ވ. އާރަށުގައި ރިސޯޓެއް ތަރައްގީކުރަން އެ ރަށް ވިއްކައިގެން ލިބުނު ފައިސާ އަމިއްލަފުޅު އެކައުންޓަށް ޖަމާކުރި މައްސަލައިގައި ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް އުފުލާފައިވާ ދައުވާތަކުގެ ހުކުމް އިއްވުމަށް މިއަދު 9 އަށް ކްރިމިނަލް ކޯޓުގައި ފަށަން އޮތް ނަމަވެސް އޭގެ ދެ ގަޑިއިރާ ބައި ފަހުން ރައީސް ޔާމީން ކޯޓަށް ވަޑައިގެންފިއެވެ.

އެކަމާ ގުޅޭ މައުލޫމާތު ހޯދުމަށް ކުރިމިނަލް ކޯޓަށް ގުޅި ނަމަވެސް، އެތަނުގެ މީޑިއާ އޮފިޝަލް ފޯނަށް ޖަވާބު ދެއްވާފައެއް ނުވެއެވެ. ނަމަވެސް ރައީސް ޔާމީންގެ ވަކީލުންނާ ހަވާލާދެއްވައި، ޕީޕިއެމުން ބުނީ ރައީސް ޔާމީން ކޯޓަށް ވަޑައިގަތުން ލަސްކުރެއްވީ، ކޯޓުން ހަމަޖައްސަންޖެހޭ ކަންތައްތަކެއް ހަމަނުޖެއްސިގެން ކަމަށެވެ.

ރައީސް ޔާމީންގެ ޝަރިއަތާ ގުޅިގެން ކުރިމިނަލް ކޯޓު ސަރަހައްދަށް އެއްވެފައި ތިބި އެ މަނިކުފާނުގެ ސަޕޯޓަރުން އަދިވެސް ދަނީ މުޒާހަރާ ކުރަމުންނެވެ. އެ މީހުން ގޮވަމުންދަނީ ރައީސް ޔާމީންގެ ޝަރީއަތަށް ނުފުޒު ފޯރުވާ ކަމަށެވެ.