ނަވާރަ ސަތޭކަ ފަންސާސްވަނަ އަހަރު، ޖުލައި މަހުގެ 16 ވަނަ ދުވަހު ބްރެޒިލުން ވޯލްޑް ކަޕެއް ހޯދަން ފައިނަލް ބުރުގައި އަމިއްލަ ފަސްގަނޑުގައި ނުކުތީ އުރުގުއާއީއާ ދެކޮޅަށެވެ. އޭރުގެ ފޯމެޓް އޮންނަ ގޮތުން ތަށި ލިބޭނެ ޓީމު ކަނޑައަޅަނީ ފައިނަލް ބުރުގެ ހަތަރު ޓީމު ވާދަކުރާ ގްރޫޕް ސްޓޭޖަކުންނެވެ. 1950 ވަނަ އަހަރު އުރުގުއާއީއާ ދެކޮޅަށް ކުޅުނު މެޗު އެއްވަރުކޮށްގެންވެސް ބްރެޒިލަށް ފުރަތަމަ ފަހަރަށް ވޯލްޑް ކަޕެއް ހޯދެން އޮތެވެ. އެ މެޗުގައި ހައިރާންކުރުވަނިވި، 2-1 ގެ ނަތީޖާއަކުން ބަލިވެ، ބްރެޒިލަށް ކުރިމަތިވީ މާޔޫސްކަމާއެވެ.

ފުޓުބޯޅައިގެ ލޭ ހިނގާ ބްރެޒިލަށް ވޯލްޑް ކަޕެއް އޭރު އޮތީ ކޮންމެހެން ބޭނުންވެފައެވެ. ފަގީރުކަމުގައި ގަނަތެޅެމުންދިޔަ އެތައް އާއިލާއަކަށް އުފާ ލިއްބައިދޭ އެއްޗަކީ ފުޓުބޯޅަ ކަމަށްވެފައި އޮތް އިރު، 1950 ވަނަ އަހަރު ވޯލްޑް ކަޕް ފަހު ބުރުގައި ބްރެޒިލުން އުރުގުއާއީއާ ދެކޮޅަށް ކުޅުނު މެޗުގެ ކޮމެންޓްރީ މުޅި ގައުމުގައި ދިޔައީ ރޭޑިއޯއިން އަޑު އަހަމުންނެވެ. ތަންތަނަށް މީހުން ޖަމާވެ، އެ ކޮމެންޓްރީ މުޅި ގައުމުގައި ގުގުމަމުން ދިޔަ އިރު، މެޗު ނިމިގެންދިޔައީ މުޅި ގައުމު ފެންކަޅި ކުރުވާފައެވެ. ފައިނަލް މެޗުގެ ހިތި ނަތީޖާއާއެކު ރޮމުން މަގުމައްޗަށް ނުކުތް އެކަކަކީ، ބްރެޒިލް ލެޖެންޑް، އެޑްސޮން އަރަންޓޭސް ޑޮ ނަސިމެންޓޯ ނޫނީ ޕެލޭގެ ބައްޕަ، ޑޮންޑީނިއޯއެވެ. އޭރު ޕެލޭގެ އުމުރުން އެންމެ ނުވަ އަހަރެވެ. މަންމައަށް ފިލައިގެން މެޗުގެ ކޮމެންޓްރީ އަޑުއެހި ޕެލޭ، ބައްޕަގެ ރުއިން ހުއްޓުވާލަން ވީ އެންމެ ވައުދެކެވެ. "ބައްޕަ ރުއިން ހުއްޓާލައި، އަހަރެން ބައްޕައަށް ވޯލްޑް ކަޕް ހޯދައިދޭނަން،" މިހެން ބުނެ ވީ ވައުދެވެ.

އުމުރުން 82 އަހަރުގެ ޕެލޭ، މިދިޔަ އަހަރުން ފެށިގެން ކެންސަރަށް ފަރުވާ ހޯދަމުން ގޮސް، ރޭގެ ވަގުތެއްގައި މަރުވި ހަބަރުން ފުޓުބޯޅަ ދުނިޔެ ރޮއްވާލައިފިއެވެ. ގުދުރަތީ ހުނަރުން ފުޓުބޯޅަ އުފާވެރިކޮށްލި، ތާރީހުގެ އެއްވަނަ ވަކިވެގެން ދިޔައީއެވެ. ތިން ވޯލްޑް ކަޕެއް ހޯދި ހަމައެކަނި ކުޅުންތެރިޔާއެވެ. 21 އަހަރުގެ ދިގު ކެރިއަރުގައި 37 ތަށި ހޯދާފައިވެއެވެ. 1279 ގޯލް ޖަހައިފައިވެއެވެ. ދުނިޔޭގެ އައިކަންއެކެވެ. ފުޓުބޯޅައިގެ ކުރިއެރުމަށް ތާ އަބަދުމެ ހިދުމަތްކޮށްދިން ހީރޯއެކެވެ. ކެނެރީ ރީނދޫ ޖާޒީގައި ވޯލްޑް ކަޕް ތަށި އުފުލައިލި ތާރީހީ މަންޒަރަކީ ތާ އަބަދުވެސް ފުޓުބޯޅައިގެ އެންމެ ހިތްގައިމު މަންޒަރަށް ވާނެއެވެ. ދަތި، ބިކަ ދިރިއުޅުމަކުން ކުރެހި ފުޓުބޯޅައިގެ މަންޒަރުން ޕެލޭ ވަކިވެގެން ދިޔައީ ދުނިޔެ ދުށް ކުޅިވަރުގެ އެންމެ ގަދަރުވެރި، އަގުހުރި ޝަހުސިއްޔަތުގެ ގޮތުގައި އިހުތިރާމު ހޯދާފައެވެ.

ޕެލޭގެ އުފަން ރަށަކީ ބްރެޒިލްގެ ހުޅަނގު އުތުރުގެ ޓްރެސް ކޮރަކޯސް އެވެ. ޑޮންޑީނިއޯއާއޮ ސެލެސްޓޭ އަންޓޭސްގެ ދަރި ޕެލޭގެ ޅަ ދުވަސްވަރު އާއިލާއިން ގިނަ ތަންތަނަށް ދަތުރު ކޮށްފައިވެއެވެ. އެއީ ބައްޕައަކީ ކުޅުންތެރިޔަކަށްވީތީއެވެ. ކެރިއަރުގެ އެންމެ އުހަށް ގޮސް، އެ ކެރިއަރުން ބަނޑުފުރާނަ މުއްތިކުރުމަށް ފޫގަޅާލި ހިސާބުން ޑޮންޑީނިއޯއަށް ކެރިއަރު ނިންމާލަން ޖެހުނު އަނިޔާއަކާ ކުރިމަތިވިއެވެ. ކަކުލަށް ލިބުނު އަނިޔާގެ ސަބަބުން ރިޓަޔާކުރަން ޖެހި، ޕެލޭގެ އާއިލާ ހާލުގައި ޖެހުނެވެ. މަންމަ ފުޓުބޯޅައަށް ކުރި ނަފުރަތަކީ އެއީއެވެ. އާއިލާ ބޭސްވީ ބައުރީ ސިޓީގައެވެ. އެއީ ސައު ޕާލޯއާ 300 ކިލޯ މީޓަރު ދުރު ސިޓީއެކެވެ.

ބައްޕަގެ ކެރިއަރު ނިމުމާއެކު ޕެލޭގެ އާއިލާއަށް ބަނޑުފުރާނަ މުއްތިކުރަން އިތުރު ގޮތްތަކެއް ހޯދަން ޖެހުނެވެ. ބައްޕަ ދުވާލު މަސައްކަތަށް ގޮސް ސަރުކާރުގެ އިމާރާތްތަކުގެ ފާހާނާ ސާފުކުރުން ފަދަ ކަންކަމުގައި އުޅެން ޖެހުމުން، ޕެލޭވެސް ދިޔައީ އެ މަސައްކަތުގައި ބައިވެރިވަމުންނެވެ. މަންމައާއެކު ނޯކަރީ ކަމުގައި އެހީވާންވެސް ޕެލޭ ދިޔައެވެ. އެ މަސައްކަތުން ލިބޭ ކުޑަ ވަގުތު ކޮޅަކުންވެސް ޕެލޭ ފުޓުބޯޅައަށް "ކަޓު" ނެގިއެވެ.

ބޯޅައެއް ގަންނާނެ ފައިސާ ނުލިބުނަސް، ބޫޓެއް ގަންނާނެ ފައިސާ ނެތަސް ހެޔޮކަމަށް، ފުރަތަމަ ހެދި ބޯޅައަކީ އިސްޓާކީނަކަށް ނޫސް ކަރުދާން އަޅައިގެން ހެދި ބޯޅައެކެވެ. އެ ބޯޅަވެސް ޕެލޭއަށް ފުދެއެވެ. އުމުރުން 10، 12 އަހަރުވެސް މަންމައަށް ވަގަށް ސިޓީ ތެރޭގެ މުބާރާތްތައް ކުޅެމުން ދިޔަ އިރު، ބައްޕަ ދިޔައީ މާ ބުރަބޮޑު ނޫންކޮށް ޕެލޭއަށް ފުޓުބޯޅަ ކިޔައިދެމުންނެވެ. ޕެލޭއަށް ހާއްސަކޮށް ތައްޔާރުކޮށްފައިވާ އަސަރުގަދަ ފިލްމުގެ މަންޒަރުން ބައްޕަ ޕެލޭއަށް ބޯޅައިގެ ހުނަރު އުނގަންނައިދިނީ ދޮންވެ، ފާވެފައިވާ އަނބު ބޭނުންކޮށްގެންނެވެ. އެއީ މަސައްކަތުގެ ތެރެއިން ދެބަފައިންނަށް ލިބޭ ހުސްވަގުތުގެ ބޭނުންކުރަމުން ދިޔަ ގޮތެވެ. "ޖިންގާ"ގެ ހަގީގީ ސްޓައިލް ޕެލޭގެ ބައްޕަ ދިޔައީ ޕެލޭއަށް ކިޔައިދެމުންނެވެ. ފުޓުބޯޅައިގެ ޗާލުކަން ބްރެޒިލުން އުފަންކުރުވި ވިސްނުމަކީ އެއީއެވެ. ޕެލޭގެ ފުޓުބޯޅައަށް ލިބުނު ހިތްގައިމު ކަމުގެ އަސްލަކީ ޖިންގާއެވެ.

ޕެލޭގެ އެކުވެރިންނާއެކު ކުޅެމުންދިޔަ ކުޅުން މަންމައަށް އެނގޭ ކޮންމެ ފަހަރަކު އަދަބު ދެމުންދިޔަ ނަމަވެސް، ކުޅުމަކަށް ހުއްޓުމެއް ނުގެނެއެވެ. ޕެލޭ ކުޑައިރު ގާތް އެކުވެރިއެއްގެ ކުއްލި މަރާއެކު ހަޔާތަށް ބަނަކަން އައި ނަމަވެސް އޭނާ ހިތްހަމަ ޖެހުން ހޯދީ ފުޓުބޯޅައިންނެވެ. އުމުރުން އެންމެ 15 އަހަރު ބްރެޒިލްގެ ބޮޑެތި ކްލަބުތަކުގެ ލޯތައް ޕެލޭއަށް ހުއްޓިއްޖެއެވެ. އަރާނެ ބޫޓެއް ނުލިބުނަސް، ޕެލޭގެ ހުނަރަކީ ތާ އަބަދަށް ހާއްސަ ހުނަރެއްކަން އޭރުވެސް އެނގުނެވެ.

"މި ކުއްޖާއަކީ ދުނިޔޭގެ އެންމެ މޮޅު ކުޅުންތެރިޔާއަށްވާނެ،" މި ޖުމުލައަކީ ޕެލޭގެ އުމުރުން 15 އަހަރުގައި އޭނާ ސަންޓޯސްއަށް ގެންދިޔަ އެޖެންޓް ވަލްޑެމާ ޑި ބްރިޓޯ، ސަންޓޯސްގެ ކޯޗު ގާތުގައި ބުނި ޖުމަލައެވެ. މަންމަގެ ނުގަބޫލުގައި ބައްޕައާއެކު ސަންޓޯސްއަށް ގޮސް، ޕެލޭއަށް ޗެލެންޖަކަށްވީ އަމިއްލަ ސްޓައިލުން ޓީމެއްގެ ސްޓައިލްގައި ކުޅެން ޖެހުމެވެ. ހުއްޓާލުމަށް ވިސްނުން ގެންގުޅުމަށްފަހު، އެ ބަދަލަށް ހޭނި 1956 ވަނަ އަހަރު ޕެލޭ ސަންޓޯސް ސީނިއާ ޓީމަށް ނުކުމެ، އުމުރުން 16 އަހަރުގައި ގޯލް ޖެހިއެވެ.

އެހާ ހަގު އުމުރެއްގައި ބްރެޒިލް ފުޓުބޯޅައަށް ސިހުން ގެނެސް، އުމުރުން އެންމެ 16 އަހަރު ގައުމީ ޖާޒީން ފުރުސަތު ހޯދިއެވެ. 1958 ވަނަ އަހަރު 17 އަހަރުގެ ޕެލޭ ބްރެޒިލުން ވޯލްޑް ކަޕަށްވެސް ގެންދިޔައެވެ. ދުނިޔެއަށް ޕެލޭގެ ނަން ތައާރަފު ވެގެން ދިޔައީ އެހިސާބުންނެވެ.

ބޫޓެއް ނެތި ކުޅުނު ކުއްޖަކަށް، މަލާމާތަކަށް ކިޔުނު ޕެލޭ، ރީނދޫ ޖާޒީގައި ފުރަތަމަ ވޯލްޑް ކަޕަށް ނުކުތީ 1958 ވަނަ އަހަރު ސްވިޑެންގައެވެ. 10 ނަންބަރު ޖާޒީގައެވެ. އޭރު 10 ނަންބަރު ހާއްސައެއް ނޫނެވެ. މިއަދުގެ 10 ނަންބަރުގައި ލިއޮނަލް މެސީއާއި ޒައިނެދީން ޒިދާނާއާއި ރޮބާޓޯ ބާޖިއޯ، އަދި ޑިއޭގޯ މަރަޑޯނާ ހާއްސްވީ ޕެލޭއަށް ޓަކައެވެ. 10 ނަންބަރުގެ ޖާޒީގެ ޝަރަފަކީ ޕެލޭގެ ޝަރަފެވެ. ސްވިޑެންގެ ވޯލްޑް ކަޕްގެ ފުރަތަމަ މެޗުތަކުގައި ޕެލޭގެ ބޭނުން ކޯޗު އެންމެ ރަނގަޅަށް ނުކުރިއެވެ. އެއީ ސައިކް އެވަލުއޭޝަނެއްގެ ސަބަބުންނެވެ، އެއީ ގޯސް ފެށުމެއް ނަމަވެސް، އުމުރުން އެންމެ 17 އަހަރުގައި އޭނާ ވޯލްޑް ކަޕް އުފުލާލީ ތާރީހު ލިޔެލައިފައެވެ. ކުއާޓާ ފައިނަލްގައި ވޭލްސް ކޮޅަށް ގޯލް ޖަހައި، ޕެލޭ ވަނީ ސެމީ ފައިނަލްގައި ފްރާންސް ކޮޅަށް ހެޓްރިކް ހަދައިފައެވެ. އަދި ފައިނަލްގައި ސްވިޑެން ކޮޅަށް ޕެލޭ ދެ ގޯލް ޖަހައި، ބްރެޒިލުން ތަށި ހޯދީ 5-2 ގެ ނަތީޖާއަކުންނެވެ. ޕެލޭ އުފަލުން ހަބަރު ހުސްވެ ދަނޑު މައްޗަށް ވެއްޓުނު މަންޒަރުވީ ފުޓުބޯޅައިގެ އެންމެ އަސަރުގަދަ އެއް މަންޒަރަށެވެ.

އޭގެ ފަހުން 1962 ވަނަ އަހަރުގެ ވޯލްޑް ކަޕް ބްރެޒިލުން ދިފާއުކުރި ޓީމުގައިވެސް ޕެލޭ ހިމެނުނެވެ. އެ ރަން މެޑައްޔަކީ ޕެލޭއަށް ނުހަނު ބޮޑު ޝަރަފެއް ނަމަވެސް، އެއީ މާޔޫސީ ރަން މެޑައްޔެކެވެ. މުބާރާތުގެ ދެވަނަ މެޗުގައި ޕެލޭގެ ފަލަމަސްގަނޑަށް އަނިޔާވެ، އޭނާ ފޭބީ ރޮމުންނެވެ. މުބާރާތުގެ ބާކީ ބައިގައި ދަނޑު ބޭރުން ބަލަން އިންނަން ޖެހުނު ނަމަވެސް، ޕެލޭއަކީ ޓީމުގެ ހިތްވަރެވެ.

އޭގެ ފަހުން ޕެލޭއަށްވެސް ކުރިމަތިވީ ވޯލްޑް ކަޕެއްގެ މާޔޫސްކަމެކެވެ. ޕެލޭގެ ހުނަރާއި، ހަލުވި ކޮއްޓައި ނެއްޓުންތަކާއެކު ކުޅުނު ކުޅުން ހުއްޓުވުމަށް ޑިފެންޑަރުން މެދުކެނޑިމެއް ނެތި ނުރައްކާތެރި ޓެކުލްތައް ކުރުމުގެ ނަތީޖާ ފެނުނީ ގޯސް ކޮށެވެ. 1966 ވަނަ އަހަރު އިނގިރޭސިވިލާތުގައި އޮތް ވޯލްޑް ކަޕްގައިވެސް ޕެލޭ އަނިޔާގައި ޖެހި، ބްރެޒިލް ކަޓައިގެން ދިޔައެވެ. ޕޯޗުގަލް ކައިރިން 3-1 އިން ބަލިވި މެޗުގައި އެކަނިވެސް ޕެލޭއަށް ކެތް ނުވާވަރަށް ޓެކުލްތަކާ ކުރިމަތިވެ، ފައިބަން ޖެހުނީ ރަޖާ އޮޅައިގެން ވޭނުގައެވެ.

އެ ހިތްދަތިކަމާއެކު "ދެން ނުކުޅޭނެ،" ކަމަށް ޕެލޭ ބުނި ނަމަވެސް 1970 ވަނަ އަހަރަށް އެނބުރި އައެވެ. ބްރެޒިލްގެ ތާރީހު ދުށްވެސް އެންމެ މޮޅު ޓީމުގައި ޕެލޭއާއެކު ރިވެލީނޯ، ޖާޒީނިއޯ، ޓޮސްޓާއޯ، އަދި ގާންސޮން ހިމެނުނެވެ. ކެޕްޓަނަކީ ކާލޯސް އަލްބާޓޯއެވެ. އެޓީމާއެކު ޕެލޭ ކެރިއަރުގެ ތިންވަނަ ވޯލްޑް ކަޕް ކާމިޔާބުކޮށް، ބްރެޒިލްގެ ސަޕޯޓަރެއްގެ ކޮނޑު މައްޗަށް އަރައި އުފާފާޅުކުރި މަންޒަރުގެ ފޮޓޯއަކީ އަދި އަދަށް ދާންދެންވެސް ފުޓުބޯޅައިގެ އެންމެ ތާރީހީ ފޮޓޯއެވެ.

އެ ވޯލްޑް ކަޕްގައި ޕެލޭ ދެއްކި ޗަރުކޭސް، އަބަދަށް ހަނދާން ހުންނާނެއެވެ. ޓީވީން ފުރަތަމަ ކުލަކޮށް ދެއްކި ވޯލްޑް ކަޕްގައި ޕެލޭ ޖެހި 12 ވަނަ ގޯލް ޖެހި އިރު، އުރުގުއާއީ ގޯލްކީޕަރު ކައިރިން ބޯޅަ ދޫކޮށްލައި ހެދި "ޑަމީ" އަކީ ފުޓުބޯޅަ ތާރީހުގައިވެސް އެންމެ ހިތްގައިމު އެއް ހުނަރެވެ. އެއީ ގޯލެއް ނޫން ނަމަވެސްއެވެ. އަދި ހަމައެހެންނެވެ، ޗެކޮސްލޮވާކިއާއާ ދެކޮޅަށް ކުޅުނު މެޗުގައި މެދުރޮނގުމަތިން ބޯޅަ ގޯލަށް އަމާޒުކޮށްލަން ޕެލޭ ޖެހިޖެހިންވެސް އެއީ ފުޓުބޯޅަ ދުށް އެންމެ ތާރީހީ އެއް މަންޒަރެވެ. މުޅި ދުނިޔެ ޝޯހުކޮށްލައި ޕެލޭގެ ބައިނަލްއަގުވާމީ ކެރިއަރު އޭނާ ޖަރީކޮށްލި އިރު، ޒަމާންވެ، ޕެލޭ ވެފައި ވަނީ ދުނިޔޭގެ އައިކަންއަކަށެވެ. ސަންޓޯސްއިން އެކަމުގެ ފައިދާ ނެގިވެސް މެއެވެ.

ކެރިއަރުގައި 1363 މެޗު ކުޅެފައިވާ ޕެލޭ، 92 ހެޓްރިކް ފުރިހަމަކޮށްފައިވެއެވެ. ގައުމީ ޓީމަށް 77 ގޯލް ޕެލޭ ޖަހާފައިވެއެވެ. ޔޫރަޕްގެ އެތައް ކްލަބަކުން ރެކޯޑު އަގުތަކެއް، ރެކޯޑު މުސާރަތަކެއް ހުށަހަޅަމުން ދިޔަ ނަމަވެސް، ޕެލޭ މަޑުކުރީ ސަންޓޯސްގައެވެ. 1956 އިން 1974 ވަނަ އަހަރާ ހަމައަށް ޕެލޭ ސަންޓޯސްއަށް ކުޅެފައިވެއެވެ. ޕެލޭ މަޑުކުރުވަން ސަންޓޯސްއިން ބޮޑު ހަރަދެއްވެސް ކޮށްފައިވާ އިރު، ޕެލޭގެ ކުޅުން "ވިއްކަން" އެޓީމުން ފުރުސަތުގެ ބޭނުންކުރިއެވެ. ޕެލޭގެ މަގުބޫލުކަން ދުނިޔެއަށް ބޮޑެވެ، އޭނާގެ ކުޅުން ބަލައިލުން ފަހުރަކަށްވެ، އެތައް އެތައް ހާސް ބަޔަކު އެކުޅުން ބަލައިލަން މަސައްކަތް ކުރަމުން ދިޔުމާއެކު ސަންޓޯސްއިން ވަނީ އެކުވެރިކަމުގެ މެޗުތަކަށް ޓުއާ ކޮށްފައެވެ. މުޅި ބްރެޒިލް ފުޓުބޯޅައިގެ މަގުބޫލުކަން ޕެލޭގެ ސަބަބުން އިތުރުވެ، އެތައް ބަޔަކު ސަންޓޯސް ގައުމުތަކަށް ގެންގޮސްފައިވެއެވެ.

"މިހާރުގެ ޒުވާން ޖީލަށް އޭރުގެ ބްރެޒިލް ފުޓުބޯޅަ އަންދާޒާކޮށްލަންވެސް ނޭނގޭނެ. 1960 ގެ އަހަރުތަކުގައި ބްރެޒިލްގެ ބޭރުން، ދެކުނު އެމެރިކާގެ ބޭރުން ބްރެޒިލްގެ ފުޓުބޯޅަ ބަލަން އެތައް ބަޔަކު މަސައްކަތް ކުރި. އެކަމުގެ ސަބަބުން ސަންޓޯސް އެކުވެރިކަމުގެ މެޗުތަކަށް ދުނިޔޭގައި ދަތުރުކުރި. އެއީ އެކުވެރިކަމުގެ މެޗުތައް ނަމަވެސް، އެއީ މީޑިއާގެ ކަވަރޭޖް އެންމެ ބޮޑަށް ދިން އާދަޔާހިލާފު މެޗުތަކެއް،" ބްރެޒިލްގެ މަގުބޫލު ނޫސްވެރިއެއް ކަމަށްވާ ތަލޭސް މަޗަޑޯ ބުނެފައިވެއެވެ.

ޕެލޭގެ ކެރިއަރުގައި 500 ގޯލަކީ އެ އެކުވެރިކަމުގެ މެޗުތަކުގައި ޖެހި ގޯލްތަކެވެ. ޔޫރަޕާއި އަރަބި ސަރަހައްދުގެ އިތުރުން އެފްރިކާގެ ގައުމުތަކަށްވެސް ޕެލޭއާއެކު ސަންޓޯސް އެކުވެރިކަމުގެ މެޗުތަކަށް ދަތުރު ކޮށްފައިވާ އިރު، އެންމެ ފާހަގަކޮށްލެވުނު އެއް މަންޒިލަކަށްވީ ދާހިލީ ހަނގުރާމައެއްގައި އޮތް ނައިޖީރިއާއެވެ. 1967 ވަނަ އަހަރު ނައިޖީރިއާ ދާހިލީ ނުރައްކާތެރި ހަނގުރާމައެއްގައި އޮތް އިރު، އެ އަހަރު ސަންޓޯސްއިން ނައިޖީރިއާގެ ގައުމީ ޓީމު ރަމްޒުކޮށްދިން ގްރީން އީގަލްސްއާ ދެކޮޅަށް އެކުވެރިކަމުގެ މެޗަކަށް ދިޔައެވެ. އެ މެޗުގެ ކުރިން ސަރުކާރާއި، ދެކޮޅަށް ހަނގުރާމަކުރަމުންދިޔަ ބިއަފްރާ ރިޕަބްލިކާ ދެމެދު އެއްބަސްވުމަކަށް އައީ މެޗަށް 48 ގަޑިއިރަށް ހަނގުރާމަ ހުއްޓާލުމަށެވެ. ދެ ފަޅީގެ ސިފައިން ސްޓޭޑިއަމް ކައިރީ ސަލާމަތީ ކަންކަން ބެލެހެއްޓި މެޗު 2-2 އިން އެއްވަރުވި އިރު، ނައިޖީރިއާ ބޭނުންވި މަންޒަރު ފެނުނެވެ. ޕެލޭ ދެ ގޯލް ޖެހިއެވެ. ޕެލޭއަށްޓަކައި މެދުކަނޑާލި ހަނގުރާމައިން ދައްކުވައިދެނީ ދުނިޔޭގައި އޭނާއަށް މަގުބޫލުކަން އޮތް މިންވަރެވެ.

އެއީ ވަކި ގައުމަކުން ޕެލޭއަށް ދިން ލޯތްބެއް ނޫނެވެ. މުޅި ދުނިޔެވެސް ޕެލޭއަށް އެ ލޯބި ދިނެވެ. 1974 ވަނަ އަހަރު ޕެލޭ ފުރަތަމަ ރިޓަޔާމަންޓެއް އިއުލާންކޮށް ސަންޓޯސްއަށް ކުޅުން ހުއްޓާލި ނަމަވެސް، އޭގެ ފަހުން އޭނާ އެމެރިކާގެ ފުޓުބޯޅަ ކުރިއަރުވަން، އެގައުމުގެ ނިއުޔޯކް ކޮސްމޯސްއަށް ދެ ސީޒަނެއްގައި ކުޅުނެވެ. ޕެލޭ އެމެރިކާ ފުޓުބޯޅައަށް ނުކުތުމާއެކު އެގައުމުގެ ފުޓުބޯޅައަށް ސަމާލުކަން ހުއްޓި މަގުބޫލުކަން ވަރަށް ބޮޑަށް އިތުރުވިވެސް މެއެވެ.

މަޝްހޫރު ބްރެޒިލްގެ ލަވަކިޔުންތެރިންނާއެކު ލަވަ ކިޔައި، އަލްބަމް ރެކޯޑުކުރި ޕެލޭއަކީ ޕޮޕް އާޓިސްޓެއްވެސް މެއެވެ. 1995 ވަނަ އަހަރު ބްރެޒިލްގެ ކުޅިވަރާ ބެހޭ ވަޒީރުކަމާވެސް ޕެލޭ ހަވާލުވެ އަހަރުތަކެއް ވަންދެން ބަދަލުތަކެއް ގެނެސްދިނެވެ. އޭގެ އިތުރުން ކޮމެންޓްރީ ދިނުމުގައިވެސް މަސައްކަތް ކުރި ޕެލޭއަކީ އުމުރުގެ ބޮޑުބައެއްގައި ފުޓުބޯޅައިގެ އެމްބެސެޑަރެކެވެ. ދެވަނައެއް ނެތް އެތައް ކުޅުންތެރިންނެއްގެ އައިޑަލް އެވެ. އެތައް ބަޔަކު ފުޓުބޯޅައަށް ލޯބި ޖެއްސި ޝަހުސިއްޔަތެކެވެ.