ޝަރުތު ހަމަވާ އެންމެނަށް ރިޔާސީ އިންތިހާބުގައި ވާދަކުރުމުގެ ފުރުސަތު އޮންނަން ވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.
ރައީސް އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަފުޅުދައްކަވަމުން ރައީސް ވިދާޅުވީ އެންމެން އެކަހެރިކޮށްފައި، ވާދަކުރާ ހަމައެކަނި ކެންޑިޑޭޓުގެ ގޮތުގައި ނުކުމެވަޑައިގެން ރިޔާސީ އިންތިހާބު ކާމިޔާބުކުރެއްވުމުގެ ވިސްނުންފުޅު ނުގެންގުޅުއްވާ ކަމަށެވެ.
"ރައީސް އަބްދުﷲ ޔާމީން ޖަލުގައި ބައިންދައިގެންތޯ އަޅުގަނޑު ރިޔާސީ އިންތިހާބަށް ދާން ބޭނުންވަނީ. ނޫން، އެއްގޮތަކަށް ވެސް އަޅުގަނޑުގެ ވިސްނުމެއް ނެތް ވަކި މީހަކު އެކަހެރިކޮށްފައި، ވަކި މީހަކު ބާކީކޮށްފައި އަޅުގަނޑު އެކަނި ނުކުމެ އިންތިހާބު ކާމިޔާބުކުރާކަށް. ޝަރުތު ހަމަވާ އެންމެންނަށް، ހުރިހާ ބޭފުޅުންނަށް ރިޔާސީ އިންތިހާބުގައި ކުރިމަތިލުމުގެ ފުރުސަތު އޮންނަންވާނެ،" އެމަނިކުފާނު ވިދާޅުވިއެވެ.
ވ. އާރަށުގައި ރިސޯޓެއް ތަރައްގީކުރަން އެ ރަށް ވިއްކައިގެން ލިބުނު ފައިސާ އަމިއްލަފުޅު އެކައުންޓަށް ޖަމާކޮށްގެން ހިންގެވި ހިޔާނާތުގެ ދައުވާތައް މިދިޔަ އާދީއްތަ ދުވަހު ވަނީ ރައީސް ޔާމީންގެ މައްޗަށް ސާބިތުވެފައެވެ. އާރަށުގެ މައްސަލައިގައި ރައީސް ޔާމީންގެ މައްޗަށް ދެ ދައުވާއެއް ކުރިއެވެ. އެއީ އެރަށް ކުއްޔަށް ދިނުމުގައި ރިޝްވަތު ހިފުމާއި ރިޝްވަތުގެ ގޮތުގައި ލިބުނު ފައިސާ ބޭނުންކޮށްގެން މަނީލޯންޑާ ކުރި ކަމުގެ ދައުވާއެވެ. އޭގެ ތެރެއިން ރިޝްވަތު ހިފުމުގެ ކުށުގެ އަދަބެއްގެ ގޮތުން ހަތަރު އަހަރަށް އަދި މަނީލޯންޑާ ކުރުމުގެ ކުށުގައި ހަތް އަހަރަށް ޖަލަށް ލުމަށް ކްރިމިނަލް ކޯޓުން ވަނީ ހުކުމްކޮށްފައެވެ.
އެމްޑީޕީގެ ރިޔާސީ ޓިކެޓު ހޯއްދެވުމަށް ރައީސް ސޯލިހު ފުރަތަމަ ނުކުންނަވަން ޖެހިވަޑައިގަންނަވާނީ އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައެވެ. އަންނަ މަހުގެ 28 ވަނަ ދުވަހު ބާއްވާ އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ރައީސް ސޯލިހާ ދެކޮޅަށް ނުކުންނަވާނީ އެމްޑީޕީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދެވެ.