މިދިޔަ ނޮވެމްބަރު މަހުގެ ނުވަ ވަނަ ދުވަހުގެ ރޭ ދަންވަރުގެ ވަގުތެވެ. ދުވާލުގެ ބުރަ މަސައްކަތަށްފަހު އެންމެން ވަރުބަލިކަމުގެ ގަދަ ނިދީގައި ނިދާފައިތިއްބައި ލިބުނީ ކުއްލި ސިހުމެކެވެ. އޭރު މ. ނިރުފެހިގޭގައި ދިރިއުޅެމުންދިޔަ ބިދޭސީންވެސް ބުރަ މަސައްކަތުގެ ވަރުބަލިކަމަށްފަހު ގަދަ ނިދީގައި ތިއްބައި ބާރު އަޑުފައްގަނޑާއެކު ފެނުނީ ހުޅުގަނޑު ފަޅައިގެންގޮސް މުޅި އިމާރާތަށް ފެތުރިގަތްތަނެވެ.
ދޮޅުމިނިޓު ތެރޭ އެ އިމާރާތުގެ ތިން ބުރިޔަށް އަލިފާންގަނޑު ފެތުރެނީއެވެ. ފުރަތަމަ ފަންގިފިލާގައި ހަތަރު ކޮޓަރި ހުރި އިރު ތިން ކޮޓަރީގައި ފަސް މީހަކު ތިއްބެވެ. ދެވަނަ ފަންގިފިލާގައި މީހުން ތިބި އަދަދެއްވެސް ޔަގީނެއް ނުވެއެވެ. މިހާތަނަށް ބެލި ބެލުމުން ލިބުނު މައުލޫމާތުން އެނގޭ ގޮތުގައި ޖުމުލަ 28މީހަކު އެގޭގައި ދިރިއުޅުނެވެ. އެ ގޭގައި އުޅޭ ރަހުމަތްތެރިންނާއި ބައްދަލުކުރުމަށްވެސް ބަޔަކު އެރޭ އެގެއަށް ގޮސްފައިވެއެވެ.
ސަލާމަތްވާން ހުރީ ހަނި ސިޑިއެކެވެ. އެވެސް ލަކުޑިން ހަދާފައި ހުރި ސިޑިއަކަށްވުމުން ފުރަތަމަ އަލިފާން ހިފީވެސް ސިޑީގައެވެ. އެއްބަޔަކު ސަލާމަތްވާން ސިޑިމަތިން ފުންމާލި އިރު އަނެއް ބަޔަކަށް ސަލާމަތްވާނެ ގޮތެއް ނެތި އެތެރޭގައި ތާށިވީއެވެ.
މިދިޔަ ނޮވެމްބަރު މަހުގެ ނުވަ ވަނަ ދުވަހުގެރޭ ދަންވަރު 12:27 ގައި އަލިފާންގަނޑު ރޯވުމާއެކު އާންމުންގެ ބަޔަކު ފުލުހުންނާއި ސިފައިންނަށް އަންގައި މަދު ވަގުތުކޮޅެއްގެ ތެރޭގައި އަލިފާން ނިއްވާލުމުގެ މަސައްކަތް ފެށިއެވެ. އެވަގުތު އިމާރާތުގެ އެތެރޭގައި ތިބީ ކިތައް މީހުން ކަމެއް ފުލުހުންނާއި ސިފައިންނަށްވެސް އަދި އެތަނުގައި އެވަގުތު ތިބި މީހުންނަށްވެސް ބުނެދޭން ނޭނގުނެވެ. ސަލާމަތްކުރެވެން ހުރި މީހަކު ސަލާމަތްކުރަމުންދިަޔައެވެ. ހޮސްޕިޓަލަށް ފަރުވާއަށް ގެންދަން ޖެހުނު މީހަކު ވީއެންމެ އަވަހަކަށް ފަރުވާއަށް ގެންދިޔައެވެ.
އިރުގަނޑެއްފަހެވެ. ސިފައިން އެގޭތެރެއިން ފަހަރަކު ހަށިގަނޑެއް ނެރެމުން ގެންދިޔައެވެ. ޖެހިގެން އައި ދުވަހު ހެނދުނު ވީއިރު އެ ގޭތެރެއިން މަރުވެފައިވާ 10 މީހުންގެ ހަށިގަނޑު ސިފައިން ނެރެފިއެވެ. ދުލުން ކިޔާލަން ފަސޭހަ އަދަދެއް ނަމަވެސް މިއީ މަދު މިނެޓުކޮޅެއްގެ ތެރޭގައި އަނދައިގެން ދިޔަ މީހުންގެ ވާހަކައެވެ. 10 ފުރާނަ ގެއްލުނީއެވެ. އެއީ އަދި އެހާތަނަށް ޔަގީންވި އަދަދެވެ. ނަމަވެސް އަލިފާނުގެ ހާދިސާއަށްފަހު އެގެ ތަޅާލައި ސާފުކުރުމުގެ މަސައްކަތް ކުރަމުންދަނިކޮށް އިންސާނެއްގެ ފައިތިލައެއް ފެނިފައިވެއެވެ. ނަމަވެސް އޮތީ އެއްކޮށްހެން އަނދާފައެވެ. އެއީ މަރުވި މީހުންގެ ތެރެއިން މީހެއްގެ ފައިތިލައެއް ކަމެއް ނުވަތަ އިތުރު މީހެއްގެ ފައިތިލައެއް ކަމެއް މިހާތަނަށްވެސް އެނގިފައިނުވެއެވެ. އެ ފައިތިލަ ފުލުހުންގެ ބެލުމުގެ ދަށުގައި އޮތް އިރު އެއީ ކާކުގެ ފައިތިލައެއްކަން ދެނެގަތުމަށް ތަހުލީލު ކުރަމުން އަންނަ ކަމަށް ފުލުހުން ބުނެފައިވެއެވެ.
މިއީ މިހާތަނަށް މާލޭގައި ހިނގި އެންމެ ނުރައްކާތެރި އަދި އެންމެ ހިތާމަވެރި އަލިފާނުގެ ހާދިސާއެވެ. އަލިފާން ހިފީ އެގޭ ތިރީގައި ހިންގަމުންދިޔަ ގަރާޖެއްގައެވެ. އެ ގަރާޖުގައި ގޮވާ ޒާތުގެ އެތައް އެއްޗެއް ހުއްޓެވެ. ގަރާޖު ހިންގަމުންދިޔައީ ހުއްދަވެސް ނެތިއެވެ. އެކަމަކު މިއަދާ ހަމަޔަށްވެސް ނުވަތަ އަލިފާނުގެ ހާދިސާ ހިނގި ދުވަހާ ހަމަޔަށްވެސް އެ ގަރާޖާ މެދު އެޅުނު ފިޔަވަޅެއް ނެތެވެ. ހުއްދަ ނުނަގައި ހިންގާ ތަނެއްކަން އެނގުނު ނަމަވެސް މުއައްސަސާތަކުން އަޅައިނުލީއެވެ.
ރިޕޯޓް
ރިޕޯޓް
ރިޕޯޓް
ރިޕޯޓް