އަނިޔާވެރި ގޮތަކަށް މަރާލާފައި އޮއްވައި ފެނުނު ޝިއާއު މުހައްމަދު ސައީދުގެ މަރުގެ މައްސަލައިގައި ކުށުގެ ވެށިން ހައްޔަރުކުރި އަލީ ޝާހިލް 23އ، އަށް ދައުވާ ކުރުމާމެދު މި ހަފުތާގައި ގޮތެއް ނިންމާނެ ކަމަށް ޕްރޮސިކިއުޓާ ޖެނެރަލްގެ އޮފީހުން ބުނެފިއެވެ.
ޝިއާއު މަރާލާފައި އޮއްވައި ފެނުނީ މިދިޔަ އޮގަސްޓު މަހުގެ ހަތްވަނަ ދުވަހު ހ. ޝީރީންވިލާ ގޭގެ ނުވަވަނަ ބުރީގައި ހުރި އެޕާޓްމަންޓެއްގެ ތެރެއިންނެވެ. އެ މައްސަލައިގައި ފުލުހުން އަލީ ޝާހިލް ހައްޔަރުކޮށްފައި ވަނީ އެ އެޕާޓްމަންޓްގެ ތެރެއިންނެވެ.
ޝިއާއުގެ މަރުގެ މައްސަލައިގައި ފުލުހުންގެ ތުހުމަތު އޮތީވެސް ހަމައެކަނި ޝާހިލްގެ މައްޗަށެވެ.
އެ މައްސަލައާ ގުޅިގެން ޕީޖީ އޮފީހުގެ ތަރުޖަމާން އަދި ޕަބްލިކް ޕްރޮސިކިއުޓާ އަހުމަދު ޝަފީއު "ވަން" އަށް މިއަދު ވިދާޅުވީ، ފުލުހުންގެ ތަހުގީގު ނިންމައި އެ މައްސަލައިގައި ދައުވާ ކުރުމަށް މިދިޔަ ހަފުތާގެ ތެރޭގައި އެ އޮފީހަށް ފޮނުވާފައިވާ ކަމަށެވެ. އަދި އެ މައްސަލާގައި ދައުވާ ކުރުމާމެދު މި ހަފުތާ ތެރޭގައި ގޮތެއް ނިންމާނެ ކަމަށް ވިދާޅުވިއެވެ.
ޝިއާއުގެ މަރުގެ މައްސަލައިގެ ތަހުގީގުގެ މުއްދަތު ފުލުހުން އެދިގެން ޕީޖީން އަންނަނީ 15 ދުވަހުން 15 ދުވަހުން އިތުރުކުރަމުންނެވެ. ޖިނާއީ އިޖުރާއަތުގެ ގާނޫނުގެ 17 ވަނަ މާއްދާގެ (ނ) ގެ ދަށުން، އެ ޖިނާއީ ބޮޑެތި މައްސަލަތަކުގެ ތަހުގީގު އިތުރުކުރުމުގެ ބާރު ޕީޖީއަށް އޮވެއެވެ. އެއަށް ވަކި މުއްދަތެއްވެސް ނޯވެއެވެ.
މިދިޔަ މަހުގެ 15 ވަނަ ދުވަހު ފުލުހުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ސީރިއަސް އެންޑް ކްރައިމް ޑިޕާޓްމަންޓްގެ ހެޑް، ސްޕްރިޑެންޓު އޮފް ޕޮލިސް ހަސަން ސައީދު ވިދާޅުވި ގޮތުގައި ޝާހިލްގެ މައްޗަށް ތޫނު އެއްޗަކުން ހަމަލާދީ ގަސްތުގައި މީހަކު މެރުމުގެ ދައުވާ ސާބިތުކުރެވޭ ވަރަށް ހެކި އެބަހުއްޓެވެ. ނަމަވެސް މަރުގެ މޯޓިވް ދެނެގަތުމަކީ މުހިންމު ކަމެއް ކަމަށާއި އެ މަސައްކަތް ކުރަމުން އަންނަ ކަމަށް އޭރު ވިދާޅުވިއެވެ.
އެ މަރުގެ މޯޓިވް މިހާރު ހޯދިފައިވޭތޯ ފުލުހުންގެ މީޑިއާ އޮފިސަރާ "ވަން" އިން މިއަދު ސުވާލުކުރުމުން އެކަމަށް އެއްވެސް ޖަވާބެއް ދެއްވާފައެއް ނުވެއެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު