ޓްރާންސްޕޯޓް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު ޝިމާޒު އަލީ އެ މިނިސްޓްރީން ވަކިކޮށް, ޔޫތް މިނިސްޓްރީއަށް އަދި އެޑިއުކޭޝަން މިނިސްޓަރުގެ ސްޓޭޓް މިނިސްޓަރު އަހުމަދު ރިޔާޒް ޓްރާންސްޕޯޓް މިނިސްޓްރީއަށް ބަދަލުކޮށްފިއެވެ.

މި ބަދަލު މިދިޔަ ހަފުތާ ތެރޭގައި ގެނައި ނަމަވެސް ދެބޭފުޅުން މަސައްކަތަށް ނުކުމެވަޑައިގަތީ މިއަދެވެ.

ޝިމާޒް ޔޫތް މިނިސްޓްރީއަށް ބަދަލުކުރި އިރު، ޓްރާންސްޕޯޓް މިނިސްޓްރީގެ ތެރެއިން ކޮރަޕްޝަން ހިންގިކަމުގެ ތުހުމަތުތަކެއް އޭނާއަށް ކުރެއެވެ. އަދި ރިޔާޒަކީ ޖިންސީ ފުރައްސާރައިގެ ތުހުމަތުތަކެއްގައި ސަސްޕެންޑް ކުރި ބޭފުޅެކެވެ.

ރައީސް އޮފީހުގެ ތަރުޖަމާނު މިއުވާން މުހައްމަދު މިއަދު "ވަން" އަށް ވިދާޅުވީ މި ދެ ބޭފުޅުން އެހެން މިނިސްޓްރީތަކަށް ބަދަލުކޮށްފައި ވަނީ އެ ދެ މީހުންގެ މައްޗަށް ފިޔަވަޅު އަޅަންޖެހޭ ކަމެއް އަދި ސާބިތުވެފައިނުވާތީ ކަމަށެވެ.

ޖިންސީ ފުރައްސާރައިގެ މައްސަލައެއްގައި ރިޔާޒު ސަސްޕެންޑު ކުރީ މި އަހަރުގެ މެއި މަހުގެ 29 ވަނަ ދުވަހުއެވެ. އޭނާ ސަސްޕެންޝަނުގައި ހުންނެވީ މުސާރައާއި އިނާޔަތްތަށް ލިބޭ ގޮތަށެވެ. މި މައްސަލަ ތަހުގީގު ކުރިނަމަވެސް ފަހުން މި މައްސަލައަށް ވީގޮތް އަދި ވަނީ ސާފުވާ ގޮތެއް ނުވެއެވެ.

ޝިމާޒުގެ މައްޗަށް ކޮރަޕްޝަންގެ ބޮޑެތި ތުހުމަތުތަކާއެކު އޭނާއަށް ފިޔަވަޅު އަޅައިދިނުމަށް އެދި ޓްރާންސްޕޯޓު މިނިސްޓަރު އައިޝަތު ނަހުލާ ވަނީ މިދިޔަ އޮކްޓޫބަރު މަހުގެ ތެރޭގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ސިޓީ ފޮނުއްވައިފައެވެ. ޝިމާޒަށް ކުރާ ތުހުމަތުތަކުގެ ތެރެއިން ބައެއް މައްސަލަތައް މިނިސްޓްރީން ބަލަދަމުންދާއިރު، ގަވާއިދާ ހިލާފަށް ވެހިކަލް ރަޖިސްޓްރީކޮށްދިން ކަމަށް ތުހުމަތުވާ މައްސަލަތަކެއްވެސް ހިމެނެއެވެ.