ބްރެޒިލްގެ ފުޓުބޯޅަ ލެޖެންޑް، ޕެލޭ މަރުވެއްޖެއެވެ.

އުމުރުން 82 އަހަރުގެ ޕެލޭ އަންނަނީ މިދިޔަ އަހަރުން ފެށިގެން ކެންސަރަށް ފަރުވާ ހޯދަމުންނެވެ. މިމަހުގެ ތެރޭގައި ޕެލޭގެ ސިއްހީ ހާލަތު ގޯސްވެގެން ވަނީ ހޮސްޕިޓަލުގައި އެޑްމިޓުކޮށްފައެވެ. އޭނާ އެޑްމިޓުކޮށް އިންޓެންސިވް ފަރުވާތައް ވެސް ދެމުން ގޮސްފައިވެއެވެ.

އިންސްޓްގްރާމް މެދުވެރިކޮށް ޕެލޭގެ އަންހެން ދަރި، ކެލީ ނަސިމެންޓޯ ވަނީ ބައްޕަ މަރުވިކަން ކަށަވަރުކޮށްދީފައެވެ. ބައްޕަގެ ފަރާތުން ލިބުނު ލޯތްބަށް ކެލީގެ މެސެޖުގައި ވަނީ ޝުކުރު ވެސް އަދާކޮށްފައެވެ.

އެންމެ ފަހުން ޕެލޭ ހޮސްޕިޓަލަށް ގެންދިޔައީ އޭނާގެ ހަށިގަނޑު ވަރަށް ބޮޑަށް ދުޅަވާތީއެވެ. ޕެލޭގެ ހަށިގަނޑު ދުޅަވާންވީ ސަބަބު ދެނެގަތުމަށް ހެދި ޓެސްޓުތަކުގެ ނަތީޖާގައި ޑިކޮމްޕެންސޭޓެޑް ހާޓް ފެއިލިއާއެއް ފާހަގަކޮށްފައިވާ ކަމަށް ބޭރުގެ މީޑިއާތަކުން ރިޕޯޓުކޮށްފައިވެއެވެ.

ޕެލޭ ބަލަމުންދިޔަ ހޮސްޕިޓަލް، އިސްރައެލީޓާ އަލްބާޓް އެއިންސްޓެއިން ހޮސްޕިޓަލުން މީގެ ކުރިން ބުނެފައިވަނީ ޕެލޭގެ ކެންސަރު އިތުރަށް ގޯސްވެފައިވާ ކަމަށާއި، ހިތުގެ ހިނގުމާއި ހަށިގަނޑުގެ އެހެން ގުނަވަންތައް މަސައްކަތް ކުރާ ގޮތް ކައިރިން ބެލުމަށް އައިސީޔޫގައި ޕެލޭއަށް ފަރުވާ ދޭން ޖެހޭ ކަމަށެވެ.

ކެރިއަރުގައި ތިން ފަހަރު ވޯލްޑް ކަޕް ކާމިޔާބުކޮށްފައިވާ ޕެލޭ، މިދިޔަ އަހަރު ސެޕްޓެމްބަރު މަހު ބަނޑުގެ އޮޕަރޭޝަނެއްގައި ގޮހޮރުގެ ތެރެއިން ޓިއުމަރެއް ނަގާފައިވެއެވެ. އަދި މީގެ ކުރިން 2019 ވަނަ އަހަރު ޔޫރިން އިންފެކްޝަނެއްގެ ސަބަބުންވެސް ޕެލޭއަށް ވަނީ ހޮސްޕިޓަލުގައި އެޑްމިޓް ކޮށްގެން ފަރުވާދީފައެވެ.

ޕެލޭ ވަނީ ބްރެޒިލް ޓީމަށް ކުޅެދިން 91 މެޗުން 77 ގޯލު ޖަަހައިފައެވެ. އޭނާގެ ލެގަސީ އެންމެ ބޮޑަށް ގުޅިފައިވަނީ ވޯލްޑް ކަޕާއެވެ. 1958، 1962 ވަނަ އަހަރު ވޯލްޑް ކަޕް ޕެލޭ ބްރެޒިލާއެކު ހޯދާފައިވާ އިރު، 1970 ވަނަ އަހަރުގެ ވޯލްޑް ކަޕްވެސް ޕެލޭ ބްރެޒިލާއެކު ކާމިޔާބުކުރިއެވެ. ގިނަ ބަޔަކު ދެކޭ ގޮތުގައި ޕެލޭއަކީ ދުނިޔޭގެ ތާރީހު ދުށް އެންމެ ހުނަރުވެރި، އަދި އެންމެ މޮޅު އެއް ކުޅުންތެރިޔާއެވެ.