ބްރެޒިލްގެ ފުޓްބޯޅަ އައިކަން، ޕެލޭގެ ޖަނާޒާގެ ކަންކަން އޭނާ އެންމެ ގިނަ ދުވަސްވަންދެން ކުޅުނު ސަންޓޯސް ސްޓޭޑިއަމްގައި ފަށައިފިއެވެ.

އުމުރުން 82 އަހަރުގައި ޕެލޭ ދުނިޔެ ދޫކޮށްފައި ހޮސްޕިޓަލުގައި އެނދުމަތި ކޮށްފައި އޮންނަތާ ދުވަސްތަކެއް ވުމަށްފަހު މިދިޔަ ޑިސެންބަރު މަހުގެ 30 ވަނަ ދަވަހުއެވެ. ޕެލޭ ފަރުވާ ހޯދަމުން ދިޔައީ ކެންސަރު ބައްޔަށެވެ. ޕެލޭއަށް ކެންސަރު ޖެހިފައިވާކަން އާއިލާއިން އިއުލާންކުރީ 2021 ވަނަ އަހަރުގެ ތެރޭގައެވެ.

ކެރިއަރުގައި ތިން ފަހަރު ވޯލްޑް ކަޕް ކާމިޔާބުކޮށްފައިވާ ޕެލޭ، 2021 ވަނަ އަހަރު ސެޕްޓެމްބަރު މަހު ބަނޑުގެ އޮޕަރޭޝަނެއްގައި ގޮހޮރުގެ ތެރެއިން ޓިއުމަރެއް ނަގާފައިވެއެވެ. އަދި އޭގެކުރިން 2019 ވަނަ އަހަރު ޔޫރިން އިންފެކްޝަނެއްގެ ސަބަބުންވެސް ޕެލޭއަށް ވަނީ ހޮސްޕިޓަލުގައި އެޑްމިޓް ކޮށްގެން ފަރުވާދީފައެވެ.

ޕެލޭ ވަނީ ބްރެޒިލް ޓީމަށް ކުޅެދިން 91 މެޗުން 77 ގޯލު ޖަަހައިފައެވެ. އޭނާގެ ލެގަސީ އެންމެ ބޮޑަށް ގުޅިފައިވަނީ ވޯލްޑް ކަޕާއެވެ. 1958، 1962 ވަނަ އަހަރު ވޯލްޑް ކަޕް ޕެލޭ ބްރެޒިލާއެކު ހޯދާފައިވާ އިރު، 1970 ވަނަ އަހަރުގެ ވޯލްޑް ކަޕްވެސް ޕެލޭ ބްރެޒިލާއެކު ކާމިޔާބުކުރިއެވެ. ގިނަ ބަޔަކު ދެކޭ ގޮތުގައި ޕެލޭއަކީ ދުނިޔޭގެ ތާރީހު ދުށް އެންމެ ހުނަރުވެރި، އަދި އެންމެ މޮޅު އެއް ކުޅުންތެރިޔާއެވެ.

ޕެލޭގެ މަރާއެކު މުޅި ކުޅިވަރު އާއިލާ ތައުޒިޔާގެ މެސެޖުތައް ފޮނުވަމުންދާ އިރު، އޭނާގެ ހަށިގަނޑު އިސްރައެލީޓާ އަލްބާޓް އެއިންސްޓެއިން ހޮސްޕިޓަލުން ސަންޓޯސް ސްޓޭޑިއަމަށް ގެންގޮސްފައި ވަނީ މިއަދުގެ ވަގުތެއްގައެވެ. ޕެލޭގެ ޖަނާޒާއަށް ބްރެޒިލްގެ އެތައް ބަޔަކު މަގުތަކަށް ނުކުމެފައިވާ އިރު، އޭނާގެ މޫނު ބެލުމަށް ފުޓުބޯޅަ ލެޖެންޑުންވެސް ވަނީ ބްރެޒިލަށް ގޮސްފައެވެ.

ފީފާގެ ރައީސް ޖިއާނީ އިންފަންޓީނޯވެސް ބްރެޒިލްގެ ވިލާ ބެލްމީރޯގެ ސަންޓޯސް ސްޓޭޑިއަމަށް ގޮސްފައިވާ އިރު، އޭނާ ވިދާޅުވީ ޕެލޭއަކީ ދުނިޔޭގެ ފުޓުބޯޅައިގައި އަބަދަށް ދެމިގެންދާނެ ހަނދާނެއް ކަމަށާއި ޕެލޭގެ ޝަރަފަށްޓަކައި ފީފާއިން އަބަދުވެސް ހަނދާންތައް އާކުރަމުން ގެންދާނެ ކަމަށެވެ. ޕެލޭގެ ސަންދޯއް ސަންޓޯސް ސްޓޭޑިއަމް މެދުގައި ބަހައްޓާފައިވާ އިރު، ވަށައިގެން ބްރެޒިލްގެ މަޝްހޫރު ކުޅުންތެރިން ސޮއިކޮށްފައިވާ މާބޮނޑިތައް ބަހައްޓައި، ޝަރަފުގެ ބެނާތައް ސްޓޭޑިއަމްގައި އެލުވާފައިވެއެވެ.

ސަންޓޯސް ސްޓޭޑިމުން ޕެލޭގެ ހަށިގަނޑު، އޭނާ ވަޅުލުމަށް ހާއްސަ ކްރިސްޓިއަން ގަބުރުސްތާނަށް ގެންދަން ހަމަޖެހިފައި ވަނީ މާދަމާގެ ވަގުތެއްގައެވެ. ހަބަރުތައް ބުނެފައި ވަނީ ޕެލޭ ވަޅުލާނީ ގަބުރުސްތާނުގެ ނުވަވަނަ ބުރީގައެވެ. އެއީ ހާއްސަ ސަންދޯކެއް ހިމެނޭ ތަނެއްގައެވެ. އިނގިރޭސި ނޫސް މިރޯ އިން ބުނެފައި ވަނީ ޕެލޭ ވަޅުލާނީ އޭނާގެ ބައްޕަ، ޑޮންޑީނޯގެ ހަށިގަނޑުވެސް ވަޅުލާފައިވާ ތަނުގައި ކަމަށެވެ.

ޕެލޭގެ ހަށިގަނޑު ވަޅުލުމަށް ގެންދާނީ އޭނާގެ އުފަން ގޭގެވެސް ކުރިމަތިންނެވެ. އެއީ އުމުރުން 100 އަހަރު މަންމަ ސެލެސްޓޭއަށް ހަށިގަނޑު ދައްކާލުމަށް ކަމަށްވެސް ނޫސްތައް ބުނެފައިވެއެވެ.

ސަންޓޯސް ސްޓޭޑިއަމަކީ ޕެލޭގެ ޖާދުވީ މަންޒަރުތައް މީހުންނަށް ފުރަތަމަ ފެނިގެން ދިޔަ ސްޓޭޑިއަމެވެ. އޭނާ ސަންޓޯސްތައް 1956 ވަނަ އަހަރުން 1974 ވަނަ އަހަރާ ހަމައަށް ކުޅެފައިވާ އިރު، 600 އަށްވުރެ ގިނަ މެޗު އެ ކްލަބަށް ކުޅެދީފައިވެއެވެ. އޭގެ ފަހުން ޕެލޭ ކުޅުނީ އިތުރު އެންމެ ކްލަބަކަށެވެ. އެއީ ދެ ސީޒަނަކަށް ނިއު ޔޯކް ކޮސްމޯސްއަށެވެ.