ދެ ކުއްޖަކާ ބެހުނު މީހަކު 15 އަހަރަށް ޖަލަށްލާން ކްރިމިނަލް ކޯޓުން ހުކުމްކޮށްފިއެވެ.

މި މައްސަލާގައި ހުކުމް ކޮށްފައިވަނީ ވ. ހުވަފެން/ އަލީ ޝަފީގު ނަމަކަށް ކިޔާ މީހެއްގެ މައްޗަށެވެ.

ދެ ކުއްޖަކާ ބެހުނު މައްސަލާގައި އޭނާގެ މައްޗަށް ދައުލަތުން ކުރީ ކުޑަކުއްޖަކު އިތުބާރުކުރަންޖެހޭ މަގާމެއްގައި ހުރި މީހަކު އެ ކުއްޖާއާއެކު ޖިންސީ އަމަލު ހިންގުމުގެ ކުށުގެ ދައުވާއެވެ. ޝަރީއަތުގެ މަޖިލީހުގައި މި ދައުވާއަށް އޭނާ ވަނީ އިންކާރުކޮށްފައެވެ.

ނަމަވެސް މައްސަލަ ސާބިތުކުރުމަށް ދައުލަތުން ހުށަހަޅާފައިވާ އެންމެހާ ހެކި ގަރީނާއަށް ބަލައި އިރު، އެއީ ގާނޫނުއަސާސީގެ 51 ވަނަ މާއްދާގެ (އ) ގައި ބަޔާންކުރާ އެކަށީގެންވާ ޝައްކެއް ނެތް މިންވަރަށް އެ ޝަރީއަތަށް ސާބިތުވާ މައްސަލައެއް ކަމަށް ކްރިމިނަލް ކޯޓުގެ ގާޒީ އާދަމް މުހައްމަދު ކަނޑައެޅުއްވިއެވެ.

އެހެންކަމުން ޝަފީގުގެ މައްޗަށް އެ ދައުވާ ސާބިތުވުމުން ކުށުގެ އުގޫބާތެއްގެ ގޮތުން ކުޑަކުދިންނަށް ޖިންސީ ގޯނާކުރާ މީހުންނާމެދު ހާއްސަ އުސޫލުތަކަކަށް އަމަލުކުރުމުގެ ގާނޫނުގެ 9 ވަނަ މާއްދާގެ (ހ) އާ ހަވާލާދީ، އެ މާއްދާގެ (ށ) ގެ ދަށުން ޝަފީގު 15 އަހަރު ދުވަހުގެ މުއްދަތަށް ޖަލަށްލުމަށް މިދިޔަ ބުރާސްފަތި ދުވަހު ގާޒީ އާދަމް މުހައްމަދު ހުކުމްކުރެއްވިއެވެ.