ދިވެހި މަސްވެރީންނަކީ ކަނޑުމަތީގައި އުޅުނަސް އެންމެ ޒަމާނީ ޓެކްނޮލޮޖީގެ ތެރޭގައި އުޅޭ، ފަރިތަމަކަމާއި އެކު ޖީޕީއެސް,، ފިޝްފައިންޑަރު އަދި މިނޫންވެސް ގިނަ ޓެކްނޮލޮޖީގެ ވަސީލަތްތައް ބޭނުން ކުރާ ބައެކެވެ. ބޮޑެތި ކަންނެލި ދޯނި ތަކުގައި ވައިފައި ދޫކޮށްފައި ހުންނަ އިރު ބައެއް ދޯނި ތަކުގައި އެއާޓެލްއާއި އަދި މިނޫންވެސް ޓީވީގެ ހިދުމަތް ލިބޭ ވަސީލަތްތައް ބޭނުން ކުރެއެވެ. މިއަދު ޒުވާން މަސްވެރީން ކަނޑުމަތީގައި އުޅެނީ ޓެކްނޮލޮޖީގެ އެންމެ ފަހުގެ ވަސީލަތްތަކާއި އެކުގައެވެ.
އެހެން ކަމުން މަސްވެރިން ކުރަމުން އައި ޝަކުވާއަކީ އެމީހުންނަށް ހާއްސަ މަސްކިރާ ޕޮއިންޓް ތަކާއި ކިއު ނަންބަރާއި އަދި ބިލްތައް ބެލޭނެ މޯބައިލް އެޕްލިކޭޝަނެއް ނެތް ކަމުގެ ޝަކުވާއެވެ. އެހެން ނަމަވެސް މިއަދު ސަރުކާރުން މިވަނީ އެކަމަށް ނިމުމެއް ގެނެސްދީފައެވެ. ސަރުކާރުގެ މަސްކުންފުނީގެ ފަރާތުން މިވަނީ މަސްވެރިންނަށް ހާއްސަ ގިނަ ހިދުމަތްތައް ފަސޭހަ ނިޒާމެއްގެ ތެރެއިން ފޯރުކޮށްދިނުމަށް "ހޯސާ" އެޕްލިކޭޝަން ލޯންޗުކޮށްފިއެވެ.
ކިއުގައި ޖެހިގެން މަސްވެރިން ކުރިން އުޅުނު ދަތި ހާލު މި އެޕްލިކޭޝަންގެ ސަބަބުން ވަރަށް ބޮޑަށް ލުއިވެގެން ދާނެއެވެ. މަސްވެރިންގެ ޑިޖިޓަލް ޕުލެޓްފޯމާއި އެކު އެމީހުން ބާނާ މަސް ކިރުމަށް ކިއު ނަންބަރެއް ނެގުމަށް މަޑުކުރަން ޖެހޭ ވަގުތު މަދުވެ، އެޕްލިކޭޝަން މެދުވެރިކޮށް މަސްކިރާ ޕޮއިންޓަށް ދިއުމުގެ ކުރިން ކޮންމެ ތަނަކު ހުރެގެން ވެސް ކިއު ނަންބަރެއް ނެގޭނެއެވެ. މަސްކިިރާ ނިމިގެން ދޭ ފައިސާގެ މުއާމަލާތްތައް ވެސް އެޕްލިކޭޝަން މެދުވެރިކޮށް ފަސޭހަކަމާއެކު ބަލައިލެވޭނެއެވެ. މީގެ އިތުރުން ދޯނީގެ ލައިސެންސާއި، ރެޖިސްޓްރޭޝަން ސެޓްފިކެޓް އަދި ހައިޖިން ސެޓްފިކެޓު ވެސް މަސްވެރިންނަށް ފަސޭހަކަމާއެކު މި އެޕަށް އަޕްލޯޑުކޮށްލެވެއެވެ.
މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީގެ ފަރާތުން ދިވެހިރާއްޖޭގެ މަސްވެރިންގެ ދުވަހުގެ މުނާސަބަތުގައި، މި އެޕްލިކޭޝަން ލޯންޗުކޮށްފައިވަނީ ގދ. ފަރެސްމާތޮޑާގައި ބޭއްވި ރަސްމީ ޖަލްސާގައެވެ. ދިވެހި ޒުވާން މަސްވެރިންގެ އުއްމީދު ތަކާއި ގުޅިފައިވާ މި އެޕްލިކޭޝަން ލޯންޗުކޮށްދެއްވީ ފިޝަރީޒް މިިނިސްޓަރު ޑރ. ހުސައިން ރަޝީދު ހަސަންއެވެ.
ޓެކްނޮލޮޖީ
ޓެކްނޮލޮޖީ
ޓެކްނޮލޮޖީ
ޓެކްނޮލޮޖީ