ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ދިރިއުޅޭ، ހިނގާބިނގާވެ އުޅުމުގެ ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ތެރެއިން އިތުރު 33 މީހަކަށް މޮޓޮރައިޒްޑް ވީލްޗެއާ ހަދިޔާކުރަން ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ނިންމައިފިއެވެ.
މިއީ 2017 ވަނަ އަހަރުން ފެށިގެން ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް އެހީތެރިވުމުގެ ގޮތުން ބީއެމްއެލުން ހިންގަމުން އަންނަ ޕްރޮގުރާމެކެވެ.
ބޭންކުން މިއަދު ބުނީ މި ވީލްޗެއާތަކާއެކު ރާއްޖޭގެ އެކިކަންކޮޅުތަކުގައި އުޅޭ، ހިނގާބިނގާވެ އުޅުމަށް ދަތިވެފައިވާ 200 އަށްވުރެ ގިނަ މީހުންގެ ދިރިއުޅުމަށް ހެޔޮ ބަދަލު ގެނައުމުގައި އެހީތެރިކަން ފޯރުކޮށްދެވިފައިވާ ކަމަށެވެ.
ބީއެމްއެލްގެ ސީއީއޯ ކާލް ސްޓުމްކަ ވިދާޅުވީ ހާއްސަ އެހީތެރިކަމަށް ބޭނުންވާ މީހުންނަށް އެހީތެރިކަން ފޯރުކޮށްދިނުމަކީ ބޭންކުން އަބަދުވެސް ވަރަށް ބޮޑު އަހައްމިޔަތުކަމެއް ދޭ ކަމެއް ކަމަށެވެ.
"މޮޓޮރައިޒްޑް ވީލްޗެއާ ހަދިޔާކުރުމުގެ ޕްރޮގްރާމްގެ ދަށުން މިވަނީ ގިނަ ފަރުދުންނާއި އާއިލާތަކުގެ ދިރިއުޅުމަށް ހެޔޮ ބަދަލެއް ގެނައުމުގައި މުހިންމު ދައުރެއް އަދާކޮށްފައި. މި ފުރުސަތުގައި ރާއްޖޭގެ އެކި ކަންކޮޅުތަކަށް ވީލްޗެއާ ހަދިޔާ ކުރުމަށް އަޅުގަނޑުމެންގެ މުވައްޒަފުން ކުރަމުންދާ ބުރަ މަސައްކަތްތައް ފާހަގަކޮށް ޝުކުރު އަދާކުރަން." ކާލް ވިދާޅުވި އެވެ.
ބީއެމްއެލުން އަންނަނީ ގިނަ ޕްރޮގްރާމްތަކެއް މެދުވެރިކޮށް ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް އެހީތެރިވަމުންނެވެ.
އެގޮތުން ދާދި ފަހުން ބޭންކުން ވަނީ 10 ސްކޫލެއްގެ ސެން ކްލާސްތަކަށް ބޭނުންވާ ތަކެތި ހަދިޔާކޮށްފައެވެ. އަދި މޯލްޑިވްސް ޑެފް އެސޯސިއޭޝަނާ ގުޅިގެން ބައިނަލްއަގުވާމީ ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ދުވަހުގެ މުނާސަބަތުގައި ހާއްސަ ހަރަކާތްތަކެއް ހިންގާފައިވާއިރު މި އަހަރު ކުރީކޮޅު އެ އެސޯސިއޭޝަނުން ތައްޔާރުކުރަމުންދާ އޮންލައިން ޑިކްޝަނަރީ އެއް އުފެއްދުމުގެ މަސައްކަތަށްވެސް ބޭންކުން އެހީވިއެވެ.
އޭގެ އިތުރުންވެސް ދާދި ފަހުން ބީއެމްއެލުން ވަނީ ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ބޭނުންވާ ޓްރާންސްޕޯޓްގެ ހިދުމަތް ދިނުމަށް މޯލްޑިވްސް އެސޯސިއޭޝަން ފޯ ޕާސަންސް ވިތް ޑިސަބިލިޓީސް އަށްވެސް އެހީތެރިވެފައެވެ.
ޚަބަރު
ޚަބަރު
ޚަބަރު