އެމްޓީސީސީގެ ރާއްޖެ ޓްރާންސްޕޯޓް ލިންކް (އާރުޓީއެލް) ބަހު ހިދުމަތުގައި ކޭޝް ކާޑް ބޭނުންކުރަން ފެށުމަށް އެ ހިދުމަތުގެ ޓެސްޓުތަކެއް ކުރިއަށް ގެންދަން ނިންމައިފިއެވެ.
އެމްޓީސީސީން މިއަދު މީޑިއާތަކަށް ބުނީ ވިސާ ކާޑު އަދި މާސްޓާ ކާޑު ބޭނުންކޮށްގެން ބަހަށް ފައިސާ ދެއްކުމުގެ ހިދުމަތް ފެށުމުގެ ޓެސްތުތައް ކުރިއަށް ގެންދަން ނިންމާފައިވަނީ ޖަނަވަރީ 1 އަދި 2 ވަނަ ދުވަހު ކަމަށެވެ.
އެ މުއްދަތުގައި މާލެ ތެރޭގައި ފޯރުކޮށްދޭ ބަހުގެ ހިދުމަތަށް މާސްޓާ ކާޑު އަދި ވިސާ ކާޑުގެ ކޮންޓެކްޓް ލެސް ކާޑު ބޭނުންކޮށްގެން ފައިސާ ދެއްކޭނެ ކަމަށްވެސް ބުންޏެވެ.
މާލޭގައި މިނީ ބަހުގެ ހިދުމަތް ދޭން ފަށާފައިވަނީ މި އަހަރުގެ ސެޕްޓެމްބަރު މަހުގެ ފަސް ވަނަ ދުވަހުއެވެ. އަގު ނަގަން ފެށީ އޭގެ ހަތަރު ހަފުތާ ފަހުންނެވެ. މާލޭ ތެރޭގައި ދޭ ބަހުގެ ހިދުމަތަށް ނަގަނީ ހަތް ރުފިޔާއެވެ.
ނަމަވެސް އުމުރުން ދުވަސްވީ މީހުންނާއި ތިން އަހަރު ނުވާ ކުޑަކުދިންނާއި ހާއްސަ އެހީއަށް ބޭނުންވާ މީހުންގެ އިތުރުން ޔުނިފޯމުގައި ތިބޭ ސްކޫލު ދަރިވަރުންނަށް ހިލޭ ދަތުރުކުރެވޭނެއެވެ.
ބަހުގެ ހިދުމަތަށް ފައިސާ ދެއްކުމަށް މިހާރު ބަސް ކާޑުގެ އިތުރުން އޮންލައިންކޮށް، އާރުޓީއެލްގެ އެޕްލިކޭޝަން މެދުވެރިކޮށްވެސް ޓިކެޓް ނެގެއެވެ.
ޚަބަރު
ޚަބަރު
ޚަބަރު