އިންޑިއާ ހައި ކޮމިޝަންގައި ހުޅުޖަހަން ހިތްވަރު ދިން މައްސަލާގައި ހައްޔަރުކުރި ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ ވެރިކަމުގައި ކޮމިޝަނަރު ޖެނެރަލް އޮފް ކަސްޓަމްސްގެ މަގާމުގައި ހުންނެވި އައްބާސް އާދިލް ރިޒާގެ ބަންދަށް އިތުރު ހަތް ދުވަސް ޖަހައިފިއެވެ.

ފުލުހުން އޭނާ ހައްޔަރުކުރީ މި މަހުގެ 25 ވަނަ ދުވަހުއެވެ. އެ ދުވަހު އޭނާ ބަންދުކުރީ ފަސް ދުވަހުގެ މުއްދަތަކަށެވެ.

މީގެ ކުރީން ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ހަށިކޮޅުގައި ހުޅުޖަހަން ހިތްވަރު ދިން އައްބާސް އޭނާގެ ޓުވިޓާ އެކައުންޓުން ކުރި ޓުވީޓެއްގައި ވިދާޅުވީ، 2012 ވަނަ އަހަރުގެ ފެބްރުއަރީ މަހުގެ އަށްވަނަ ދުވަހު އައްޑޫގައި ހުޅުޖެހީ އިންޑިއާގެ އޯޑަރަށް ކަމަށެވެ.

"(ހުޅުޖެހުމުގެ) ބަދަލު އަދި އޮތީ ނުހިފި. އެމްބަސީން ފަށަން އަޅުގަނޑަށް ފެންނަނީ،" ރާއްޖޭގައި ތިބި އިންޑިއާގެ ސިފައިން ބޭލުމަށް ގޮވާލައި އިދިކޮޅުން ކުރިއަށްގެންދާ "އިންޑިއާ އައުޓް" ހޭޝްޓެގާއެކު އައްބާސް ވިދާޅުވިއެވެ.

އޭނާ ހައްޔަރުކޮށްފައިވާ އިރު، އިންޑިއާ ހައި ކޮމިޝަންގައި ހުޅުޖަހަން ހިތްވަރުދިން މައްސަލަ ސީރިއަސް މައްސަލައެއްގެ ގޮތުގައި ބަލާނެ ކަމަށް ފުލުހުން ވަނީ ބުނެފައެވެ. އަދި އެކަން ސިޔާސީ ޕާޓީތަކުންވެސް ވަނީ ކުށްވެރިކޮށްފައެވެ.