ޗެލްސީގެ އިންގްލެންޑް ރީސް ޖޭމްސްގެ ކަކުލަށް އަނެއްކާވެސް އަނިޔާވެ، ރޭގެ މެޗުން ބާލަން ޖެހިއްޖެއެވެ.

ވޯލްޑް ކަޕްގެ ކުރިން އެންމެ ފޯމު ރަނގަޅުކޮށް ހުރި ޑިފެންޑަރު، ޖޭމްސްއަށް އެ މުބާރާތަށް އިންގްލެންޑާއެކު ނުދެވުނީ ކަކުލުގެ އަނިޔާއެއްގެ ސަބަބުންނެވެ. އޭސީ މިލާނާ ދެކޮޅަށް މިދިޔަ އޮކްޓޯބަރު މަހު ޗެލްސީން ކުޅުނު ޗެމްޕިއަންސް ލީގު މެޗުގައި ޖޭމްސްގެ ކަކުލަށް ލިބުނު އަނިޔާއިން ރަނގަޅުވުމަށް އޭނާ އޮޕަރޭޝަނެއް ނުކުރި ނަމަވެސް، ތިން ހަފުތާގެ ހާއްސަ ރިހެބިލިޓޭޝަން ޕްރޮގްރާމެއް ފުރިހަމަކުރިއެވެ. އެ ރިހެބިލިޓޭޝަނަށް ފަހު ޖޭމްސް ކުޅުނު ފުރަތަމަ ރަސްމީ މެޗަކީ ރޭ ޗެލްސީން ބޯންމައުތާ ދެކޮޅަށް ކުޅުނު މެޗެވެ.

އެ މެޗުގެ ފުރަތަމަ ހާފުގައި ރަނގަޅަށް ކުޅުނު ޖޭމްސް، ދެވަނަ ހާފު ފެށިތާ މާ ގިނައިރެއް ނުވެ، މެޗުގެ 53 ވަނަ މިނެޓުގައި އޭނާއަށް އަނިޔާވެ ބަދަލުކުރަން ޖެހުނެވެ. ހަމަ ކުރިންވެސް އަނިޔާވި ކަކުލަށް އަނިޔާވެ ޖޭމްސް ބަދަލުކުރަން ޖެހުމުން ބަދަލުގައި ކުޅެން ނުކުތީ ސެޒާ އަޒްޕިލިކުއެޓާއެވެ.

"ހަމަ ކުރިންވެސް އަނިޔާވި ކަކުލަށް އެ އަނިޔާވީ. އަހަރެން މިހުރީ ވަރަށް ބޮޑަށް ކަންބޮޑުވެފައި،" ޗެލްސީގެ ކޯޗު ގްރަހަމް ޕޮޓާ، ރޭގެ މެޗަށްފަހު ބުންޏެވެ.

އުމުރުން 23 އަހަރުގެ ޖޭމްސްގެ އަނިޔާއަށް އެއްވެސް ވާހަކައެއް ދައްކަން އެނގޭނީ ސްކޭންތަކަށް ފަހު، މިއަދު ނޫނީ މާދަމާ ކަމަށްވެސް ޕޮޓާ ބުނެފައިވެއެވެ. ޕޮޓާ އިތުރަށް ބުނީ ދުނިޔޭގެ ކޮންމެ ޓީމެއް ނަމަވެސް، ޖޭމްސް ފެންވަރުގެ ކުޅުންތެރިޔަކު އަނިޔާގެ ސަބަބުން ގެއްލުން ވެގެންދާނީ ބޮޑު މާޔޫސް ކަމަކަށް ކަމަށެވެ.

"ޖޭމްސް ހުރީ ވޯލްޑް ކަޕް ގެއްލުމުންވެސް ވަރަށް ބޮޑަށް މާޔޫސްވެފައި. އެ މާޔޫސްކަން ނިންމާލަން މިއަދުގެ މެޗަށް ނުކުތީ. މިއަދުގެ މެޗުގައިވެސް ޖޭމްސްގެ ކޮލިޓީ ފެންނާނެ. އޭނާ ޓީމަށް ގެންނަ ތަފާތު ފެންނާނެ. އެއީ ދުނިޔޭގެ އެންމެ މަތީ ފެންވަރުގެ މުބާރާތެއް. ހާއްސަކޮށް ޖޭމްސްއާއެކު ތަމްރީނުތައްވެސް ކުރިއަށް ގެންދެވުނީމަ ފެންނާނީ އޭނާގެ ހަގީގީ ފެންވަރު. ދުނިޔޭގެ ކޮންމެ ޓީމަކަށްވެސް އެ ފެންވަރު ކުޅުންތެރިއަކަށް އަނިޔާވީމަ ގެއްލުންވާނެ،" ޕޮޓާ ބުންޏެވެ.

ވޯލްޑް ކަޕަށް މެދުކަނޑާލި އިރު، ޗެލްސީ އޮތީ ދަށް ފޯމެއްގައެވެ. ރޭގެ މެޗަށް ޗެލްސީން ނުކުތީ އެންމެފަހުން ލީގުގައި ކުޅުނު ތިން މެޗުންވެސް ބަލިވެފައި އޮވެގެންނެވެ. އެހެންކަމުން ރޭ އެޓީމުން ހޯދީ މުހިއްމު މޮޅެކެވެ.