މި ސަރުކާރުން 300 އަށްވުރެ ގިނަ ޖަނަރޭޓަރު އަލަށް ބަހައްޓާފައިވާ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.
ހަ މަހަށްފަހު މިއަދު ރައީސް ސޯލިހު ބޭއްވެވި ނޫސްވެރިންގެ ބައްދަލުވުމުގައި އެ މަނިކުފާނު ވިދާޅުވީ, ސަރުކާރުން ވީ ވައުދުތައް ފުއްދުމުގައި ގިނަ މަސައްކަތްތަކެއް ކުރެވިއްޖެ ކަމަށެވެ. އެގޮތުން ރާއްޖެއަށް އަލުން އަނބުރާ ހަމަޖެހުން ގެނެވިއްޖެކަމުގެ ހިތްހަމަޖެހުން އެބަ އޮތްއިރު, އަސާސީ ހިދުމަތްތައް ރާއްޖޭގެ އެންމެންނަށް ފޯރުކޮށްދިނުމުގެ މަސައްކަތް މިހާރުވެސް ބާރަށް ކުރިއަށްދާ ކަމަށް ވިދާޅުވިއެވެ.
ކަރަންޓުގެ ޔަގީންކަން އެންމެންނަށް ފޯރުކޮށްދެވިއްޖެކަން ފާހަގަކުރައްވައި ރައީސް ވިދާޅުވީ، މި ސަރުކާރުން 144 ރަށެއްގައި 313 ޖަނަރޭޓަރު އަލަށް ބަހައްޓާފައިވާ ކަމަށެވެ. އަދި އިންޖީނުގެތަކާއި އޮފީސް ހެދުމުގެ 76 މަޝްރޫއެއް ކުރިއަށްދާ ކަމަށްވެސް ވިދާޅުވިއެވެ.
މީގެ ތެރެއިން ގިނަ މަޝްރޫއުތަކަކީ ރަށު މެދުގައި ހުރި ބާ އިންޖީނުގެތައް މީހުން ދިރިނޫޅޭ ހިސާބުތަކާ ދުރަށް ގެންދިއުމަށް މި ސަރުކާރުން ފެނަކަ ކޯޕަރޭޝަން ލިމިޓެޑާ ހަވާލުކޮށްގެން ކުރިއަށްދާ މަޝްރޫއުތަކެވެ.
ނޫސްވެރިންގެ ބައްދަލުވުމުގައި އެ މަނިކުފާނު ވަނީ ވެރިކަމުގެ ހަތަރު އަހަރުގެ ތެރޭގައި ކުރެވުނު މަސައްކަތުގެ ބައެއް ތަފާސްހިސާބުތައްވެސް ހިއްސާކުރައްވައިފައެވެ.
- ސާފު ބޯފެނާއި ނަރުދަމާގެ 141 މަޝްރޫއެއް ކުރިއަށް
- 47 ރަށެއްގެ ބަނދަރު ނިމިއްޖެ
- 37 ރަށެއްގެ ބަނދަރު ހެދުން ކުރިއަށް
- 31 ރަށުގެ މަގު ހެދުން ކުރިއަށް
- 7 ރަށުގެ ބިން ހިއްކައި ނިމިއްޖެ
- 8 ރަށެއްގެ ބިން ހިއްކުން ކުރިއަށް
- 31 ރަށެއްގެ މަގު ހެދުން ކުރިއަށް
- ސިއްހީ ދާއިރާގެ 31 މަޝްރޫއެއް ނިމިއްޖެ
- 16،000 އަށްވުރެ ގިނަ ކުދިން ހިލޭ ޑިގްރީގައި ކިޔަވަމުންދޭ
- 6،519 ކުދިން ޑިގްރީ ޕްރޮގްރާމުން ގްރެޖުއޭޓްވެއްޖެ
- ޓޫރިޒަމް ސެކްޓަރުގައި އުޅޭ 13،000 މުވައްޒަފަކަށް ކުޑަ އުޖޫރަ ކަނޑައެޅިއްޖެ
- ސަރުކާރުގެ އެކި މަގާމުތަކުގައި އުޅޭ 15,000 މީހަކަށް ކުޑަ އުޖޫރަ ކަނޑައެޅިއްޖެ
- ސަރުކާރު ކުންފުނިތަކުގެ 5000 މުވައްޒަފުންނަށް ކުޑަ އުޖޫރަ ކަނޑައެޅިއްޖެ
- 10,000 އަށްވުރެ ގިނަ ޓީޗަރުންގެ މުސާރަ ބޮޑުކޮށްފި
ރައީސް ވިދާޅުވީ, ދަތުރުފަތުރުގެ ނިޒާމަކުން ރާއްޖެ ގުޅުވާލުމުގެ މަސައްކަތް ފަށާފައިވާއިރު, އެ މަޝްރޫއުގެ ދަށުން ބޮޑުތިލަދުންމައްޗަށާއި ޅ. އަތޮޅުގައި ފަށާފައިވާ ފެރީ ނިޒާމުން ލައްކައަކަށްވުރެ ގިނަ މީހުން ދަތުރުކޮށްފައިވާ ކަމަށެވެ.
މާލެއާއި އަތޮޅު ތެރޭގައި 16,000 އާއިލާއަށް ބޯހިޔާވަހިކަން ފޯރުކޮށްދިނުމުގެ އެކި މަޝްރޫއުތައް ކުރިއަށްދާކަން ފާހަގަކުރައްވައި ރައީސް ވިދާޅުވީ, މާލޭގައި އެކި ކެޓަގަރީގެ 8700 ފްލެޓް ހަދަމުންދާއިރު, އަތޮޅު ތެރޭގައި 4436 ފްެލެޓާއި ރޯހައުސް ހަދަމުންދާ ކަމަށެވެ.
އަދި ގެދޮރުވެރިޔާ ލޯން 183 މީހަކަށް, 168 މިލިއަން ރުފިޔާ ދެވިއްޖެ ކަމަށްވެސް ވިދާޅުވިއެވެ.
ޚަބަރު
ޚަބަރު
ޚަބަރު