ވ. އާރަށުގައި ރިސޯޓެއް ތަރައްގީކުރަން އެ ރަށް ވިއްކައިގެން ލިބުނު ފައިސާ އަމިއްލަފުޅު އެކައުންޓަށް ޖަމާކޮށްގެން ހިންގެވި ހިޔާނާތުގެ މައްސަލަތަކުގައި ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބުދުލްގައްޔޫމް 11 އަހަރަށް ޖަލަށް ލުމަށް ކުރިމިނަލް ކޯޓުން އިއްޔެ ކުރި ހުކުމްގެ ރިޕޯޓު ނުލިބިގެން އެ މަނިކުފާނުގެ ވަކީލުން ކަންބޮޑުފުން ފާޅުކޮށްފިއެވެ.

ރައީސް ޔާމީންގެ ގާނޫނީ ވަކީލުންގެ ޓީމުގައި ހިމެނިވަޑައިގަންނަވާ އިސް ގާނޫނީ ވަކީލު ޑރ. މުހައްމަދު ޖަމީލު އަހުމަދު މިއަދު ކުރެއްވި ޓުވީޓެއްގައި ވަނީ، ކްރިމިނަލް ކޯޓުން ރިޕޯޓް ދިނުން ލަސްވަމުންދާތީ އެކަމާމެދު ސުވާލު އުފައްދަވައިފައެވެ.

އޭނާ ވިދާޅުވީ، ސުޕްރީމް ކޯޓުގެ ޕްރެކްޓިސް ޑައިރެކްޝަން ބުނާގޮތުން ހުކުމް އިއްވާ ދުވަހު ޝަރީއަތް ނިމުނު ގޮތުގެ ރިޕޯޓް ދޭންޖެހޭނެ ކަމަށެވެ.

"އިސްތިއުނާފުގެ މަސައްކަތްވެސް ނުފެށި ތިބެން މިޖެހުނީ. ޒިއްމާކުރުވާނެ އެއްވެސް ފަރާތެއް ނެތީބާ،" ޖަމީލު ކުރެއްވި ޓުވީޓުގައިވެއެވެ.

ރިޕޯޓް ލިބުން ލަސްވާތީ ރައީސް ޔާމީންގެ ގާނޫނީ ވަކީލުންގެ ޓީމުގައި ހިމެނިވަޑައިގަންނަވާ އާދަމް ޝަމީމު ވިދާޅުވީ އިއްޔެ ބޭއްވި ޝަރީއަތަކީ ލައިވް ކުރި ޝަރީއަތެއްކަމުން ހުކުމުގެ ކޮންމެ އަކުރެއް ވަކިން ބަލައި ޗެކް ކުރެވޭއިރު، ރިޕޯޓު ލަސްވާންޖެހޭ ސަބަބެއް ނެތް ކަމަށެވެ.

ވަކީލު އަބްދުﷲ ޝިޔާޒު ވިދާޅުވާ ގޮތުން، ރައީސް ޔާމީނަށް އިއްވި ހުކުމުގެ ކޮޕީ ދޫނުކޮށް އޮތުމަކީ ގާނޫނާ ހިލާފު އަމަލެކެވެ.

ރައީސް ޔާމީންގެ ގާނޫނީ ވަކީލުންގެ ޓީމުން ބުނާ ގޮތުން، އެ މަނިކުފާނުގެ މައްޗަށް ކްރިމިނަލް ކޯޓުން އިއްޔެ އިއްވި ހުކުމަކީ ރާއްޖޭގެ ގާނޫނުއަސާސީ އާއި ޖިނާއީ އިޖުރާއަތުގެ ގާނޫނާ ހިލާފަށް އަދި ޖިނާއީ އިޖުރާއަތުގެ ގާނޫނުގެ ދަށުން ކަނޑައަޅާފައިވާ އުސޫލުތަކާ ހިލާފަށް ކުރި ހުކުމެކެވެ.

އެހެންވެ، އެ ހުކުމް ގަބޫލުނުކުރާ ކަމަށާއި އެ ހުކުމް އިސްތިއުނާފު ކުރައްވާނެ ކަމަށްވެސް ބުންޏެވެ.