ރޭގެ މެޗުގައި ލިވަޕޫލް ބަލިކުރީ 200 ޕަސެންޓް ދީގެން ކަމަށާއި، ސަޕޯޓަރުންނަށް މޮޅާއެކު އުފާވެރިކަން ގެނެސްދެވުނު ކަމަށް ބްރެންޓްފޯޑުގެ ފޯވާޑް ޔޯނޭ ވީސާ ބުނެފިއެވެ.

ބްރެންޓްފޯޑް ދަނޑުގައި އެޓީމުން ރޭ ލިވަޕޫލް ބަލިކުރީ 3-1 ގެ ނަތީޖާއަކުންނެވެ. އިބްރާހިމާ ކޮނާޓޭ އަތުން ބައިކޮޅަށް ވަން ގޯލަކާއެކު ރޭ ބްރެންޓްފޯޑުން ލީޑު ނެގި އިރު، އެޓީމުން ނުރައްކާކޮށް، ހާފު ނިމުމުގެ ކުރިން ދެވަނަ ގޯލެއްވެސް ޖެހިއެވެ. އެ ގޯލަކީ ވީސާ ޖެހި ގޯލެކެވެ. ދެވަނަ ހާފަށް ނުކުމެ އެލެކްސް އޮކްސްލޭޑް-ޗެމްބަލޭންގެ ގޯލުން ނަތީޖާގެ ފަރަގު ކުޑަކުރި ނަމަވެސް ބްރައިން އެމްބޫމޯ ވަނީ ބްރެންޓްފޯޑަށް ތިންވަނަ ގޯލެއް ޖަހައިދީ ތިން ޕޮއިންޓް ޔަގީން ކޮށްދީފައެވެ.

ރޭގެ މެޗުން ބްރައިޓަން މޮޅުވީ 1938 ވަނަ އަހަރުގެ ފަހުން ވާދަވެރި މެޗެއްގައި ލިވަޕޫލްގެ މައްޗަށް ކުރި ނުހޯދި އޮތުމަށްފަހުއެވެ. ރޭގެ މެޗުން ބަލިވެ، ގަދަ ހަތަރެއްގެ ރޭހުގައި ލިވަޕޫލަށް ވަނީ ބޮޑު ގެއްލުމެއް ކުރިމަތިވެފައެވެ. ލިވަޕޫލް އޮތީ 17 މެޗުން 28 ޕޮއިންޓާއެކު ހަވަނައިގައެވެ. ބްރެންޓްފޯޑް ހަތް ވަނައިގައި އޮތީ 18 މެޗުން 26 ޕޮއިންޓް ހޯދައިގެންނެވެ.

"އާދަޔާހިލާފު މޮޅެއް މިއީ. ލިވަޕޫލަކީ ދުނިޔޭގެ އެންމެ ވަރުގަދަ އެއް ޓީމު. އެޓީމު ބަލިކުރަން 200 ޕަސެންޓް ދޭން ޖެހޭނެ. އެ މަސައްކަތް ޓީމުން ކުރި. އަހަރެން އުންމީދުކުރަނީ ސަޕޯޓަރުންނަށް ހިތްހަމަޖެހުން ލިބުނު ކަމަށް،" ވީސާ ބުންޏެވެ.

ބްރެންޓްފޯޑުން ވަނީ ތާރީހީ ނަތީޖާތަކެއް މި ސީޒަނުގައި ނެރެފައެވެ. އެގޮތުން މެންޗެސްޓާ ޔުނައިޓެޑްގެ މައްޗަށް 4-0 ގެ ނަތީޖާއަކުން ކުރި ހޯދި އިރު، ޗެލްސީއާ ވަނީ އެއްވަރުކޮށްފައެވެ. އޭގެ އިތުރުން މެންޗެސްޓާ ސިޓީ ބަލިކޮށް، ޓޮޓެންހަމްއާވެސް ބްރެންޓްފޯޑް ވަނީ އެއްވަރުކޮށްފައެވެ.

"މިއީ އާދަޔާހިލާފު ރެޔެއް. ކުޅުންތެރިންނަށް ތައުރީފުކުރަން ޖެހޭނެ ގޮތެއް ނުވެސް އެނގޭ. ކުޅުންތެރިން ދެއްކީ ތަފާތު މޮޅު ކުޅުމެއް. ތަފާތު ހިތްވަރެއް. ޓީމުގެ ހިތްވަރާއި، އެކުވުން، އެއީ ލިވަޕޫލް ބަލިކުރެވުނު ސަބަބަކީ،" ބްރެންޓްފޯޑުގެ ކޯޗު ތޯމަސް ފްރޭންކް ބުންޏެވެ.