ގަތަރު ވޯލްޑް ކަޕް 2022 އަށް އިނގިރޭސި ޕްރިމިއާ ލީގު މެދުކަނޑާލުމަށްފަހު ޗެލްސީން ކުޅުނު ފުރަތަމަ މެޗުގައި މިރޭ ބޯންމައުތު ބަލިކޮށްފިއެވެ.

ގަތަރު ވޯލްޑް ކަޕަށް ލީގު މެދުކަނޑާލުމަށްފަހު ބޮކްސިން ޑޭގައި އަލުން މެޗުތައް ފަށާފައިވާ އިރު، ސީޒަން މެދުކެނޑުމަކީ ޗެލްސީއަށް ހަމަޖެހިލަން ލިބުނު ވަގުތެކެވެ. ވޯލްޑް ކަޕްގެ ކުރިން ޗެލްސީއަށް އަނިޔާގެ މައްސަލަތައް ކުރިމަތިވެފައި އޮތް އިރު، އެޓީމުން މިރޭގެ މެޗަށް ނުކުތީ އެންމެފަހުން ލީގުގައި ކުޅުނު ތިން މެޗުންވެސް ބަލިވެފައި އޮވެގެންނެވެ.

ވޯލްޑް ކަޕާ ދިމާކޮށް އަނިޔާވި ލެފްޓް ބެކް، ރީސް ޖޭމްސް ފުރަތަމަ 11 ގައި ހިމަނައި ކޯޗު ގްރަހަމް ޕޮޓާ މިރޭގެ މެޗަށް ޓީމު ނެރެފައިވާ އިރު، މެޗު ރަނގަޅަށް ފެށީވެސް އެޓީމުންނެވެ. ޗެލްސީން ކުރިއަށް ޖެހި ބޯންމައުތުގެ ފަހަތަށް ނުރައްކާ ކުރަމުން ދިޔަ އިރު، ކްރިސްޓިއަން ޕުލިސިޗާއި ރަހީމް ސްޓާލިންނަށް ކުރީކޮޅުގައި ލިބުނު ފުރުސަތުތައް ފާހަގަކޮށްލެވުނެވެ.

ޕުލިސިޗް އޭރިއާ ތެރެއަށް ވަދެ ފޮނުވާލަން މަސައްކަތް ކުރި ބޯޅަ ގޯލާ އަމާޒުނުވެ ދިޔަ އިރު، އެ ބޯޅަ ދިފާއުކުރަން ބޯންމައުތުގެ ޑިފެންޑަރު މަސައްކަތް ކުރުމުގެ ތެރޭގައި ޕުލިސިޗަށް ފައުލް ކުރި ކަމަށް ބުނެ، ޗެލްސީން ޝަކުވާ ކުރި ނަމަވެސް ރެފްރީ ޕެނަލްޓީ ދީފައެއް ނުވެއެވެ.

ރަނގަޅަށް މެޗު ފެށި ޗެލްސީން މެޗުގެ 16 ވަނަ މިނެޓުގައި ލީޑު ނެގިއެވެ. ވާތް ފަޅީ އަރިމަތިން ޗެލްސީން އުފެއްދި ހަމަލާގައި، ރަހީމް ސްޓާލިން ތަނަވަސްކޮށްދިން ބޯޅައިގައި ޗެލްސީއަށް ލީޑު ނަގައިދިނީ ޖަރުމަނުގެ ފޯވަޑް ކައި ހަވާޓްސްއެވެ.

ޗެލްސީގެ ވަރުގަދަ ފެށުން އިތުރަށް ފުރިހަމަވެގެން ދިޔައީ މެޗުގެ 24 ވަނަ މިނެޓުގައި މޭސަން މައުންޓް ޖެހި ދެވަނަ ގޯލާއެކުގައެވެ. މައުންޓްގެ ގޯލަކީ ޑެނިސް ޒަކަރިއާ ޖައްސާލި ބޯޅައިގައި އޭރިއާ ބޭރުން މައުންޓް ފޮނުވާލި ކާވް ބޯޅަ، ގޯލުގެ ކަނަށް ވައްދާލައިގެން ޖެހި ގޯލެކެވެ.

ފުރަތަމަ ހާފުގައި ބޯންމައުތުގެ ހަމަލާއެއް ނުފެނި ނިންމާލި އިރު، ދެވަނަ ހާފު ފެށިގެން ކުޑައިރުކޮޅެއްގެ ތެރޭގައި ޗެލްސީގެ އިތުބާރު ޑިފެންޑަރު ޖޭމްސްއަށް އަނިޔާވެ ބާލަން ޖެހުނެވެ. ބެލެވޭ ގޮތުގައި މިރޭގެ މެޗުގައިވެސް އޭނާއަށް އަނިޔާވީ ކަކުލަށެވެ. އޭނާގެ ބަދަލުގައި ކުޅެން ނުކުތީ ކެޕްޓަން ސެޒާ އަޒްޕިލިކުއެޓާއެވެ.

ޗެލްސީން ތިންވަނަ ގޯލަކަށް ކުރި މަސައްކަތުގައި މައުންޓްގެ ނުރައްކާތެރި ދެ ހަމަލާއެއް ބޯންމައުތުގެ ގޯލްކީޕަރު ޓްރެވާ މަތަކުރި އިރު، ސްޓާލިން ޖެހި ބޯޅަ ދިޔައީ އަރިމަތިން ބޭރަށެވެ.

މެޗު ނިމެން ދަނިކޮށް ބޯންމައުތުގެ ޑޮމިނިކް ސޮލާންކޭ ބޮލުން ޖެހި ބޯޅައެއްގައި ޗެލްސީ ގޯލަށް ނުރައްކާކުރި އިރު، އޭނާ ބޮލުން ޖެހި ބޯޅަ ދިޔައީ ބޭރަށެވެ.

މިރޭގެ މެޗުން މޮޅުވެ، ކުޅުނު 15 މެޗުން 24 ޕޮއިންޓް ހޯދައި، ޗެލްސީ އޮތީ އަށްވަނައިގައެވެ.