ވެރިކަމުގެ ނިޒާމަށް ބަރުލަމާނީއަށް ވާން ޖެހޭނެކަމަށް ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ގަބޫލުކުރައްވާ ކަމަށާއި ނަމަވެސް ވެރިކަމަށް ވަޑައިގެން އެކަމަށް ރިއެކްޓް ނުކުރެއްވި ކަމަށް އެމްޑީޕީގެ ރައީސް، ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
ރައީސް އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ރައީސް ސޯލިހު ވިދާޅުވީ، ބަރުލަމާނީ ނިޒާމަށް ވެރިކަމުގެ ނިޒާމު ބަދަލުކުރުން މެނިފެސްޓޯގެ ނޯންނާނެ ކަމަށާއި މެނިފެސްޓޯގައި ނެތް ކަންކަން ނިންމަވާނީ ކޯލިޝަންގެ ބައިވެރިންގެ މަޝްވަރާގެ މަތިން ކަމަށް ރައީސް ވިދާޅުވިއެވެ.
"އަޅުގަނޑު ތަންފީޒު ކުރަމުން މި ގެންދަނީ އަޅުގަނޑާ ހަވާލުވެފައި އޮތް އެ މެނިފެސްޓޯ، އޭގައި އޮތްގޮތަށް މި ކުރިއަށް ގެންދަނީ. އެއްވެސް ހާލެއްގައި އެ މެނިފެސްޓޯ ތެރޭގައި ނިޒާމީ ވޯޓެއް މި ފަސް އަހަރު ތެރޭގައި ނަގާ ވާހަކައެއް ނެތް،" ރައީސް ވިދާޅުވިއެވެ.
ނަޝީދުގެ އެމްޑީޕީ ރިޔާސީ ޕްރައިމަރީ ކެމްޕޭން ފެއްޓުމަށް ސަލްޓަން ޕާކުގައި މިރޭ ބޭއްވި "ފިކުރެއްގެ ދިރުން" ޖަލްސާގައި ވާހަކަ ދައްކަވަމުން ނަޝީދު ވިދާޅުވީ، އެމްޑީޕީން އަބަދުވެސް ތާއީދު ކުރަނީ ބަރުލަމާނީ ނިޒާމަށް ކަމަށާއި އެކަން އެމްޑީޕީގެ މެނިފެސްޓޯގައިވެސް އޮންނާނެ ކަމަށެވެ.
"މެނިފެސްޓޯގައި އޮތީ 18 މަސް ދުވަހުގެ ތެރޭގައި ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓެއް ނަގަން ވެރިކަމުގެ ނިޒާމު ބަދަލުކުރަން. އަޅުގަނޑުމެން އެމްޑީޕީ ގިނަ މެމްބަރުން އަބަދުވެސް އެދެނީ ސަރުކާރުން ހިންގާ ކަންކަން ދެ ފުށް ފެންނާނޭ ގޮތެއްގައި ހިންގުމަށް ގޮތެއް ހޯދުން. އެއީ ރައްޔިތުން މަޖިލީހުގައި ވަޒީރު ބޭފުޅާއާ އަދި އޭނާގެ ވާދަވެރި ހިޔަނި ވަޒީރާ މި ދެ މީހުންގެ މަޝްވަރާ އާއި ޒުވާބު ދައުލަތުގެ ފައިސާއަށް ވާގޮތް ރަނގަޅަށް ސާފުވެގެން ދިޔުން. ކަންކަން ހިގާ މަގު ރީތިކޮށް އެނގިގެން ދިޔުން. ވެރިކަމުގެ ނިޒާމު ރައްޔިތުންނާ ގާތުން ރައްޔިތުންގެ ފަރާތުން ކުރެވޭ ނިޒާމަކީ ޕާލިމެންޓްރީ ނިޒާމު. އެއީ ޝައްކެއް އޮތްކަމެއް ނޫން، ފެށުނީއްސުރެ އެމްޑީޕީ ގަބޫލުކުރާ ގޮތް އުސޫލު. އަދި ރައީސް ސޯލިހު އެތައް އެތައް ތަގުރީއެއްގައި ކިތަންމެ އިންޓަވިއެއްގައި ސާފު ސަރީހަ އިބާރާތުން ވިދާޅުވަމުން ގެންދެވި ވާހަކަ، އެހެންނަމަވެސް ވެރިކަމަށް ވަޑައިގެން ރިއެކްޓެއް ނުކުރެއްވި." ނަޝީދު ވިދާޅުވިއެވެ.
އެމްޑީޕީގެ އެންމެ އަލިގަދަ ސިޔާސަތަކީ ކޮރަޕްޝަނާ ދެކޮޅުވުން ކަމަށާއި ނަމަވެސް މި ސަރުކާރުން ކޮރަޕްޝަންގެ މައްސަލަތައް ތަހުގީގު ވެސް ނުކުރާ ކަމަށެވެ. އަދި އެފަދަ މައްސަލަތައް ޝަރީއަތަށް ވެސް ނުފޮނުވާ ކަމަށާއި އެކަމުގެ ސަބަބުން ދިވެހި ރައްޔިތުންގެ ފައިސާ މާލިއްޔަތުން ގެއްލެމުންދާ ކަމަށް ނަޝީދު ވިދާޅުވިއެވެ.
ކޮރަޕްޝަނާއި އެ ނޫން ވެސް ގޮތްގޮތުން ގެއްލޭ ފައިސާ ނުހޯދައި މި ސަރުކާރުން ނިންމީ ދަރަނި އަދާކުރަން ޓެކްސް ބޮޑުކުރަން ކަމަށާއި އަދި އަންނަ އަހަރު އާސަންދައިން ބައެއް ކަނޑާލުމަށް ނިންމާފައިވާ ކަމަށެވެ. އެ ފުރުސަތު ނުދެއްވާނެ ކަމަށް ނަޝީދު ވިދާޅުވިއެވެ.
2018 ވަނަ އަހަރު އެމްޑީޕީ ވެރިކަމަށް އައުމުގެ ކުރިން ސަރުކާރުގެ ދަރަނި މެނޭޖު ކުރާނެ ގޮތްތައް މެނިފެސްޓޯގައި ބަޔާންކޮށްފައިވާނެ ކަމަށެވެ. އެގޮތުން އެމްޑީޕީގެ ވެރިކަމެއްގައި ރާއްޖެއަށް ދަރަންޏަށް ފައިސާ ދީފައިވާ ފަރާތްތަކާއި ބައިނަލްއަގުވާމީ މާލީ އިދާރާތަކާއެކު މަޝްވަރާކޮށް ދަރަނި އަލުން އަނބުރާ އެކުލަވާލުމަށް "ޑެބިޓް ރީސްޓްރަކްޗާ" ކުރުމަށް މެނިފެސްޓޯގައި ބަޔާންކޮށްފައިވާނެ ކަމަށެވެ.
ޚަބަރު
ޚަބަރު
ޚަބަރު