ވަކި ބޭފުޅަކު ރަނިންމޭޓަކަށް ހަމަޖެއްސުމަށް ޕްރެޝަރެއް ކުރިމަތިނުވާ ކަމަށާއި ރަނިންމޭޓް ކަމަށްވެސް އެމްޑީޕީގައި ގާބިލު ބޭފުޅުން އެބަތިއްބެވި ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.

ރައީސް އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަފުޅުދައްކަވަމުން ރައީސް ވިދާޅުވީ ރަނިންމޭޓަކަށް ހަމަޖައްސަވާނެ ބޭފުޅަކު އަދި ނުނިންމަވާ ކަމަށާއި އެކަމަށް އެއްވެސް ޕްރެޝަރެއް ނެތް ކަމަށެވެ.

"އަޅުގަނޑަށް އެއްވެސް ޕްރެޝަރެއް ނާދޭ. އަދި ހާއްސަކޮށް ބޭރުގެ ގައުމަކުން ރާއްޖޭގެ ސިޔާސީ ކަންތައްތަކަކާ ނުބެހޭނެ. އެމްޑީޕީގައި އެބަތިބި ރިޔާސީ ކެންޑިޑޭޓް ކޮލިޓީގެ ވެސް، ރަނިންމޭޓް ކޮލިޓީގެ ވެސް ވަރަށް ބައިވަރު ބޭފުޅުން. އެހެންވީމާ ރަނިންމޭޓް ހޮވުމުގައި އެކަށީގެންވާ ކަމަށް ވަރަށް ގާބިލު، ސިޔާސީ، ވިސްނުންތެރި، ހިކުމަތްތެރި ބޭފުޅުން އެބަ ތިއްބެވި،" އެމަނިކުފާނު ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ ރިޔާސީ އިންތިހާބަށް އެމްޑީޕީ އެކަނި ނުކުންނަ ނަމަ، ރަނިންމޭޓަކަށް ހުންނަވާނީ އެމްޑީޕީގެ މެންބަރެއް ކަމަށާއި ކޯލިޝަނެއް ހަދަންޏާ، ރަނިމޭޓެއް ނިންމަވާނީ މަޝްވަރާގެ ތެރެއިން ކަމަށެވެ. އަދި ޝަރުތު ހަމަވާ ކޮންމެ ބޭފުޅަކަށް ވެސް ރިޔާސީ އިންތިހާބުގައި ވާދަކުރުމުގެ ފުރުސަތު އޮންނާނެ ކަމަށް ވެސް އެމަނިކުފާނު ވިދާޅުވިއެވެ.

""ރައީސް އަބްދުﷲ ޔާމީން ޖަލުގައި ބައިންދައިގެންތޯ އަޅުގަނޑު ރިޔާސީ އިންތިހާބަށް ދާން ބޭނުންވަނީ. ނޫން، އެއްގޮތަކަށް ވެސް އަޅުގަނޑުގެ ވިސްނުމެއް ނެތް ވަކި މީހަކު އެކަހެރިކޮށްފައި، ވަކި މީހަކު ބާކީކޮށްފައި އަޅުގަނޑު އެކަނި ނުކުމެ އިންތިހާބު ކާމިޔާބުކުރާކަށް. ޝަރުތު ހަމަވާ އެންމެންނަށް، ހުރިހާ ބޭފުޅުންނަށް ރިޔާސީ އިންތިހާބުގައި ކުރިމަތިލުމުގެ ފުރުސަތު އޮންނަންވާނެ،" އެމަނިކުފާނު ވިދާޅުވިއެވެ.

ވ. އާރަށުގައި ރިސޯޓެއް ތަރައްގީކުރަން އެ ރަށް ވިއްކައިގެން ލިބުނު ފައިސާ އަމިއްލަފުޅު އެކައުންޓަށް ޖަމާކޮށްގެން ހިންގެވި ހިޔާނާތުގެ ދައުވާތައް މިދިޔަ އާދީއްތަ ދުވަހު ވަނީ ރައީސް ޔާމީންގެ މައްޗަށް ސާބިތުވެފައެވެ. އާރަށުގެ މައްސަލައިގައި ރައީސް ޔާމީންގެ މައްޗަށް ދެ ދައުވާއެއް ކުރިއެވެ. އެއީ އެރަށް ކުއްޔަށް ދިނުމުގައި ރިޝްވަތު ހިފުމާއި ރިޝްވަތުގެ ގޮތުގައި ލިބުނު ފައިސާ ބޭނުންކޮށްގެން މަނީލޯންޑާ ކުރި ކަމުގެ ދައުވާއެވެ. އޭގެ ތެރެއިން ރިޝްވަތު ހިފުމުގެ ކުށުގެ އަދަބެއްގެ ގޮތުން ހަތަރު އަހަރަށް އަދި މަނީލޯންޑާ ކުރުމުގެ ކުށުގައި ހަތް އަހަރަށް ޖަލަށް ލުމަށް ކްރިމިނަލް ކޯޓުން ވަނީ ހުކުމްކޮށްފައެވެ.