ކެންސަރު ބަލީގައި ދުވަސްތަކެއް ހޭދަކުރުމަށްފަހު ބްރެޒިލްގެ ފުޓްބޯޅަ ލެޖެންޑް ޕެލޭ ވަނީ މިދިޔަ ބުރާސްފަތި ދުވަހު ދުނިޔެއިން ވަކިވެގެންގޮސްފައެވެ. ޕެލޭއަކީ ކުޅުންތެރިއެއްގެ ގޮތުގައި ތިން ފަހަރު ވޯލްޑްކަޕް ކާމިޔާބުކުރި ހަމައެކަނި ކުޅުންތެރިޔާއެވެ. ހުނަރާއި އަޚުލާގުގެ ގޮތުން ދެވަނައެއްނުވާ ހުނަރުވެރިއެކެވެ. ޕެލޭގެ ވަކިވުމަކީ ދުނިޔޭގެ ފުޓްބޯޅަ އާއިލާއަށް ލިބުނު ނުހަނު ބޮޑު ހިތާމައެކެވެ. ބޯޅަޔަކީ ގައުމުތައް އެކުވެރިކުރުވާ އެއްޗެކެވެ. ވަކިވެގެން އެދިޔައީ ބޯޅައިގެ ރަމްޒެކެވެ. ޕެލޭގެ ހަނދާނުގައި ލިޔެފައިވާ ވަރަށް ގިނަ ލިޔުންތައް ދިވެހި ނޫސްތަކުންވެސް އެބަފެނެއެވެ. ކޮންމެހެން އެވާހަކަތައް ތަކުރާރުކުރުމުގެ ވިސްނުމެއް ނެތެވެ. ހިތުގައި އޮތީ އައު ވާހަކައެއް ލިޔުމުގެ ގަސްތެވެ. އާއްމުކޮށް މީހުން ނުދައްކާ ވާހަކައެއް ނުވަތަ ވާހަކަތަކެއް ލިޔުމުގެ ގަސްތެވެ. ފަށަމާބަހީއެވެ.

އުމުރުން 82 އަހަރުގައި ދުނިޔެއަށް އަލްވިދާއު ކިޔާފައިވާ ޕެލޭގެ އަސްލު ނަމަކީ ޕެލޭއެއް ނޫނެވެ. ބްރެޒިލްއަކީ އަސްލު ނަމަށްވުރެ ވަނަމުން މީހުން މަޝްހޫރުވާ ގައުމެކެވެ. އޭނާގެ އަސްލު ނަމަކީ އެޑްސަން އަރަންޓެސް ޑޮނަސިމެންޓޯއެވެ. މައިންބަފައިން އޭނާއަށް ނަންދިނީ އެމެރިކާގެ މަޝްހޫރު ސައިންސްވެރިޔާ ތޯމަސް އެޑިސަންގެ ނަމަށް ނިސްބަތްކޮށްފައެވެ. ތޯމަސް އެޑިސަނަކީ މުވާސަލާތާއި ހަކަތައިގެ ދާއިރާގައި ވަރަށް ގިނަ އައު އުފެއްދުންތައް ތައާރަފުކޮށް ދުނިޔެއަށް އުފެއްދުންތެރިކަމުގެ އިންގިލާބެއް ގެނެސްދިން އީޖާދީއެކެވެ. ޕެލޭއަށް އެޑްސަނޭ ކިޔައި ނަންދިނީ އެމީހާގެ ޝަރަފުގައެވެ. ސައިންސްވެރިޔަކަށް ހަދައި އައު އީޖާދީއަކަށްވާނެ ކަމުގެ އުންމީދުގައެވެ. އެހެންނަމަވެސް ޒުވާން އެޑްސަންގެ ޝައުގު އަމާޒުވީ ސައިންސަކަށް ނޫނެވެ. ފުޓްބޯޅަޔަށެވެ.

ކުޑަކުޑަ އެޑްސަންގެ ޝައުގުވެރިކަން ފުޓްބޯޅައަށް އަމާޒުވީ އޭނާގެ ބައްޕަ ޑޮންޑީނިއޯގެ ސަބަބުންނެވެ. ބައްޕަޔަކީ ބްރެޒިލްގެ ބޮޑެތި ކުލަބްތަކަށް ކުޅުނު ފޯވާޑެކެވެ. ފްލުމިނެންސީއާއި އެތުލެޓިކޯ މިނެއިރޯ ފަދަ ޓީމުތަކަށެވެ. އެކަމަކު އެޑްސަންގެ ހީރޯއަކީ ބައްޕައެއް ނޫނެވެ. ބައްޕަޔާއެކު ކުޅުނު ގޯލްކީޕަރެވެ. ގޯލްކީޕަރުގެ ނަމަކީ ބިލޭއެވެ. އަސްލު ނަމަކީ ހޯސޭ ލީނޯއެވެ. މީނާއަކީ އޭރު ވަސްކޯ ޑި ސައޮ ލޯރެންޒޯގެ އެއްވަނަ ކީޕަރެވެ. ކޮންމެއަކަސް އެއީ ކުޑަކުޑަ އެޑްސަންގެ ހީރޯއެވެ. އުމުރުގެ ޅަކަމާއެކު ބިލޭގެ ނަން އޭނާއަށް ރަނގަޅަކަށް ނުކިޔެއެވެ. ކިޔެނީ ޕެލޭ، މިހެންނެވެ. ޕެލޭއަކަށްވީ މިގޮތުންނެވެ. އެޑްސަންގެ އުމުރުން ދެ އަހަރުވީއިރުވެސް ވާހަކައެއް ނުދެއްކެއެވެ. ވާހަކަ ދައްކަން ފެށިއިރުވެސް ނަންތައް ކިޔުމުގައި އުނދަގޫކަމެއް ހުރެއެވެ. ބިލޭގެ ނަންވެސް ހެޔޮކޮށް ނުކިޔުނީ އެހެންވެގެންނެވެ.

ކޮންމެއަކަސް ތަންގަނޑުގެ އެހެން ކުދިން ކުޑަކުޑަ އެޑްސަނަށް ޕެލޭގެ ނަންކިޔައި އެނަން ހަރުކޮށްފިއެވެ. ޕެލޭ، މިނަން ހަރުވުމުގެ ކުރިން އެހެން ބައެއް ނަންނަމުންވެސް އޭނާއަށް ގޮވައި އުޅުނެވެ. އާއިލާގެ ބައެއް މެންބަރުން އޭނާއަށް ޑިކޯއޭވެސް ކިޔައެވެ. ޕެލޭގެ މަންމަ މާރިއާ ރޮސަލީނާ އަބަދުވެސް ބޭނުންކުރީ ޑިކޯ، މިނަމެވެ. ބްރެޒިލްގެ ސަންތޯޝް ކުލަބަށް ކުޅެންފެށިތާ ކުރީކޮޅު އެޓީމުގެ ސަޕޯޓަރުން އޭނާއަށް ގެސޮލީނާއޭވެސް ކިޔައި އުޅުނެވެ. އެއީ ލަވަކިޔުންތެރިއަކަށް ނިސްބަތްކޮށްފައި ކިޔާންފެށި ނަމެކެވެ. ސުވިޑަންގައި 1958 ވަނަ އަހަރު ބޭއްވުނު ވޯލްޑްކަޕުގައި އެޑްސަން ވިދާލައި މުޅި ދުނިޔޭގައިވެސް ޕެލޭގެ ނަމުން މަޝްހޫރުވީމާ ދެން އޭނާވެސް މިނަމާދޭތެރޭ ޝަކުވާކުރުން ހުއްޓާލީއެވެ. އެހެންގޮތެއް ނެތިގެންނެވެ.

ދިވެހިންނަށް ޕެލޭގެ ނަން އެނގުނީ ނުވަތަ ދަސްވީ 1970 ވަނަ އަހަރުގެ ވޯލްޑްކަޕަށް ފަހުގައި ކަމަށް ހީވެއެވެ. އެއީ ޕެލޭގެ އެންމެ ފަހު ވޯލްޑްކަޕެވެ. ސުޕަރ ހީރޯއެއްގެ ދަރަޖައަށް ޕެލޭ އުފުލުނީ އެ ވޯލްޑްކަޕަށްފަހުގައެވެ. ޕެލޭގެ މޮޅުކަމުގެ ވާހަކަ އެކިގޮތްގޮތަށް ފެތުރުނެވެ. ބޭރުބޯޓުފަހަރުގައި އުޅުނު ދިވެހި ފަޅުވެރިން މިވާހަކަތައް އަޑުއަހައިގެން ރާއްޖެ އައިސް ދިވެހީންނަށް ކިޔައިދިނުން އޮވެއެވެ. ދެކުނު އެމެރިކާގެ ބަނދަރުތަކަށްވެސް ދިވެހި ފަޅުވެރިން ގޮސްއުޅެއެވެ. ޕެލޭގެ ވާހަކަ އެންމެ ފުރަތަމަ އަޅުގަނޑަށް ކިޔައިދިނީވެސް ކުރީގެ ފަޅުވެރިޔެކެވެ. އޭނާ ބުންޏެވެ. މެޗު ނިމެން ފަސް މިނިޓަށްވީމާ ހެލިކޮޕްޓަރުގައި އައިސް ސެންޓަރ ސާކަލްގެ ތެރެއަށް ޕެލޭ ފައިބާނެއެވެ. ތިން ހަތަރު ލަނޑު ޖަހައިފައި މެޗު ނިމުމުގެ ކުރިން އަނެއްކާވެސް ހެލިކޮޕްޓަރުގައި ނައްޓައިލާނެއެވެ.

ޕެލޭގެ ޕެނަލްޓީއެއްގެ ވާހަކަވެސް ދިވެހީންގެ ތެރޭގައި ކިޔައެވެ. އެވާހަކަ ކިޔަނީ މިހެންނެވެ. ނެރީ ޕޮމްޕިޑޯ އާއި ޕެލޭއަކީ ދެބެއިންނެވެ. ޕެލޭ ކުޅުނީ ބްރެޒިލްއަށެވެ. ޕޮމްޕިޑޯ ކުޅުނީ އާޖެންޓީނާގެ ގޯލަށެވެ. ވޯލްޑްކަޕްގެ ފައިނަލްގައި ބްރެޒިލްއަށް ޕެނަލްޓީއެއް ލިބުނެވެ. ޕޮމްޕިޑޯ ބުންޏެވެ. މަ މަރައިފައި ނޫނީ ގޯލެއް ނުޖެހޭނެއެވެ. ޕެލޭ ބުންޏެވެ. ތަ މަރައިފައިވެސް ޖަހާނަމެވެ. މި ޕެނަލްޓީ ޖަހާނީ މެދުރޮނގު މަތިންނެވެ. ދެން މެދުރޮނގުން ޕެނަލްޓީ ޖެހިލެއް ބާރުކަމުން ޕޮމްޕިޑޯގެ މޭގައި ޖެހިފައި އޭނާ މަރުވެގެން ބޯޅަޔާއެކު ވެއްޓުނީ ގޯލްގެ ތެރެއަށެވެ. ވާހަކަތައް މިހެން ކިޔައިއުޅުނަސް މިއީ މުޅިން ހޮޅި ވާހަކަތަކެކެވެ. ހަގީގަތުގެ ކަންފުޅެއްވެސް ނެތް ވާހަތަކެކެވެ. މިވާހަކަ މިގެނައީ ދިވެހީންނަށް ޕެލޭގެ ނަން ދަސްވީގޮތް ބަޔާންކުރުމުގެ ގޮތުންނެވެ.