Close
ޚަބަރު

ގުރުއާން ކިޔަވަން ދިޔަ ކުއްޖަކަށް ޖިންސީ ގޯނާކުރި އެދުރަކު 15 އަހަރަށް ޖަލަށް

އިބްރާހިމް ޒަކީ

ކުޑަކުއްޖަކަށް ޖިންސީ ގޯނާކުރި ޓީޗަރަކު 15 އަހަރަށް ޖަލަށްލާން ކްރިމިނަލް ކޯޓުން ހުކުމްކޮށްފިއެވެ.

މިއީ ދ. ހުޅުދެލި/ ޝާރާޒް، އަލީ ޝާތިރު 2021 ވަނަ އަހަރުގެ ޖުލައި މަހާއި އޮގަސްޓް މަސްތެރޭގައި އޭނާގެ ގާތަށް ގުރުއާން ކިޔަވަން ދިޔަ ކުއްޖެއްގެ ގާތު ’ވަރަށް ލޯބިވެޔޭ‘ ބުނެ އެ ކުއްޖާގެ މޭމަތީގައި އަތްލާފައިވާ ކަމަށް ބުނެ، ކުޑަކުދިންނަށް ޖިންސީ ގޯނާކުރާ މީހުންނާމެދު ހާއްސަ އުސޫލުތަކަކަށް އަމަލުކުރުމުގެ ގާނޫނުގެ ދަށުން އޭނާގެ މައްޗަށް ކުރި އިތުބާރުކުރެވޭ މަގާމެއްގައި ހުރެ ކުޑަކުއްޖަކާމެދު ޖިންސީ އަމަލު ހިންގުމުގެ ކުށުގެ ދައުވާއެކެވެ.

މި ދައުވާއަށް އަލީ ޝާތިރުގެ ފަރާތުން ޝަރީއަތުގެ މަޖިލީހުގައި އިންކާރުކުރި ނަމަވެސް، މައްސަލަ ސާބިތުކުރުމަށް ދައުލަތުން ހުށަހަޅާފައިވާ އެންމެހާ ހެކި ގަރީނާއަށް ބަލައި، ކްރިމިނަލް ކޯޓުން ކަނޑައެޅީ އޭނާގެ މައްޗަށް އެކަށީގެންވާ ޝައްކެއް ނެތް މިންވަރަށް ކުށް ސާބިތުވާ ކަމަށެވެ.

އެހެންކަމުން މި ކުށުގެ އުގޫބާތެއްގެ ގޮތުން ކުޑަކުދިންނަށް ޖިންސީ ގޯނާކުރާ މީހުންނާމެދު ހާއްސަ އުސޫލުތަކަކަށް އަމަލުކުރުމުގެ ގާނޫނުގެ ދަށުން އަލީ ޝާތިރު 15 އަހަރު ދުވަހުގެ މުއްދަތަށް ޖަލަށްލުމަށް ކްރިމިނަލް ކޯޓުން އިއްޔެ ހުކުމްކުރިއެވެ.

އަދި މި މައްސަލައާ ގުޅޭ ތަހުގީގީ މަރުހަލާއާއި ޝަރީތުގެ މަޖިލީހުގައި އެއް އަހަރާއި ހަތަރު މަސްދުވަސް އޭނާ ބަންދުގައި ހޭދަކޮށްފައިވާތީ، ބަންދުގައި ހުރި މުއްދަތު ހުކުމުގެ މުއްދަތުން އުނިކުރުމުން އޭނާ ތަންފީޒުކުރަންޖެހޭ އަދަބަކީ 13 އަހަރާއި އަށް މަސްދުވަސް ކަމަށް ކޯޓުން ކަނޑައެޅިއެވެ.