އާ އަހަރުގެ ބަންދާ ދިމާކޮށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ސްރީ ލަންކާއަށް މިއަދު ވަޑައިގެންފިއެވެ.

ރައީސް އޮފީހުގެ ތަރުޖަމާން މިއުވާން މުހައްމަދު، "ވަން" އަށް މިއަދު ވިދާޅުވީ ނުރަސްމީ ދަތުރުފުޅެއްގައި ރައީސް ލަންކާއަށް ވަޑައިގެންފައިވާ ކަމަށާއި އެމަނިކުފާނު އެނބުރި ރާއްޖެއަށް ވަޑައިގަންނަވާނީ އަންނަ ހޯމަ ދުވަހު ކަމަށެވެ.

ރައީސްގެ މި ދަތުރުފުޅުގައި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ފަޒްނާ އަހުމަދު ވެސް ބައިވެރިވެވަޑައިގަންނަވައެވެ. އެ ދަތުރުފުޅުގެ އިތުރު ތަފްސީލެއް ރައީސް އޮފީހުން ދީފައެއް ނުވެއެވެ.

ލަންކާއަކީ ރައީސް އާންމުކޮށް ވަޑައިގަންނަވާ ގައުމެކެވެ. ރައީސްގެ އާއިލީ ބައެއް ބޭފުޅުން ވެސް އެގައުމުގައި ދިރިއުޅުއްވައެވެ.

މި ދުވަސްވަރަކީ ރައީސް ސޯލިހުގެ އެމްޑީޕީ ރިޔާސީ ޕްރައިމަރީ ކެމްޕޭނުގެ ވެސް ފޯރިގަދަ ދުވަސްވަރެވެ. އަންނަ މަހުގެ 28 ގައި ބާއްވާ ޕްރައިމަރީގައި ރައީސް ނުކުންނަވާނީ އެމްޑީޕީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދާ ދެކޮޅަށެވެ.