ކުރީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ބޭނުންފުޅުވަނީ ބޮޑުވަޒީރުކަން ކަމަށް ވިދާޅުވެ ރައީސުލުޖުމްހޫރިއްޔާ އިބްރާހިމް ސޯލިހު ބަހުގެ ހަމަލާއެއް ދެއްވައިފިއެވެ.
ރައީސް އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަފުޅުދައްކަވަމުން ރައީސް ވިދާޅުވީ ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާކަމުގެ މަގާމު ބޭނުންފުޅުނުވާކަން މީގެ ކުރިން ވެސް ރައީސް ނަޝީދު ވިދާޅުވެފައިވާ ކަމަށެވެ.
"ރައީސް ނަޝީދު ދެކެވަޑައިގަންނަވާ ގޮތުގައި، ވަރަށް ސާފުކޮށް ވިދާޅުވެފައި އޮތީ ތިމަންނާ ދެން ބޭނުމެއް ނޫނޭ ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާކަން ކުރާކަށެއް. ތިމަންނާ ބޭނުންވަނީ ބޮޑުވަޒީރުކަން ކުރާށޭ. ވަރަށް ސާފުކޮށް އެކަމަށް ޖަވާބުދެއްވާފައި އޮތީ،" ރައީސް ސޯލިހު ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާކަމުގެ މަގާމުގައި ހުންނަވައި ކަންތައްތައް ނިންމެވޭނީ ގިނަ ބައެއްގެ މަޝްވަރާއާ އެކުގައި، ގިނަ ބަޔަކަށް ފައިދާވާ ގޮތަށް ކަމަށާއި ވަކި މީހެއްގެ ވަކި ކަމެއް ހާސިލުކުރުމަށްޓަކައި އެމަނިކުފާނަށް ހުށަހަޅާ ހުށަހެޅުމަކަށް ގޮތެއް ގޮތެއް ނިންމެވޭނީ ދެން ހިމެނޭ އެންމެންނާ މަޝްވަރާކުރައްވާފައި ކަމަށެވެ.
"އެހެންވީމާ އަބަދުވެސް ހިޔާލުތަފާތުވުންތައް ހުރޭ. އެއާއެކީގައި އަޅުގަނޑުމެންނަށް ކުރިއަށްދެވޭ. މިވަގުތު ހިޔާލުތަފާތުވެގެން މިއުޅޭ މައިގަނޑު ސަބަބަކީ ވެރިކަމުގައި ހުރި ހުރުމާ މެދު އޮތް ހިޔާލުތަފާތުވުމެއް. އެއީ ކޮންމެހެން އަޅުގަނޑު ވެގެންނެއް ނޫން. ރައީސް ނަޝީދަކީ ވެރިކަން ބޭނުންފުޅުވާ ބޭފުޅެއް. ކޮންމެ ބޭފުޅަކު ވެރިކަމުގައި ހުރި ނަމަވެސް، ހިޔާލުތަފާތުވުން އޮންނާނެ ކަމަށް އަޅުގަނޑު ދެކެނީ. އެހެންވީމާ މިހާރު މިއޮތް ހިޔާލުތަފާތުވުމަކީ އަޅުގަނޑު މި މަގާމުގައި ހުރީމާ އޮތް ހިޔާލުތަފާތުވުމެއް ކަމަށް އަޅުގަނޑަށް ބެލެވެނީ. އެނޫން އެއްވެސް ކަމެއް މީގައި އޮތް ކަމަކަށް އަޅުގަނޑު ނުދެކެން،" އެމަނިކުފާނު ވިދާޅުވިއެވެ.
އަންނަ މަހުގެ 28 ވަނަ ދުވަހު ބާއްވާ އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ރައީސް ސޯލިހާ ދެކޮޅަށް ނުކުންނަވާނީ އެމްޑީޕީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދެވެ.