އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގެ ކެމްޕޭނަށް އެ ޕާޓީގެ ރައީސް، މުހައްމަދު ނަޝީދު ބޮޑުތިލަދުންމައްޗަށް ވަޑައިގެންފިއެވެ.

ނަޝީދުގެ ކެމްޕޭން ފެށުމުގެ ގޮތުން ވަނީ ރޭ ސަލްޓަން ޕާކުގައި "ފިކުރެއްގެ ދިރުން" ނަމުގައި ޖަލްސާއެއް ބާއްވައިފައެވެ.

ބޮޑުތިލަދުންމައްޗަށް ކުރާ ދަތުރުފުޅުގެ ތެރެއިން ނަޝީދު މިއަދު ވަޑައިގެންނެވީ ހއ. ކެލާ އަދި އެ އަތޮޅު އިހަވަންދޫއަށެވެ. އަދި މިރޭ ވަނީ ހއ. ދިއްދުއަށް ވެސް ވަޑައިގެންފައެވެ.

ބޮޑުތިލަދުންމައްޗަށް ކުރައްވާ ދަތުރުފުޅުގައި ނަޝީދު ވަޑައިގަންނަވާ ގޮތަށް ހަމަޖެހިފައިވަނީ ހއ. ބާށަށް، ހއ. އިހަވަންދޫ، ހއ. ދިއްދޫ، ހއ. ކެލާ، ހދ. ކުޅުދުއްފުށި، ހދ. ވައިކަރަދޫ، ހދ. ކުމުންދޫ، ށ. މިލަންދޫ އަދި ށ. ކޮމަންޑޫއަށެވެ.

ރައީސް ނަޝީދު ބޮޑުތިލަދުންމައްޗަށް ކުރައްވާ ދަތުރުފުޅު ނިންމަވައިލެއްވުމަށްފަހު މާލެ ވަޑައިގަންނަވާ ގޮތަށް ހަމަޖެހިފައިވަނީ އަންނަ ހޮނިހިރު ދުވަހުއެވެ.

އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ވާދަކުރައްވަނީ ނަޝީދުގެ އިތުރުން ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހެވެ. ރައީސް ސޯލިހު ވެސް މިހާރު ވަނީ ރިޔާސީ ޕްރައިމަރީގެ ކެމްޕޭން ފައްޓަވައިފައެވެ.

އަންނަ މަހުގެ 28 ވަނަ ދުވަހު ބާއްވާ ޕްރައިމަރީގެ އިންސާފުވެރިކަމާ މެދު ނަޝީދު ވަނީ ސުވާލު އުފައްދަވައިފައެވެ. އެމަނިކުފާނު ވިދާޅުވެފައިވަނީ އެމްޑީޕީގެ ދަފުތަރުން 39،000 މެމްބަރުން ވަކިކޮށްފައިވާ ކަމަށާއި އެ މެމްބަރުންނަކީ ރައީސް ސޯލިހަށް ވޯޓު ނުދޭނެހެން ހީފުޅުވި މެމްބަރުން ކަމަށެވެ.