ގަތަރު ވޯލްޑް ކަޕް 2022ގެ ފަހުން އިނގިރޭސި ޕްރިމިއާ ލީގުގައި މެންޗެސްޓާ ޔުނައިޓެޑުން ކުޅުނު ފުރަތަމަ މެޗުގައި ރޭ ނޮޓިންހަމް ފޮރެސްޓް ކައިރިން މޮޅުވެއްޖެއެވެ.

ޔުނައިޓެޑްގެ އޯލްޑް ޓްރެފޯޑްގައި ރޭ ކުޅުނު މެޗު އެ ޓީމުން ކާމިޔާބުކުރީ 3-0ގެ ނަތީޖާއަކުންނެވެ. މެޗުގައި އިންގްލެންޑް ފޯވަޑް، މާކަސް ރަޝްފޯޑް ވަނީ ޔުނައިޓެޑަށް ފުރަތަމަ ގޯލު ޖަހައިދީ ދެވަނަ ގޯލަށް އެސިސްޓްވެސް ކޮށްދީފައެވެ.

ރޭގެ މެޗަކީ ކްރިސްޓިއާނޯ ރޮނާލްޑޯގެ ޑްރާމާތަކަށްފަހު، ޔުނައިޓެޑުން ލީގުގައި ކުޅުނު ފުރަތަމަ މެޗެވެ.

މެޗަށް ނުކުތުމުގެ ކުރިން ނޫސްވެރިންނާ ވާހަކަދައްކަމުން ކޯޗު އެރިކް ޓެން ހާގު ބުނީ ރޮނާލްޑޯ ނެތްތައް ފޫބައްދަން ފޯވަޑެއް ހޯދުމުގެ މަސައްކަތް ކުރަމުންދާ ކަމަށާއި ބޭނުންވަނީ ފެންވަރު ރަނގަޅު ފޯވަޑެއް ކަމަށެވެ. މެޗަށް ނުކުތް އިރު، ޓެން ހާގަށް ކުރިމަތިވެފައި އޮތް އަނެއް މައްސަލައަކީ ބައެއް ކުޅުންތެރިންނަށް ރޯގާ ހުން ޖެހުމެވެ. ނަމަވެސް ކުޅުމުން މާބޮޑަށް އެކަން ފާހަގަވެފައެއް ނުވެއެވެ.

ރަނގަޅަށް މެޗު ފެށި ޔުނައިޓެޑުން 19 ވަނަ މިނެޓުގައި ލީޑު ނެގީ ރޭވުންތެރި ކޯނަރެއްގެ އެހީގައެވެ. ކޯނަރުގައި ކްރިސްޓިއަން އެރިކްސަން ޖައްސާލި ބޯޅަ އެއްފަހަރާ ގޯލަށް ވައްދާލައިގެން ލީޑު ނަގައިދިނީ ރަޝްފޯޑެވެ.

އޭގެ ތިން މިނެޓް ފަހުން ރަޝްފޯޑު އަރިމަތިން ނެގި ބޯޅަ އެންތޮނީ މާޝިއަލް ގޯލަށް ވައްދާލައި، ޔުނައިޓެޑުން ނަތީޖާގެ ފަރަގު ބޮޑުކުރި އިރު، އޭގެ ފަހުން މާޝިއަލްއާއި އެންތޮނީ ޖެހި ބޯޅަތައްވެސް ނޮޓިންހަމްގެ ގޯލްކީޕަރު ވޭން ހެނެސީ މަތަކުރިއެވެ.

ޔުނައިޓެޑުން ޖެހި ދެ ގޯލާއެކު ދެވަނަ ހާފުގައިވެސް ނޮޓިންހަމްއަށް މާބޮޑު އެޓޭކެއް ކުރެވިފައި ނުވާއިރު، ޔުނައިޓެޑުން ތިންވަނަ ގޯލެއް ޖެހީ މެޗުގެ 87 ވަނަ މިނެޓުގައެވެ. ކަސެމީރޯގެ ބޯޅައަކުން އެ ގޯލު ޖެހީ ފްރެޑެވެ.

ރޭގެ މޮޅާއެކު ޔުނައިޓެޑް ފަސް ވަނައިގައި އޮތީ 15 މެޗުން 29 ޕޮއިންޓާ އެކުގައެވެ. ހަތަރު ވަނައިގައި އޮތް ޓޮޓެންހަމަށް 16 މެޗުން ލިބިފައިވަނީ 30 ޕޮއިންޓެވެ. މެޗު ހަމަކޮށް ޔުނައިޓެޑަށް ގަދަ ހަތަރަކަށް އަރަން ފުރުސަތު އޮތް އިރު، ރޭގެ މެޗުން ބަލިވި ނޮޓިންހަމް އޮތީ ރެލިގޭޝަން ޒޯންގައެވެ.