ގަތަރު ވޯލްޑް ކަޕް 2022

ވޯލްޑް ކަޕްގައި ބޭނުންކުރި ބައެއް ބަސްތައް ލުބުނާނަށް ހަދިޔާކުރަނީ

ގަތަރު ވޯލްޑް ކަޕް 2022ގައި ދަތުރުފަތުރަށް ބޭނުންކުރި ބައެއް ބަސްތައް ލުބުނާނަށް ހަދިޔާކުރުން މަސައްކަތް ފަށާފައިވާ ކަމަށް ހަބަރުތައް ބުނެފިއެވެ.

ލުބުނާނުގެ އިގުތިސާދީ ހާލަތު ގޯސްކޮށް އޮތްއިރު، އެ ގައުމަށް ކުރިމަތިވެފައިވާ އެންމެ ބޮޑު އެއް މައްސަލައަކީވެސް ޕަބްލިކް ޓްރާންސްޕޯޓްގެ މައްސަލައެވެ. ބޭރޫތުގެ ބޮޑު ގޮވުމަށްފަހު ލުބުނާނުގެ އާންމުހާލަތު އަދިވެސް ގޯސްކޮށް އޮތް އިރު، ލުބުނާނުގެ މީޑިއާތަކުން ބުނެފައި ވަނީ އެކަމަށް ހައްލު ހޯދުމަށް ގަތަރުން އެހީވެދޭން ނިންމާފައިވާ ކަމަށެވެ.

ލުބުނާނުގެ ނޫސްތައް ބުނެފައި ވަނީ ގަތަރުން އެހީ ދޭން ވާހަކަދައްކާފައި ވަނީ ޕްރައިމް މިނިސްޓަރު ނަޖީބް މިކާތީއާ ކަމަށެވެ. އޭގެ އިތުރުން ގަތަރުގެ ޓްރާންސްޕޯޓް މިނިސްޓަރު ޖަސީމް ބިން ސައިފް ބިން އަހުމަދު އަލް ސުލައިތީއާއި ލުބުނާންގެ ޕަބްލިކް ވޯކްސް މިނިސްޓްރީ ހިންގުމާ ވަގުތީ ގޮތުން ހަވާލުވެ ހުންނެވި އަލީ ހާމިއޭއާވެސް މަޝްވަރާތައް ކުރެއްވި ކަމަށް ނޫސްތައް ބުނެފައިވެއެވެ.

ގަތަރުގެ އާންމު ދަތުރުފަތުރަށް ވޯލްޑް ކަޕް ކުރިންވެސް 1،000 އަށްވުރެ ގިނަ ޒަމާނީ ބަސް ބޭނުންކުރަމުން ދިޔައިރު، ވޯލްޑް ކަޕަށް އެކަނި އިތުރު 3،000 ބަސް ނެރުނެވެ. އެ ބަސްތަކުގެ ބޭނުން މިހާރު ގަތަރަށް ހިފަން ނުޖެހުމާއެކު ބަސްތައް ތަރައްގީއަށް ބޭނުންވެފައިވާ ގައުމުތަކަށް ހަދިޔާކުރުމަކީ ކުރިންވެސް އެ ގައުމުން ނިންމާފައި އޮތް ނިންމުމެކެވެ.

ގަތަރު ވޯލްޑް ކަޕަކީ މިހާތަނަށް ބޭއްވުނު އެންމެ ފުރިހަމަ ވޯލްޑް ކަޕްގެ ގޮތުގައި ގިނަ ބަޔަކު ސިފަކޮށްފައިވާ އިރު، އިންތިޒާމުގެ ގޮތުންވެސް ގަތަރުން ދެއްކީ ނަމޫނާއެއް ކަމަށް ފީފާގެ ރައީސް ޖިއާނީ އިންފަންޓީނޯވެސް ވަނީ ވިދާޅުވެފައެވެ. ގަތަރުން ސްޓޭޑިއަމްތަކާއި އެއާޕޯޓްތައް ބިނާކޮށް އިންފްރާސްޓްރަކްޗާގެ ބޮޑެތި މަސައްކަތްތަކެއް ވޯލްޑް ކަޕާ ގުޅުވައިގެން ކޮށްފައިވާ އިރު، ބޭނުންވާ ވަރަށްވުރެ އިތުރަށް ގައުމުގައި އިމާރާތްތައް ނުބެހެއްޓުމަށް ކުރިންވެސް އޮތީ ޕްލޭނެއް ތައްޔާރުކޮށްފައެވެ.

އެގޮތުން މި ފަހަރުގެ ވޯލްޑް ކަޕަށް ހެދި ސްޓޭޑިއަމްތަކުގެ ސީޓްތަކާއި އެހެނިހެން އާލާތްތައް ބޭނުންކޮށްގެން އެހެން ގައުމުތަކުގައި ސްޓޭޑިއަމްތައް ހަދައިދޭން ގަތަރުން ނިންމާފައިވާ އިރު، އެކަމުގެ މަސައްކަތް ފަށަން ދަނީ ތައްޔާރުވަމުންނެވެ.

ގަތަރުން ވޯލްޑް ކަޕްގައި ބޭނުންކުރި ތަކެތިން އެހީވާން ގަސްދުކޮށްފައި ވަނީ ތަރައްގީވަމުން އަންނަ މެދު ފަންތީގެ ގައުމުތަކަށާއި ފަގީރު ބައެއް ގައުމުތަކަށެވެ. އެކަންކަން އަދި ރަސްމީކޮށް ގަތަރުގެ އިދާރާތަކުން އިއުލާން ކޮށްފައެއް ނުވެއެވެ.