިވާތީ، މި މައްސަލަތަކާ ހަވާލުވެވަޑައިގެންނެވީ ގާޒީ އަލީ ނަދީމެވެ.
މިއަދުގެ އަޑުއެހުމުގައި ގާޒީ ނަދީމު ހުރިހާ ފަރާތެއްގެ ކިބައިންވެސް އޮޅުންފިލުއްވީ މައްސަލަ ގޮސްފައި އޮތް ހިސާބާ ބެހޭގޮތުންނެވެ.
އެ މައްސަލައިގައި ފުރަތަމަ ފުރުސަތު ދެއްވީ ދައުލަތަށެވެ.
މި މައްސަލައިގެ އިބްތިދާއީ މަރުހަލާ ކުރިއަށް ގޮސް، ޝަރީއަތުގެ ކުރީގެ ހުށަހެޅުންތައް ހުށަހަޅައި، އެ ހުށަހެޅުންތަކަށް ރައްދު ދީފައިވާ ކަމަށް ދައުލަތުގެ ވަކީލު ވިދާޅުވިއެވެ. ނަމަވެސް ފުއްގިރީގެ މުއާމަލާތާ ގުޅިގެން ޕެންޑޯރާ ޕޭޕާސްއިން ހާމަވި މައުލޫމާތުތަކެއް ހުށަހަޅަން އެދި ކޯޓަށް ސިޓީ ފޮނުވާފައިވާނެ ކަމަށްވެސް ދައުލަތުން ބުންޏެވެ. އަދި މި މައްސަލައާ ގުޅޭ އިތުރު ހެކި ލިބިފައިވާތީ އެ ހެކިތައް ހުށަހެޅުމަށް އިތުރު ފުރުސަތު ބޭނުންވާ ކަމަށްވެސް ވިދާޅުވިއެވެ.
ޕެންޑޯރާ ޕޭޕަރަކީ ޔާމީންގެ ވެރިކަމުގައި ނުއަގުގައި ރަށްތަކާއި ފަޅުތައް ދޫކުރުމުގައި ކޮރަޕްޝަންގެ ބޮޑެތި އަމަލުތަކެއް ހިންގާފައިވާކަމުގެ މައުލޫމާތު ހިމަނާފައިވާ ކަރުދާހެކެވެ.
ރައީސް ޔާމީންގެ ދިފާއީ ވަކީލުންގެ ޓީމުންވެސް ވަނީ މި މައްސަލައިގައި އާ ހެކިތަކެއް ހުށަހެޅުމުގެ ފުރުސަތަކަށް އެދިފައެވެ. އޭގެ އިތުރުން ދައުލަތުން ހުށަހަޅާ ކަންކަމާ ގުޅިގެން ޝަރީއަތުގެ ކުރީން ހުށަހެޅުމެއް ހުށަހަޅަން ފުރުސަތު ދެއްވުމަށްވެސް ރައީސް ޔާމީންގެ ޓީމުން ވަނީ އެދިވަޑައިގެންފައެވެ.
އެ ދެ ފަރާތުގެ ވާހަކަތަކާ ގުޅިގެން ޤާޒީ ވިދާޅުވީ އާ ހެކި ހުށަހެޅުމުން ހުށަހަޅާ ކަންކަމަށް ބެލުމަށްފަހު ހެކި ބަލައިގަތުމާ މެދު ގޮތެއް ނިންމަވާނެ ކަމަށެވެ.
ގިނަ ދުވަސްތަކަކަށްފަހު މިއަދު ބޭއްވި މި މައްސަލައިގެ އަޑުއެހުން ކުރިއަށް ގެންދިޔައީ އޮންލައިންކޮށެވެ. އާރަށު މައްސަލައިގެ ހުކުމް ތަންފީޒު ކުރަމުން ގެންދަވާ ކުރީގެ ރައީސް ޔާމީންވެސް މި ޝަރީއަތުގައި ބައިވެރިވެވަޑައިގެންނެވީ އޮންލައިންކޮށެވެ.
ޚަބަރު
ޚަބަރު
ޚަބަރު