އިސްކަންދަރު ސްކޫލުގެ ޓީޗަރުން އުފައްދާފައިވާ، އިސްކަންދަރު ވޯކް ޔޫނިއަންގެ މައްސަލަ ރަޖިސްޓްރާ އޮފް ޔޫނިއަންސް އަށް ހުށަހެޅުއްވުމަށް ތައްޔާރުވަމުން ގެންދަވާކަމަށް މިނިސްޓާ އޮފް އެޑިޔުކޭޝަން، ހަޔާއެޑިޔުކޭޝަން އެންޑް ސްކިލްސް ޑިވެލޮޕްމަންޓް ޑރ. އިސްމާއީލް ޝަފީއު ވިދާޅުވެއްޖެއެވެ.

މިނިސްޓަރު މިހެން ވިދާޅުވީ، އިސްކަންދަރު ވޯކް ޔޫނިއަން ބަލައިނުގަންނާނެކަމަށާއި އެ ޔޫނިއަންގެ އެއްވެސް ހަރަކާތެއް ސްކޫލުގައި ނުހިންގޭނެކަމަށް އެ ސްކޫލް ޕްރިންސިޕަލް އަންގަވާފައިވާ މައްސަލައިގައި ކެންދޫ ދާއިރާގެ އެމްޑީޕީ މެންބަރު މައުރޫފް ޒާކިރު، ކުރެއްވި ސުވާލަށް ޖަވާބު ދެއްވަމުންނެވެ.

މިނިސްޓަރު ވިދާޅުވީ، ދިވެހި ދައުލަތުގެ، ނުވަތަ ދިވެހި ސަރުކާރުގެ މުއައްސަސާއެއްގެ ނަމެއް، ނުވަތަ އެފަދަ ނަމަކާ އޮޅުން އަރައިފާނެ ނަމެއް، ޔޫނިއަންއަކަށް ނުކިޔޭނެ ކަމަށް، ކަމާބެހޭ ގާނޫނާއި ގަވާއިދުގައި ބުނާ ކަމަށެވެ.

މިނިސްޓަރު ވިދާޅުވީ، އާއްމު ކުންފުނިތަކާއި އިދާރާތަކާ ހިލާފަށް ސްކޫލް މަދަރުސާތަކަކީ ހާއްސަ ސިފަތަކެއް ލިބިގެންވާ ތަންތަން ކަމަށާއި، ސްކޫލް ތަކަކީ ހާއްސަ ހިފެހެއްޓުންތަކެއް ހުންނަ ތަންތަން ކަމަށެވެ. އަދި ސްކޫލް ތަކަކީ ވަރަށް ގިނަ ބައެއްގެ އިހްސާސްތަކާއި ހިތާ ގުޅިފައިވާ ތަނެއްކަމަށްވެސް ވިދާޅުވިއެވެ.

އެހެންކަމުން މުދައްރިސުންގެ ހައްގުތައް ހިމާޔަތްކޮށް މުދައްރިސުންގެ ފަރާތުން އަޑު އުފުލައި ވަކާލާތު ކުރުމަށްޓަކައި ޓީޗާސް އެސޯސިއޭޝަން ކިޔާ ޖަމްއިއްޔާއެއް އެކުލަވައިލައިފައިވާ ކަމަށާއި އެ ޖަމިއްޔާގައި ވަރަށް އިސްކޮށް މަސައްކަތް ކުރެއްވި ކަމަށްވެސް ވިދާޅުވިއެވެ.

ކަމާބެހޭ ގާނޫނާއި ގަވާއިދު އެހެން އޮތުމުން އިސްކަންދަރުގެ ނަން ނުވަތަ މަޖީދިއްޔާ، އަމީނިއްޔާ، ނުވަތަ އެހެންވެސް ސްކޫލެއްގެ ނަން ބޭނުންކޮށްގެން ޔޫނިއަނެއް ރަޖިސްޓްރީ ކުރެވިދާނެކަަމަށް ދެކެވަޑައިނުގަންނަވާކަ މަށްވެސް މިނިސްޓަރު ވިދާޅުވިއެވެ.

އެެހެންކަމުން މިނިސްޓަރު ވިދާޅުވީ، އިސްކަންދަރުގެ ނަން ބޭނުންކޮށްގެން އެ ޔޫނިއަން ރަޖިސްޓްރީ ކޮށްފައިވަނީ އެންމެ ރަނގަޅަށް ނޫން ކަމަށެވެ.

މިނިސްޓަރު ވިދާޅުވި ގޮތުގައި އެކަމާ ގުޅިގެން އެ ޔޫނިއަންގެ މައްސަލަ ރެޖިސްޓްރާއަށް ހުށަހަޅަން ދަނީ ތައްޔާރުވަމުންނެވެ.