ސިނގިރޭޓަކުން ނަގާ ޑިއުޓީ 8 ރުފިޔާއިން، 4 ރުފިޔާއަށް ކުޑަކުރަން، ސަރުކާރުން ނިންމީ، ވޭޕް މަނާކުރުމުގެ ސަބަބުން، ވޭޕް ބޭނުންކުރި ފަރާތްތަކުން ދުންފަތަށް ހިޖުރަކޮށްފައި ނުވާތީ ކަމަށް އެ ފަރާތްތަކުން އަލުން ސިނގިރޭޓު ހިޔާރު ނުކުރާކަން ދިރާސާތަކުން ކަށަވަރުވާތީ ކަމަށް ޕީއެންސީ މަޖިލިސް މެންބަރުން ވިދާޅުވެއްޖެއެވެ.
އެކްސްޕޯޓް އިމްޕޯޓްގެ ގާނޫނަށް ގެނައި އިސްލާހުން 2024 ވަނަ އަހަރު، ސިނގިރޭޓާއި ބިޑިއަށް ނަގާ އިމްޕޯޓް ޑިއުޓީގެ 3 ރުފިޔާއިން 4 ރުފިޔާއަށް އަދި މި މުދަލުން ނެގޭ އެޑްވެލޮރަމް ރޭޓް 25 ޕަސެންޓުން 50 ޕަސެންޓަށް ބޮޑުކުރީ މިސަރުކާރުންނެވެ.
އޭގެ އިތުރުން ހަމަ އެ އަހަރު ދުންފަތް ކޮންޓްރޯލުކުރުމުގެ ގާނޫނަށް ގެނައި އިސްލާހުން، އިލެކްޓްރޯނިކް ސިނގިރޭޓާއި، އެފަދަ ވޭޕް ކުރުމަށް ބޭނުންކުރާ އާލާތްތަކާއި އެ އެއްޗެއްސާއެކު ބޭނުންކުރުމަށް ތައްޔާރުކޮށްފައިވާ އުފެއްދުންތައް ރާއްޖެއަށް އެތެރެކުރުން މަނާކޮށް، 2007 ވަނަ އަހަރުން ފެށިގެން އުފަންވެފައިވާ އަދި އުފަން ވާނެ ކުދިންނަށް ދުންފަތް މަނާކުރިއެވެ.
ނަމަވެސް ސިނގިރޭޓާއި ބިޑިއަށް ނަގާ އިމްޕޯޓް ޑިއުޓީ 8 ރުފިޔާއިން 4 ރުފިޔާއަށް އަދި މި މުދަލުން ނެގޭ އެޑްވެލޮރަމް ރޭޓް 50 ޕަސެންޓުން 30 ޕަސެންޓަށް ކުޑަކުރަން ހަމަ މި ސަރުކާރުން މިއަދު މިވަނީ އެކްސްޕޯޓް އިމްޕޯޓްގެ ގާނޫނަށް އިސްލާހު ގެންނަން މަޖިލީހަށް ބިލެއް ހުށަހަޅައިފައެވެ.
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ކުރިއަށް ގެންދިޔަ މި ބިލުގެ ބަހުސްގައި، އިދިކޮޅު އެމްޑީޕީގެ މެންބަރުން ވަނީ ސަރުކާރަށް ވަރަށް ބޮޑަށް ފާޑު ވިދާާޅުވެފައެވެ.
އެ ފާޑުކިއުންތަަކަށް ރައްދު ދެއްވަމުން ޕީއެންސީގެ ޕީޖީ ލީޑަރު އިނގުރައިދޫ ދާއިރާގެ މެންބަރު އިބްރާހިމް ފަލާހު އާއި، ބާރަށު ދާއިރާގެ މެންބަރު އިބްރާހިމް ޝުޖާއު ވިދާޅުވީ، 2024 ވަނަ އަރު ސިނގިރޭޓްގެ ޑިއުޓީ ބޮޑުކުރީ، ވޭޕް މަނާ ކުރުމުން ވޭޕް ބޭނުންކުރަމުން ދިޔަ މީހުން ސިނގިރޭޓަށް ހިޖުރަކޮށް ސިގިރޭޓް ބޯން ފަށާފައިނެތީ ކަމަށެވެ.
ނަމަވެސް އެއަށްފަހު ކުރި ދިރާސާތަކުން ދައްކަނީ، ވޭޕް މަނާކުރި ނަމަވެސް ވޭޕް ބޭނުންކުރަމުން އައި މީހުން ސިނގިރޭޓަށް ހިޖުރަ ނުކުރާކަމަށެވެ. އެހެންކަމުން ޖެނެރޭޝަން ބޭން އާއެކު އޭރު ގާނޫނަށް ގެނައި އިސްލާހުތައް ކާމިޔާބު ކަމާއެކު ތަންފީޒު ކުރެވެމުންދާތީ، ސިނގިރޭޓްގެ އަގަށް ބަދަލު ގެންނަން ސަރުކާރުން ބިލު ހުށަހެޅުއްވީ ކަމަށް އެ މެންބަރުން ވިދާޅުވިއެވެ.
އިބްރާހިމް ޒަކީ
ރައްޔިތުންގެ މަޖިލިސް
ރައްޔިތުންގެ މަޖިލިސް
ކޮމެންޓް