އެމްއެމްޕީއާރުސީ ބޮޑު ހިޔާނާތާ ގުޅޭ 53 މައްސަލައެއް ތަހުގީގުކުރަމުންދާ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.

ރައީސް އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަފުޅުދައްކަވަމުން ރައީސް ވިދާޅުވީ އެމްއެމްޕީއާރުސީ ބޮޑު ހިޔާނާތުގެ މައްސަލައިގައި، 14 މައްސަލައެއް މީގެ ކުރިން ކޯޓަށް ހުށަހަޅާފައިވާ ކަމަށާއި އޭގެ ތެރެއިން ފަސް ފަރާތަކަށް ޖުމުލަ 43 ދައުވާއެއް ކޯޓުގައި ސާބިތުވެފައިވާ ކަމަށެވެ. އަދި ހަތް ފަރާތަކާއި ދެ ކުންފުންޏެއްގެ މައްސަލަ ކޯޓުގައި މިހާރު ވެސް ކުރިއަށްދާ ކަމަށް ވިދާޅުވިއެވެ.

"53 މައްސަލަ އޭސީސީން މިހާރު ތަހުގީގުކުރަމުން އެބަދޭ. ދިހަ މައްސަލައެއްގައި ދައުވާކުރުމާ ގުޅޭގޮތުން ގޮތެއް ނިންމުމަށް ޕީޖީ އޮފީހާއެކުގައި މަޝްވަރާ ކުރެވެމުން އެބަދޭ. އޭގެ ތެރެއިން ހަތަރު މައްސަލައެއް ދައުވާ ކުރެވިދާނެ ކަމަށް ޕީޖީން ނިންމައި، މިހާރު އޮތީ ކަނޑައަޅާފައި. ފަސް މައްސަލައެއް އަލުން ރިވިއުކުރަން މީގެ ދެ ދުވަހެއް ކުރިން އަލުން ފޮނުވާފައި އެބައޮތް،" އެމަނިކުފާނު ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ ޕްރޮސިކިއުޓާ ޖެނެރަލް (ޕީޖީ) އޮފީހުން މިހާތަނަށް ފޮނުވާފައިވާ ދިހަ މައްސަލައިގެ ތެރެއިން އެއް މައްސަލަ ދައުވާ ނުކުރެވޭނެ ކަމަށް ނިންމާފައިވާ ކަމަށާއި އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ތަހުގީގުކުރަމުންދާ މައްސަލަތަކުގެ ތެރެއިން ފައިސާ ހޯދުމަށްޓަކައި އެޓާނީ ޖެނެރަލް (އޭޖީ) އޮފީހުން މިހާރު އޭގެން ބައެއް މައްސަލަތައް މަދަނީ ކޯޓަށް ހުށަހެޅުމަށް ފޮނުވާފައިވާ ކަމަށެވެ. އަދި މަރު ކޮމިޝަނާއި ކޮރަޕްޝަންގެ މައްސަލަތައް ތަހުގީގުކުރާ ކޮމިޝަނުން ކުރަމުންދިޔަ މަސައްކަތްތަކަށް އުންދަގޫތަކެއް ދަތިތަކެއް ކުރިމަތިވިކަން ވެސް ރައީސް ފާހަގަކުރެއްވިއެވެ.

"މި ދެ ކޮމިޝަނަށް ހަވާލުކުރި ބުރަ މަސައްކަތް ކުރަމުންދަނިކޮށް، އެ ދެ ކޮމިޝަންގެ މަސައްކަތަށް ހުއްޓުމެއް އައި. 2020 ވަނަ އަހަރު އައި އިރު، ކޮމިޝަނުން ތައްޔާރުކޮށްފައި އޮތް ޑްރާފްޓް ރިޕޯޓުތަކެއް އާންމުވުމާ ގުޅިގެން، މަސައްކަތްތަކަށް ބުރޫއެރީ،" އެމަނިކުފާނު ވިދާޅުވިއެވެ.

ރައީސް އިތުރަށް ވިދާޅުވީ މިހާރު ވެސް ބައެއް ފަރާތްތަކުގެ އަތުން ފައިސާ ހޯދަން މިހާރު އެމްއެމްޕީއާރުސީއަށް ފޮނުވާފައިވާ ކަމަށާއި ދެން އޮތީ އެކަންތައް ހަލުވިކޮށް ކުރިއަށްގެންދިއުން ކަމަށެވެ.