ގަތަރު ވޯލްޑް ކަޕް 2022 އަށްފަހު އިނގިރޭސި ޕްރިމިއާ ލީގުގައި ލިވަޕޫލުން ކުޅުނު ފުރަތަމަ މެޗުގައި މިރޭ އެސްޓޮން ވިލާ ކައިރިން މޮޅުވެއްޖެއެވެ.

ވިލާގެ ވިލާ ޕާކްގައި މިރޭ ކުޅުނު މެޗުން ލިވަޕޫލް މޮޅުވީ 3-1 ގެ ނަތީޖާއަކުންނެވެ. މިރޭގެ މެޗަށް ލިވަޕޫލުން ނުކުތީ ވޯލްޑް ކަޕަށްފަހު ކުޅުނު ފުރަތަމަ މެޗުގައި، ލީގު ކަޕްގައި މެންޗެސްޓާ ސިޓީ ކައިރިން ބަލިވެފައި އޮވެގެންނެވެ. އެ ބަލި ހަނދާން ނައްތާލައި، ލިވަޕޫލުން މިރޭ ހޯދި މޮޅާއެކު އެޓީމުން ވަނީ ތާވަލުގެ ހަވަނައަށް ޖެހިލައިފައެވެ.

ލިވަޕޫލަށް މި ސީޒަނުގެ ފެށުން އުނދަގޫކޮށް ދިޔަ އިރު، ވޯލްޑް ކަޕަކީ ފޯމު ރަނގަޅުކުރަން ލިބުނު ފުރުސަތެކެވެ. އަނިޔާގައި ތިބި ބައެއް ކުޅުންތެރިން ރިކަވާވެ، ފިޓުވާން ފުރުސަތު ލިބުނު އިރު، އަދިވެސް ލިވަޕޫލަށް އަނިޔާގެ މައްސަލަތައް ބޮޑެވެ. އެގޮތުން ފޯވަޑް ޑިއޭގޯ ޖޮޓާއާއި ލުއިސް ޑިއާޒްވެސް ތިބީ އަނިޔާގައެވެ.

މެޗުން މޮޅުވެ، 15 މެޗުން 25 ޕޮއިންޓާއެކު ލިވަޕޫލް ތާވަލުގެ ހަވަނައިގައި އޮތް އިރު، ފަސްވަނައިގައި މިވަގުތު އޮތް މެންޗެސްޓާ ޔުނައިޓެޑަށް 14 މެޗުން ލިބިފައިވަނީ 26 ޕޮއިންޓެވެ. ހަތަރުވަނައިގައި ޓޮޓެންހަމް އޮތީ 16 މެޗުން 30 ޕޮއިންޓާ އެކުގައެވެ.

މިރޭގެ މެޗުގެ ފުރަތަމަ ހާފުގައި މުޅިން ކަހަލަ ގޮތަކަށް މެޗު ކޮންޓްރޯލުކޮށްގެން ކުޅުނީ ލިވަޕޫލުންނެވެ. މުހައްމަދު ސަލާހް، މެޗުގެ ފަސްވަނަ މިނެޓުގައި ލިވަޕޫލަށް ލީޑު ނަގައިދިނީ އެންޑީ ރޮބަޓްސަންގެ ހުރަހަކުންނެވެ. އެ ގޯލަށް އެސިސްޓުކޮށް، ރޮބަޓްސަން ޖުމުލަ 54 އެސިސްޓް ހަދާފައިވާ އިރު، އޭނާއަކީ މިހާރު ޕްރިމިއާ ލީގުގައި އެންމެ ގިނަ އެސިސްޓް ހެދި ޑިފެންޑަރެވެ. މީގެ ކުރިން އެ ރެކޯޑު އޮތީ އެވަޓަންގެ ލެޖެންޑް، ލޭޓޮން ބެއިންސް އަތުގައެވެ. އެއީ 53 އެސިސްޓާއެކުގައެވެ.

އެ ގޯލަށްފަހު އިތުރަށް ލީޑު ފުޅާކުރަން ޑާވިން ނުނޭޒަށް ފުލުފުލުގައި ތިން ފުރުސަތެއް ލިބި ބޭކާރުވެގެން ދިޔައެވެ. އެ ފުރުސަތުތައް ގެއްލި މާޔޫސްވެފައި އޮތް ލިވަޕޫލަށް ހާފު ނިމުމުގެ ކުރިން ލީޑު ފުޅާކޮށްދިނީ ޑިފެންޑަރު ވާޖިލް ވެން ޑައިކެވެ. ކޯނަރަކަށް ކުރިއަށް އަރައި ވެން ޑައިކް ގޯލު ޖެހީ ސަލާހް އޭރިއާ ތެރެއިން ޖައްސާލި ބޯޅައެއް އެއް ފަހަރުން ގޯލުގެ ކަނަށް ވައްދާލައިގެންނެވެ.

ދެވަނަ ހާފު ފެށިގެން މާ ގިނައިރެއް ނުވެ، މެޗުގެ 59 ވަނަ މިނެޓުގައި އެސްޓޮން ވިލާއިން ގޯލު ޖަހައި ނަތީޖާގެ ފަރަގު ކުޑަކުރިއެވެ. އުނައި އެމެރީ ކޯޗުކަން ކޮށްދެމުން ދިޔަ ވިލާއަށް ގޯލު ޖަހައިދިނީ އޮލީ ވޮޓްކިންސްއެވެ. އެ ގޯލަށްފަހު ލެއޮން ބެއިލޭއާއި ވޮޓްކިންސްއަށް އިތުރު ފުރުސަތުތައް ލިބި ބޭކާރުވެގެން ގޮސްފައިވާ އިރު، ލިވަޕޫލަށް ތިން ޕޮއިންޓް ޔަގީންކޮށްދިނީ ބެންޗުން އަރައި ގޯލު ޖެހި، ސްޕެއިންގެ ޒުވާން ތަރި ސްޓެފަން ބަޖެޓިޗެވެ.

އުމުރުން 18 އަހަރާއި 65 ދުވަހުގެ ބަޖެޓިޗް ގޯލު ޖެހީ މެޗަށް ނުކުތްތާ ދެ މިނެޓު ތެރޭގައި، މެޗުގެ 81 ވަނަ މިނެޓުގައެވެ. އޭނާއަކީ ލިވަޕޫލަށް ޕްރިމިއާ ލީގުގައި ގޯލު ޖެހި، ތިންވަނައަށް އެންމެ ޒުވާން ކުޅުންތެރިޔާއެވެ. ލިވަޕޫލް ޖާޒީގައި ޕްރިމިއާ ލީގު ގޯލެއް އެންމެ ޒުވާން އުމުރުގައި ޖެހީ މައިކަލް އޮވެންއެވެ. 1997 ވަނަ އަހަރު އޮވެން ގޯލު ޖެހީ އުމުރުން 17 އަހަރާއި 143 ދުވަހުގައެވެ. އޭގެ ފަހުން 2013 ވަނަ އަހަރު ރަހީމް ސްޓާލިން ވަނީ އޭނާގެ އުމުރުން 17 އަހަރާއި 317 ދުވަހުގެ ތެރޭގައި ލިވަޕޫލަށް ފުރަތަމަ ޕްރިމިއާ ލީގު ގޯލު ޖަހައިފައެވެ.

ޕްރިމިއާ ލީގުގައި މިރޭ ކުޅުނު އިތުރު މެޗުތަކަށް ބަލައިލާ އިރު، ފުލްހަމްއިން ވަނީ 3-0 އިން ކްރިސްޓަލް ޕެލެސް ބަލިކޮށްފައެވެ. އަދި ހަމަ އެވަގުތު ކުޅުނު މެޗުތަކުގައި ނިއުކާސަލުން 3-0 އިން ލެސްޓާ ސިޓީ ބަލިކުރި އިރު، ބްރައިޓަންއިން ވަނީ 3-1 އިން ސައުތުހޭމްޓަން ބަލިކޮށްފައެވެ. އަދި ވުލްވްސްއިން ވަނީ ފަހަތުން އަރައި 2-1 އިން އެވަޓަން ބަލިކޮށްފައެވެ.