ސަރުކާރުން ހަތަރު އަހަރު ތެރޭ ކުރެވުނު މަސައްކަތުގެ ރިޕޯޓު، ތަފާސް ހިސާބުން ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު އިއްވަވައިފިއެވެ.

ހަ މަހަށްފަހު މިއަދު ރައީސް ސޯލިހު ބޭއްވެވި ނޫސްވެރިންގެ ބައްދަލުވުމުގައި އެ މަނިކުފާނު ވިދާޅުވީ, ސަރުކާރުން ވީ ވައުދުތައް ފުއްދުމުގައި ގިނަ މަސައްކަތްތަކެއް ކުރެވިއްޖެ ކަމަށެވެ. އެގޮތުން ރާއްޖެއަށް އަލުން އަނބުރާ ހަމަޖެހުން ގެނެވިއްޖެކަމުގެ ހިތްހަމަޖެހުން އެބަ އޮތްއިރު, އަސާސީ ހިދުމަތްތައް ރާއްޖޭގެ އެންމެންނަށް ފޯރުކޮށްދިނުމުގެ މަސައްކަތް މިހާރުވެސް ބާރަށް ކުރިއަށްދާ ކަމަށް ވިދާޅުވިއެވެ.

އެއަށްފަހު އެ މަނިކުފާނު ވަނީ ވެރިކަމުގެ ހަތަރު އަހަރުގެ ތެރޭގައި ކުރެވުނު މަސައްކަތުގެ ތަފާސްހިސާބުތައް ހިއްސާކުރައްވައިފައެވެ. އޭގެ ތެރޭގައި:

ސާފު ބޯފެނާއި ނަރުދަމާގެ 141 މަޝްރޫއެއް ކުރިއަށް

47 ރަށެއްގެ ބަނދަރު ނިމިއްޖެ

37 ރަށެއްގެ ބަނދަރު ހެދުން ކުރިއަށް

31 ރަށުގެ މަގު ހެދުން ކުރިއަށް

7 ރަށުގެ ބިން ހިއްކައި ނިމިއްޖެ

8 ރަށެއްގެ ބިން ހިއްކުން ކުރިއަށް

31 ރަށެއްގެ މަގު ހެދުން ކުރިއަށް

ސިއްހީ ދާއިރާގެ 31 މަޝްރޫއެއް ނިމިއްޖެ

16،000 އަށްވުރެ ގިނަ ކުދިން ހިލޭ ޑިގްރީގައި ކިޔަވަމުންދޭ

6،519 ކުދިން ޑިގްރީ ޕްރޮގްރާމުން ގްރެޖުއޭޓްވެއްޖެ

ޓޫރިޒަމް ސެކްޓަރުގައި އުޅޭ 13،000 މުވައްޒަފަކަށް ކުޑަ އުޖޫރަ ކަނޑައެޅިއްޖެ

ސަރުކާރުގެ އެކި މަގާމުތަކުގައި އުޅޭ 15,000 މީހަކަށް ކުޑަ އުޖޫރަ ކަނޑައެޅިއްޖެ

ސަރުކާރު ކުންފުނިތަކުގެ 5000 މުވައްޒަފުންނަށް ކުޑަ އުޖޫރަ ކަނޑައެޅިއްޖެ

10,000 އަށްވުރެ ގިނަ ޓީޗަރުންގެ މުސާރަ ބޮޑުކޮށްފި

މުޅި ރާއްޖޭގައި 16،000 އާއިލާއަށް ބޯހިޔާވަހިކަން ފޯރުކޮށްދިނުމުގެ އެކި މަޝްރޫއުތައް ކުރިއަށް

މާލޭގައި އެކި ކެޓަގަރީގެ 8،700 ފްލެޓް ހަދަމުން އެބަދޭ

އަތޮޅުތެރޭގައި 4،436 ފްލެޓާއި ރޯހައުސް ހަދަމުން އެބަދޭ

ގެދޮރުވެރިޔާ ލޯން 183 މީހަކަށް ދީފި، އެއީ 168 މިލިއަން ރުފިޔާ

32 ސަރަހައްދެއް ހިމާޔަތްކޮށްފި

ރައީސް ވިދާޅުވީ, ހިފެހެއްޓިފައިވާ ބާރުތައް ދޫކޮށްލެވި, ލާމަރުކަޒީ ބޮޑު ބަދަލު ގެނެވެން ފަށާފައިވާ ކަމަށެވެ.

އަދި ކޮވިޑް-19ގެ ބަލިމަޑުކަމުން އަރައިގަތުމަށް އިންކަމް ސަޕޯޓް ގޮތުގައި 22,940 ފަރާތަކަށް 421 މިލިއަން ރުފިޔާގެ އެހީ ދެވިއްޖެ ކަމަށާއި އެ މުއްދަތުގައި ވިޔަފާރީ އެހީގެ ގޮތުގައި 2818 ފަރާތަކަށް 1.6 ބިލިއަން ރުފިޔާގެ ލުއި ލޯން ދޫކުރެވުނު ކަމަށްވެސް ވިދާޅުވިއެވެ.

ސަރުކާރުން ކަނޑައަޅާފައިވާ، 2030 ވަނަ އަހަރަށް ނެޓް ޒީރޯއަށް ވާސިލުވުމަށް 20 މެގަވޮޓް ސޯލާ ޕީވީ ސިސްޓަމް ހަރުކުރެވި، ފެނަކަ ކޯޕަރޭޝަންގެ ފަރާތުން ހޯމް ސޯލާ ޕްރޮގްރާމްގެ ދަށުން 1 މެގަވޮޓް ސޯލާ ޕީވީ ސިސްޓަމް ދޫކުރަން ފަށާފައިވާ ކަމަށްވެސް ވިދާޅުވިއެވެ. އަދި އެ ޕްރޮގްރާމްގެ ދަށުން މިހާތަނަށް 589 ކިލޮވޮޓްގެ ސޯލާ ޕީވީ ސިސްޓަމް 2012 ގޭގައި ގާއިމުކޮށް ނިމިފައިވާ ކަމަށްވެސް ވިދާޅުވިއެވެ.