ވ. އާރަށުގައި ރިސޯޓެއް ތަރައްގީ ކުރަން އެރަށް ވިއްކައިގެން ލިބުނު ފައިސާ އަމިއްލަފުޅު އެކައުންޓަށް ޖަމާކުރި މައްސަލައިގައި ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް އުފުލާފައިވާ ދެ ދައުވާވެސް އެ މަނިކުފާނުގެ މައްޗަށް ސާބިތުވެއްޖެ ކަމަށް ކަނޑައަޅައިފިއެވެ.
ރައީސް ޔާމީންގެ ވެރިކަމުގައި އެމްއެމްޕީއާރުސީ މެދުވެރިކޮށް ހިންގި ބޮޑު ހިޔާނާތުގެ ތެރޭގައި ހިމެނޭ މި މައްސަލައިގައި، ރައީސް ޔާމީންގެ މައްޗަށް ކޮށްފައިވަނީ މަނީ ލޯންޑަރިންނާއި ރިޝްވަތު ގަބޫލުކުރުމުގެ ކުށުގެ ދައުވާއެވެ.
އޭގެ އިތުރުން ރައީސް ޔާމީނަށް ރިޝްވަތު ދިން ކަމުގެ ކުށުގެ ދައުވާ، ފެލިދޫ ދާއިރާގެ ކުރީގެ މެންބަރު ޔޫސުފް ނައީމްގެ މައްޗަށް ވަނީ ކޮށްފައެވެ.
އެ މައްސަލަތަކުގެ ހުކުމް ކުރުމަށް ކްރިމިނަލް ކޯޓުގައި މިއަދު ބޭއްވި އަޑުއެހުމުގައި އެ ކޯޓުގެ އިސް ގާޒީ އަހުމަދު ޝަކީލް ވިދާޅުވީ އެމްއެމްޕީއާރުސީ މެދުވެރިކޮށް އާރަށް ކުއްޔަށް ދޫކުރަން ޔާމީން މަސައްކަތް ކުރި ކަމަށާއި ޔޫސުފް ނައީމަށް އެ ރަށް ދިނުމަށް އުޅުނުކަން އެނގެން އޮންނަ ކަމަށެވެ.
އެ މުއާމަލާތުގައި، ރިޝްވަތުގެ ފައިސާ ހޯދުމަށް ރައީސް ޔާމީން އެކި ފަހަރު މަތިން މަސައްކަތްކޮށްފައިވާ ކަމަށާއި، ރައީސް ޔާމީންގެ އެދިވަޑައިގަތުމުގެ މަތިން އެމަނިކުފާުގެ އެކައުންޓަށް އެމަނިކުފާނު އެދިވަޑައިގަތް މިންވަރަށް ފައިސާ ޖަމާވިކަން ހެކިތަކުން ސާބިތުވާ ކަމަށް ވެސް ވިދާޅުވިއެވެ.
އެގޮތުން ޔޫސުފް ނައީމްގެ އެކައުންޓަކުން ދޫކުރި ޗެކެއް ރައީސް ޔާމީންގެ އެކައުންޓަށް ޖަމާވިކަން ލިޔުންތަކުން އެނގޭ ކަމަށާއި ރައީސުލްޖުމްހޫރިއްޔާކަމުގެ މަގާމުގައި ހުންނެވި ބޭފުޅެއްގެ އެކައުންޓަށް އެހާ ގިނަ އަދަދެއްގެ ފައިސާ ޖަމާވުމަކީ ސުވާލު އުފެދޭ ކަމެއް ކަމަށްވެސް ވިދާޅުވިއެވެ.
ރައީސުލްޖުމްހޫރިއްޔާގެ މަގާމުގައި ހުންނަވާ ބޭފުޅަކު ވިޔަފާރިކުރުމާއި އެހެނިހެން މާލީ މަސްލަހަތެއް ބާއްވައިގެން ނުވާނެ ކަމަށް ގާނޫނު އަސާސީގައި ބުނެފައިވާ އިރު، ޔޫސުފް ނައީމްގެ ހިއްސާ އޮތް ކުންފުންޏަކުން އާރަށް ކުއްޔަށް ހިފަން މުއާމަލާތް ހިންގާފައި ވަނިކޮށް ރައީސް ޔާމީންގެ އެކައުންޓަށް ފައިސާ ޖަމާވުމަކީ ސުވާލު އުފެދޭ ކަމެއް ކަމަށްވެސް ގާޒީ ވިދާޅުވިއެވެ.
މަނީ ލޯންޑްރިންގެ ކުށް ރައީސް ޔާމީންގެ މައްޗަށް ސާބިތުވާ ކަމަށް ހުކުމް އިއްވަވަމުން ގާޒީ ވިދާޅުވީ، ރައީސް ޔާމީންގެ އެކައުންޓަށް އެއް މިލިއަން ޑޮލަރު ޖަމާވުމުން އިތުރު ފައިސާތަކަކާއެކު އެ ފައިސާ އިންވެސްޓުކޮށް އޭގެން މަންފާ ހޯދަމުން ދިޔަކަން ހެކިތަކުން ސާބިތުވާ ކަމަށެވެ.
މީގެ އިތުރުން އާރަށް މައްސަލައިގައި ރިޝްވަތު ހޯދަން ޔާމީން މަސައްކަތް ކުރެއްވިކަން ސާބިތުވެފައިވާ އިރު، އޭގެފަހުން ޔޫސުފް ނައީމްގެ ފަރާތުން ޔާމީންގެ އެކައުންޓަށް ފައިސާ ޖަމާވުމުން އެއީ ކުށް ކޮށްގެން ހޯދާފައިވާ ފައިސާއެއްކަން ސަބަބުވެރި އިންސާނެއްގެ ވިސްނުމުން ބަލާއިރުވެސް އެނގޭކަމަށް ވެސް ވިދާޅުވިއެވެ.
ކުށް ސާބިތުވާ ކަމަށް ކަނޑައަޅާފައިވާ އިރު، ކުށަށް އަދަބު ކަނޑައެޅުން މިއަދު މެންދުރުފަހު 2:00 ގައި ބާއްވާ ގޮތަށް ވަނީ ތާވަލުކޮށްފައެވެ.