ގޯލްޑަން ފުޓްސަލް ޗެލެންޖް

ސޮނީ ސްޕޯޓްސް ގޯލްޑަން ފުޓްސަލް ޗެލެންޖްގެ ރަސްމީ ބޯޅައަކަށް ނައިކީގެ މައެސްޓްރޯ

މުޅި ރާއްޖެއަށް ހުޅުވާލައިގެން އަތޮޅުތަކުގެ ރަށްތަކަށް ބާއްވާ، ރާއްޖޭގެ އެންމެ ބޮޑު ފުޓްސަލް މުބާރާތް، ސޮނީ ސްޕޯޓްސް ގޯލްޑަން ފުޓްސަލް ޗެލެންޖް 2023ގައި ބޭނުންކުރާނެ ރަސްމީ ބޯޅައެއްގެ ގޮތުގައި ނައިކީ މައެސްޓްރޯ ހަމަޖައްސައިފިއެވެ.

ޓައިޓަލް ސްޕޮންސާޝިޕް އެއްބަސްވުމުގައި ސޮއިކުރުމަށް ސޮނީ ހައުސްގައި އިއްޔެ ބޭއްވި ހާއްސަ ހަފުލާގައި މި ފަހަރުގެ މުބާރާތުގެ ލޯގޯ އިއުލާންކޮށް، ރަސްމީ ބޯޅަ ވަނީ ދައްކާލައިފައެވެ. ބޯޅައަކީ ސޮނީ ސްޕޯޓްސްއިން މިހާރުވެސް ސްޓޮކް ލިބެން ހުރި ނައިކީ މައެސްޓްރޯއެވެ. އެ ބޯޅައަކީ މި ވަގުތު ރާއްޖޭގައި ބޭނުންކުރަމުންދާ އެންމެ ފެންވަރު ރަނގަޅު އެއް ފުޓްސަލް ބޯޅައެވެ.

ގޯލްޑަން ފުޓްސަލް ޗެލެންޖުގައި މި ފަހަރު ރާއްޖޭގެ އެކި ކަންކޮޅުތަކުން 102 ޓީމަކުން ބައިވެރިވެފައިވެއެވެ. އަންނަ އަހަރުގެ ފެބްރުއަރީ ހަތަރު ވަނަ ދުވަހު މުބާރާތް ފަށަން ތާވަލުކޮށްފައިވާ އިރު، މި ފަހަރު މުބާރާތުގައި 242 މެޗު ކުޅޭނެއެވެ. އޭގެ އިތުރުން މުބާރާތް ހުޅިވިގެންދާނީ ހާއްސަ ޝީލްޑް މެޗަކުންނެވެ.

މީގެ ކުރިން ހަ ފަހަރަށް ކާމިޔާބުކަމާއެކު ބާއްވާފައިވާ ގޯލްޑަން ފުޓްސަލް ޗެލެންޖަކީ ގޯލްޑަން ފުޓްސަލް އެސޯސިއޭޝަނުން މުޅި ރާއްޖެއަށް އިންތިޒާމުކޮށްގެން ބާއްވަމުން އަންނަ މުބާރާތެކެވެ. މުބާރާތް ފޯމެޓް ކޮށްފައިވާ ގޮތުން އަތޮޅު ބުރުތަކުން ފެށިގެން ގޮސް، ޒޯން ބުރަކާއެކު ދެން ކުޅެވޭނީ ފައިނަލް ބުރެކެވެ. މުޅި ރާއްޖޭގެ ހުރިހާ ހިސާބެއް ޝާމިލުވާނެހެން އެންމެ ކާމިޔާބުކަމާ އެކު މިހާތަނަށް ބާއްވަމުން އަންނަ މުބާރާތް، ގޯލްޑަން ފުޓްސަލް ޗެލެންޖަކީ މުޅި ރާއްޖޭގެ ފުޓްސަލް ޗެމްޕިއަނުން ހޮވިގެންދާ މުބާރާތެވެ.

މި ފަހަރުގެ މުބާރާތުގެ ޓައިޓަލް ސްޕޮންސަރުގެ ގޮތުގައި ސޮނީ ސްޕޯޓްސްއާއެކު ސޮއިކޮށްފައިވާ އިރު، ސޮނީ ސްޕޯޓްސްއަކީ ރާއްޖޭގައި ކުޅިވަރު ސާމާނު ވިއްކަމުންދާ އެންމެ އިތުބާރު އަދި އެންމެ ޒަމާންވީ ބްރޭންޑެވެ. ރާއްޖޭގެ ކުޅިވަރު ކުރިއެރުމުގެ ފަހަތުގައި ސޮނީ ސްޕޯޓްސްގެ ހިއްސާ ބޮޑުކޮށް އަބަދުވެސް ފެނިގެންދާ އިރު، ގޯލްޑަން ފުޓްސަލް ޗެލެންޖްގެވެސް އެންމެ ގާތް ޕާޓްނަރަކީ ސޮނީ ސްޕޯޓްސްއެވެ.

ގޯލްޑަން ފުޓްސަލް ޗެލެންޖްގެ އެންމެފަހުން ބޭއްވި ފޯރިގަދަ މުބާރާތުގެ ޗެމްޕިއަން ޓީމަކީ ތ. ތިމަރަފުއްޓެވެ. އެ ރަށަކީ ގޯލްޑަން ފުޓްސަލް ޗެލެންޖް އެންމެ ގިނައިން ކާމިޔާބުކޮށްފައިވާ ރަށްވެސް މެއެވެ. 2016 ވަނަ އަހަރާއި 2019 ވަނަ އަހަރުވެސް ގޯލްޑަން ފުޓްސަލް ތަށި ހޯދާފައިވާ ތިމަރަފުށިން ވަނީ މިއަހަރު ފައިނަލުގައި ކ. ގާފަރު ބަލިކޮށް ތަށި ދިފާއުކޮށްފައެވެ.

މިފަހަރުވެސް ގޯލްޑަން ފުޓްސަލް ޗެލެންޖްގެ އޮންލައިން މީޑިއާ ޕާޓްނަރަކީ "ވަން އޮންލައިން" އެވެ.