ސަރުކާރުގެ އެހީގައި 6519 ކުދީން ހިލޭ ޑިގްރީ ހަދާފައިވާ ކަމަށާއި 16000 އަށްވުރެ ގިނަ ކުދީން ހިލޭ ޑިގްރީއަށް ކިޔަވަމުން އަންނަ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.

ހަ މަހަށްފަހު މިއަދު ރައީސް ސޯލިހު ބޭއްވެވި ނޫސްވެރިންގެ ބައްދަލުވުމުގައި އެ މަނިކުފާނު ވިދާޅުވީ, ސަރުކާރުން ވީ ވައުދުތައް ފުއްދުމުގައި ގިނަ މަސައްކަތްތަކެއް ކުރެވިއްޖެ ކަމަށެވެ. އެގޮތުން ރާއްޖެއަށް އަލުން އަނބުރާ ހަމަޖެހުން ގެނެވިއްޖެކަމުގެ ހިތްހަމަޖެހުން އެބަ އޮތްއިރު, އަސާސީ ހިދުމަތްތައް ރާއްޖޭގެ އެންމެންނަށް ފޯރުކޮށްދިނުމުގެ މަސައްކަތް މިހާރުވެސް ބާރަށް ކުރިއަށްދާ ކަމަށް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ، އުފެއްދުންތެރި ޖީލެއް ބިނާކުރުމަށް ސަރުކާރުން ކުރިއަށްގެންދާ އެންމެ ބޮޑު މަޝްރޫއުއަކީ ހިލޭ ޑިގްރީ ޕްރޮގްރާމް ކަމަށާއި އެ ޕްރޮގްރާމްގެ ދަށުން ޖުމުލަ 16،000 އަށްވުރެ ގިނަ ކުދިން ތައުލީމު ހާސިލުކުރަމުންދާ ކަމަށެވެ.

އަދި އެ ޕްރޮގްރާމްގެ ދަށުން 6،519 ކުއްޖަކު ގްރެޖުއޭޓް ވެފައިވާ ކަމަށްވެސް ވިދާޅުވިއެވެ.

ހިލޭ ޑިގްރީގެ ދަށުން ކިޔެވުމުގެ ފުރުސަތު ހުޅުވާލީ 14 ފެބްރުއަރީ 2019 ގައެވެ. އެ އަހަރު 4،804 ދަރިވަރުން އެ ޕްރޮގްރާމްގެ ދަށުން ތައުލީމު ހާސިލުކުރަން ފެށިއެވެ. އަދި 2020 ވަނަ އަހަރު 4،818 ދަރިވަން، 2021 ވަނަ އަހަރު 3،301 ދަރިވަރުން ހިލޭ ޑިގްރީ ޕްރޮގްރާމުގެ ދަށުން ތައުލީމު ހާސިލުކުރަން ފެށިއެވެ.

ހިލޭ ޑިގްރީ ޕްރޮގްރާމް ކުރިއަށް ގެންދިއުމަށް އަންނަ އަހަރަށް ހުށަހެޅި ބަޖެޓުގައި 166 މިލިއަން އަދި ކުޑަ އިންޓްރެސްޓްގައި ދޭ ތައުލީމީ ލޯނަށް 216 މިލިއަން ރުފިޔާ ވަނީ ހިމަނައިފައެވެ.