ގޯލްޑަން ފުޓްސަލް ޗެލެންޖް

ގޯލްޑަން ފުޓްސަލް ޗެލެންޖް 2023ގެ ޓައިޓަލް ސްޕޮންސަރަކަށް ސޮނީ ސްޕޯޓްސް

މުޅި ރާއްޖެއަށް ހުޅުވާލައިގެން އަތޮޅުތަކުގެ ރަށްތަކަށް ބާއްވާ، ރާއްޖޭގެ އެންމެ ބޮޑު ފުޓްސަލް މުބާރާތް، ގޯލްޑަން ފުޓްސަލް ޗެލެންޖްގެ ޓައިޓަލް ސްޕޮންސަރަކަށް މިފަހަރުވެސް ސޮނީ ސްޕޯޓްސް ހަމަޖައްސައި، އެކަމުގެ އެއްބަސްވުމުގައި މިއަދު ސޮއިކޮށްފިއެވެ.

މިއަދު ސޮނީ ހައުސްގައި އެކަމަށްޓަކައި ބޭއްވި އިވެންޓްގައި މުބާރާތް ހިންގާ ގޯލްޑެން ފުޓްސަލް އެސޯސިއޭޝަންގެ ފަރާތުން ސޮއިކުރެއްވީ އެ ޖަމިއްޔާގެ ރައީސް ރިލުވާން މޫސާއެވެ. ސޮނީ ސްޕޯޓްސްގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ އެސިސްޓެންޓް މާކޮމް މެނޭޖަރު މަރިޔަމް އަބްދުﷲ (މަރީ) އެވެ. މިއަދު ސޮއިކުރުމަށް ބޭއްވި ހާއްސަ އިވެންޓްގައި އަންނަ އަހަރު މުބާރާތުގެ ލޯގޯވެސް ވަނީ ރަސްމީކޮށް ދައްކާލައިފައެވެ.

މިއަދު އެއްބަސްވުމުގައި ސޮއިކުރައްވައި، ގޯލްޑަން ފުޓްސަލް އެސޯސިއޭޝަންގެ ރައީސް ރިލުވާން "ވަން" އަށް ވިދާޅުވީ ސޮނީއަކީ އަބަދުވެސް ގޯލްޑަން ފުޓްސަލް ޗެލެންޖްގެ އެންމެ ގާތުން މަސައްކަތް ކުރާ ޕާޓްނަރު ކަމަށާއި މިފަހަރުވެސް ޓައިޓަލް ސްޕޮންސަރަކަށް ސޮނީ ވެގެން ދިޔުމަކީ އުފަލެއް ކަމަށެވެ.

"އަޅުގަނޑުމެން މިހާރު ހަ މުބާރާތް ނިމިގެން ދިޔަ އިރު، އެ ހަ މުބާރާތުގައިވެސް އެންމެ ބޮޑު އެއްބާރުލުމެއް ދިން ފަރާތަކީ ސޮނީ ސްޕޯޓްސް. ހަތްވަނަ މުބާރާތް ކުރިއަށް އޮތީ، މާ ބޮޑު، މާ ގިނަ މެޗުތަކެއް ކުޅެން ޖެހޭ މުބާރާތެއް މިއޮތީ. އެންމެ ފޯރިގަދަ ވާނެ މުބާރާތަށް އަނެއްކާވެސް ސޮނީއާ އެކު ސޮއިކުރެވުމަކީ ވަރަށް ބޮޑު އުފަލެއް،" ރިލުވާން ވިދާޅުވިއެވެ.

ސޮއިކުރެއްވުމަށްފަހު ވާހަކަ ދައްކަވަމުން ސޮނީގެ ފަރާތުން މަރީ ވިދާޅުވީ ގޯލްޑަން ފުޓްސަލް ޗެލެންޖަކީ ފުރިހަމަ މުބާރާތެއް ކަމަށާއި މިދިޔަ އަހަރެކޭ އެއްގޮތަށް މިއަހަރުވެސް ޓައިޓަލް ނަގަން އެކުންފުނިން ވިސްނީ މުބާރާތް ފޯރިގަދަވާނެ ކަމުގެ ފުރިހަމަ ޔަގީންކަން އޮތުމުން ކަމަށެވެ.

"އަޅުގަނޑުމެން މިހާތަނަށް ގޯލްޑަންއާ އެކު މަސައްކަތް ކުރި ހުރިހާ ފަހަރެއްގައިވެސް، ހުރިހާ ކަމެއްވެސް ވަރަށް ފުރިހަމަކޮށް، ކާމިޔާބުކޮށް ކުރިއަށް ގެންގޮސްފައިވަނީ. އެހެންވެ ބޭނުންވީ އަންނަ އަހަރުގެ މުބާރާތުގެ ވެސް ޓައިޓަލް ސްޕޮންސަރަކަށް ވުމަށް. އުންމީދު ކުރަނީ ކުރީ އަހަރުތަކަށް ވުރެވެސް ބޮޑުކޮށް، ފޯރިގަދަކޮށް މުބާރާތް ބޭއްވިގެންދާނެ ކަމަށް،" މަރީ ވިދާޅުވިއެވެ.

ގޯލްޑަން ފުޓްސަލް ޗެލެންޖުގައި މިފަހަރު ރާއްޖޭގެ އެކި ކަންކޮޅުތަކުން 102 ޓީމަކުން ބައިވެރިވެފައިވެއެވެ. މުބާރާތް ފަށަން އަންނަ އަހަރުގެ ފެބްރުއަރީ ހަތަރު ވަނަ ދުވަހަށް ތާވަލުކޮށްފައިވާ އިރު، މިފަހަރު މުބާރާތުގައި 242 މެޗު ކުޅެވިގެންދާނެއެވެ. އޭގެ އިތުރުން މުބާރާތް ހުޅިވިގެންދާނީ ހާއްސަ ޝީލްޑް މެޗަކުންނެވެ.

މީގެ ކުރިން ހަ ފަހަރަށް ކާމިޔާބުކަމާއެކު ބާއްވާފައިވާ ގޯލްޑަން ފުޓްސަލް ޗެލެންޖަކީ ގޯލްޑަން ފުޓްސަލް އެސޯސިއޭޝަނުން އިސް ނަގައިގެން އެ އެސޯސިއޭޝަނުން މުޅި ރާއްޖެއަށް އިންތިޒާމުކޮށްގެން ބާއްވަމުން އަންނަ މުބާރާތެކެވެ. މުބާރާތް ފޯމެޓް ކޮށްފައިވާ ގޮތުން އަތޮޅު ބުރުތަކުން ފެށިގެން ގޮސް، ޒޯން ބުރަކާއެކު ދެން ކުޅެވޭނީ ފައިނަލް ބުރެކެވެ. މުޅި ރާއްޖޭގެ ހުރިހާ ހިސާބެއް ޝާމިލުވާނެހެން އެންމެ ކާމިޔާބުކަމާ އެކު މިހާތަނަށް ބާއްވަމުން އަންނަ މުބާރާތް، ގޯލްޑަން ފުޓްސަލް ޗެލެންޖަކީ މުޅި ރާއްޖޭގެ ފުޓްސަލް ޗެމްޕިއަނުން ހޮވިގެންދާ މުބާރާތެވެ.

ގޯލްޑަން ފުޓްސަލް ޗެލެންޖު ހިންގަމުންދާ ފޯމެޓަކީ މިހާތަނަށް ރާއްޖޭގައި އަތޮޅުތަކުގެ ރަށްތައް ތަމްސީލު ކުރުމަށް ބާއްވާ މުބާރާތެއްގައި ފެނުނު އެންމެ ކާމިޔާބު ފޯމެޓެވެ. އަތޮޅު ފޯރި އާއި ރަށުގެ ފޯރި މުބާރާތުން ފުރިހަމައަށް މީގެ ކުރިންވެސް ފާހަގަވެގެން ގޮސްފައިވާ އިރު، މިފަހަރުގެ މުބާރާތުގެ ފޯމެޓަށް ވަނީ ހެޔޮ ބަދަލެއް ގެނެސްފައެވެ.

އެގޮތުން ފޯމެޓަށް ގެންނަން ނިންމާފައިވާ އެއް ބަދަލަކީ ހަ ޓީމަށްވުރެ މަދުން ޓީމުތައް ބައިވެރިވާ އަތޮޅުތަކުގައި ލީގު ބުރު ނިންމައި، އިތުރު ފައިނަލެއް ކުޅޭ ގޮތަށް ހެދުމެވެ. މީގެ ކުރިން އޮންނަ ގޮތުން ހަ ޓީމަށްވުރެ މަދުން ޓީމުތައް ބައިވެރިވާ އަތޮޅުތަކުގައި، އަތޮޅު ޗެމްޕިއަން ހޮވަނީ ލީގު އުސޫލުން ބަލައިގެން ނަމަވެސް، މިފަހަރު އެ އަތޮޅުތަކުގެ ލީގު ބުރު ނިމޭއިރު، އެންމެ ކުރީގައި އޮންނަ ދެ ޓީމު ވަކިން ފައިނަލެއް ކުޅޭނެއެވެ. އެ އަތޮޅުން ޒޯން ބުރަށް ކޮލިފައިވާނީ ފައިނަލުން ޗެމްޕިއަންކަން ހޯދާ ޓީމެވެ.

މިފަހަރުގެ މުބާރާތުގައިވެސް ހަ ޓީމަށްވުރެ ގިނައިން ބައިވެރިވާ އަތޮޅުތަކުގައި ކުޅޭނީ ދެ ގްރޫޕަށް ޓީމުތައް ބަހާލައިގެންނެވެ. އެހެން ނަމަވެސް ފައިނަލެއްގެ ކުރިން ސެމީ ފައިނަލް ދެ މެޗެއް ކުޅޭ ގޮތަށް މިހާރު ވަނީ ނިންމައިފައެވެ.

ކުރީގައި އޮންނަ ގޮތުން ލީގު ބުރު ނިމޭ އިރު، ދެ ގްރޫޕުގެ އެއްވަނަވެސް ޒޯނަށް ކޮލިފައިވާ އިރު، ޗެމްޕިއަން ހޮވާނީ ސީދާ ފައިނަލަކުންނެވެ. މިހާރު ގެނެސްފައިވާ ބަދަލާއެކު ލީގު ބުރުގައި ދެ ގްރޫޕުގެ އެއްވަނަ އާއި ދެވަނަ ކޮލިފައިވާނީ ސެމީ ފައިނަލް ދެ މެޗަކަށެވެ. ފުރަތަމަ ސެމީގައި ކުޅޭނީ ގްރޫޕް އެކެއްގެ އެއްވަނަ އާއި ގްރޫޕް ދޭއްގެ ދެވަނަ ޓީމެވެ. އަނެއް ސެމީގައި ކުޅޭނީ ގްރޫޕް ދޭއްގެ އެއްވަނަ އާއި ގްރޫޕް އެކެއްގެ ދެވަނައެވެ.

އެ ފޯމެޓާއެކު ހަ ޓީމަށްވުރެ އިތުރަށް ޓީމުތައް ބައިވެރިވާ އަތޮޅުތަކުން ޒޯނަށް ދާނީ ސެމީ ފައިނަލުން މޮޅުވާ ދެ ޓީމެވެ. ޗެމްޕިއަންކަން ހޮވާނީ ސެމީ ކާމިޔާބުކުރާ ދެޓީމުގެ ދެމެދުގައި ކުޅޭ ފައިނަލް މެޗުންނެވެ.

މިފަހަރުގެ މުބާރާތުގައި ބައިވެރިވުމަށް ފުރަތަމަ ރަށްރަށުގެ ކައުންސިލްތަކާއި ކުރީގެ މެނޭޖުމަންޓްތަކަށް ފުރުސަތު ހުޅުވާލުމަށްފަހު، ފަހުން ވަނީ މުޅި ރާއްޖެއަށް އެއްކޮށް ފުރުސަތު ހުޅުވާލައިފައެވެ. ބައިވެރިވުމަށް ބޮޑު ތަރުހީބެއް ލިބިފައިވުމާ އެކު، މިފަހަރުގެ މުބާރާތް ކުރިއަށްވުރެވެސް ފޯރިގަދަވާނެ ކަމުގައި ބެލެވެއެވެ. ހާއްސަކޮށް ފޯމެޓަށް އައި ބަދަލާއެކުވެސް މުބާރާތް އިތުރަށް ފޯރިގަދަވެގެންދާނެއެވެ.

މިއަހަރު ބޭއްވި ގޯލްޑަން ފުޓްސަލް ޗެލެންޖް މުބާރާތުގައި ޖުމުލަ 91 ޓީމު ވާދަކޮށްފައިވެއެވެ. އެ މުބާރާތުގައި 177 މެޗު ކުޅެވިގެން ދިޔަ އިރު، ސަޕޯޓަރުންގެ ފޯރި ފެނުނީ ވަރަށް ގަދަކޮށެވެ. ހާއްސަކޮށް ރަށްރަށުގައިވެސް މުބާރާތުގެ ފޯރި ނަގާފައިވާކަން ފާހަގަވެފައިވެއެވެ.

ގޯލްޑަން ފުޓްސަލް ޗެލެންޖްގެ އެންމެފަހުން ބޭއްވި ފޯރިގަދަ މުބާރާތުގެ ޗެމްޕިއަން ޓީމަކީ ތ. ތިމަރަފުއްޓެވެ. އެރަށަކީ ގޯލްޑަން ފުޓްސަލް ޗެލެންޖް އެންމެ ގިނައިން ކާމިޔާބުކޮށްފައިވާ ރަށްވެސް މެއެވެ. 2016 ވަނަ އަހަރާއި 2019 ވަނަ އަހަރުވެސް ގޯލްޑަން ފުޓްސަލް ތަށި ހޯދާފައިވާ ތިމަރަފުށިން ވަނީ މިއަހަރު ފައިނަލުގައި ކ. ގާފަރު ބަލިކޮށް ތަށި ދިފާއުކޮށްފައެވެ.

މިފަހަރުވެސް ގޯލްޑަން ފުޓްސަލް ޗެލެންޖްގެ އޮންލައިން މީޑިއާ ޕާޓްނަރަކީ "ވަން އޮންލައިން" އެވެ.