ސްޕެނިޝް ލަލީގާގައި މިރޭ ބާސެލޯނާއިން ކުޅުނު މެޗުގައި އެސްޕަނިޔޯލާ އެއްވަރުވެއްޖެއެވެ.
ބާސާ ދަނޑުގައި މިރޭ ކުޅުނު މެޗު އެއްވަރުވީ 1-1ގެ ނަތީޖާއަކުންނެވެ. މެޗުގެ ފަހު ކޮޅުގައި ހޫނުވެ، ދެ ރަތް ކާޑުވެސް ފުލުފުލުން ފެނިގެން ގޮސްފައިވެއެވެ. މެޗުގެ 78 ވަނަ މިނެޓުގައި ބާސެލޯނާގެ ޑިފެންޑަރު ޖޯޑީ އަލްބާއަށް ރަތް ކާޑު ދައްކާފައިވާ އިރު، އޭގެ މިނެޓެއް ފަހުން އެސްޕަނިޔޯލްގެ ވިނީޝިއަސް ސޯޒާއަށްވެސް ރެފްރީ އެންޓޯނިއޯ މަޓެއޫ ލާހޯޒް ވަނީ ރަތް ކާޑު ދައްކައިފައެވެ.
ލާހޯޒަކީ ވޯލްޑް ކަޕްގެ ކުއާޓާ ފައިނަލްގައި ނެދަލޭންޑްސްއާއި އާޖެންޓީނާ ކުޅުނު މެޗުގެ ރެފްރީއެވެ. އެ މެޗުގައި އޭނާ 16 ރީނދޫ ކާޑާއި ދެ ރަތް ކާޑު ދެއްކުމުން ގިނަ ބައެއްގެ ފާޑުކިޔުން އަމާޒުވެފައިވާ އިރު، މިރޭގެ މެޗުގައި އެސްޕަނިޔޯލްގެ ލެއާންޑްރީ ކަބްރޭރާއަށްވެސް ލާހޯޒް ވަނީ ރަތް ކާޑު ދައްކައިފައެވެ. ނަމަވެސް އެ ނިންމުން ފަހުން ވީއޭއާރް ބަލައި ބަދަލުކުރިއެވެ.
މިރޭގެ މެޗުގައި ބާސާ ކޯޗު ޒަވީ ހެނާންޑޭޒްއަށްވެސް ރެފްރީ ރީނދޫ ކާޑު ދެއްކި އިރު، މެޗުގައި ޖުމުލަ 15 ރީނދޫ ކާޑެއް ފެނިގެންދިޔައެވެ.
މިރޭ މެޗުގެ ކުރީކޮޅުގައި ބާސާއިން ލީޑު ނެގިއެވެ. ހަތްވަނަ މިނެޓުގައި ކޯނަރަކަން އަންދްރޭސް ކްރިސްޓިއަންސަން ޖައްސާލި ބޯޅަ ގޯލަށް ވައްދާލީ ސެންޓަ ބެކަށް ކުޅެމުންދިޔަ މާކަސް އެލޯންސޯއެވެ.
މެޗުގައި ލީޑު ފުޅާކުރަން ބާސާއަށް ލިބުނު އިތުރު ފުރުސަތުތައް ބޭކާރު ވެގެންދިޔަ އިރު، އެސްޕަނިޔޯލުން ނަތީޖާ ހަމަހަމަކުރީ މެޗުގެ 73 ވަނަ މިނެޓުގައި ލިބުނު ޕެނަލްޓީއެއްގައެވެ. ޕެނަލްޓީ އޭރިއާ ތެރެއިން އެލޯންސޯ، ޖޮސެލޫއަށް ކުރި ފައުލަކަށް ރެފްރީ ދިން ޕެނަލްޓީ ކާމިޔާބުކޮށްދިނީވެސް ޖޮސެލޫއެވެ.
މިރޭގެ މެޗުން ލިބުނު ޕޮއިންޓާއެކު ބާސާއިން ލަލީގާގެ އެއްވަނައިގައި އޮތީ ފައިދާ ގޯލުގެ ފަރަގުންނެވެ. ދެވަނައިގައި އޮތް ރެއާލް މެޑްރިޑާއި ބާސާވެސް މިހާތަނަށް ކުޅުނު 15 މެޗުން ހޯދާފައި ވަނީ 38 ޕޮއިންޓެވެ. ބާސާއަށް ފައިދާ 28 ގޯލު ލިބޭއިރު، ރެެއާލްއަށް ލިބެނީ 21 ގޯލެވެ.
ސްޕެނިޝް ލަލީގާ
ސްޕެނިޝް ލަލީގާ
ސްޕެނިޝް ލަލީގާ
ސްޕެނިޝް ލަލީގާ