ފުޓުބޯޅައިގެ މައި އިދާރާ، ފީފާގެ ރައީސް ޖިއާނީ އިންފަންޓީނޯ ޗުއްޓީ ހޭދަކުރުމަށް ރާއްޖެ ވަޑައިގެންފިއެވެ.
އިންފަންޓީނޯ ޕްރައިވެޓް ޖެޓްގައި މިއަދު ރާއްޖެ ވަޑައިގެންފައިވަނީ އާއިލާއާ އެކުގައެވެ. ބެލެވޭ ގޮތުގައި އޭނާ ރާއްޖެ ވަޑައިގެން ފުޓުބޯޅައިގެ ރަސްމީ ކަމެއްގައި މަޝްވަރާކުރައްވައި ނުހައްދަވާނެއެވެ. ޗުއްޓީ ހޭދަކުރައްވާނެ ކަމަށް ބެލެވެނީ ވޯލްޑޯފް އެސްޓޯރިއާ އިތާފުށީގައެވެ.
އިންފަންޓީނޯ ރާއްޖެ ވަޑައިގެންފައި ވަނީ ގަތަރުގެ ފުރިހަމަ ވޯލްޑް ކަޕަކަށްފަހުގައެވެ. ގަތަރު ވޯލްޑް ކަޕްގައި ކުޅުނު ގިނަ އަދަދެއްގެ ކުޅުންތެރިންވެސް ޗުއްޓީ ހޭދަކުރުމަށް ރާއްޖެ އައިސްފައިވާ އިރު، ރާއްޖެއަކީ އެންމެ މަގުބޫލު އެއް ޓޫރިސްޓް މަންޒިލެވެ. މީގެ ކުރިންވެސް އޮފް ސީޒަނުގައި އެތައް ކުޅުންތެރިންނެއް ރާއްޖޭގައި ޗުއްޓީ ހޭދަކޮށްފައިވެއެވެ.
އިންފަންޓީނޯ މިވަގުތު ފުރިހަމަ ކުރަމުން ދަނީ ފީފާ ރައީސްކަމުގެ ދެވަނަ ދައުރެވެ. އޭނާއަށް ވަނީ މިހާރު ތިންވަނަ ދައުރަކަށް ހޮވޭނެކަންވެސް ޔަގީންވެފައެވެ. ފީފާ ރައީސްކަމުގެ އިންތިހާބާ ގުޅިގެން އެ އިދާރާއިން މިމަހު 18 ވަނަ ދުވަހު ނެރުނު ބަޔާނުގައި ބުނީ މިއަހަރު މާޗު މަހުގެ 30 ވަނަ ދުވަހު، ފީފާ ކައުންސިލުން ރައީސް ކަމުގެ އިންތިހާބަށް ނަން ހުށަހެޅުމުގެ ފުރުސަތު ހުޅުވާލި ހުޅުވާލުމަށް ލިބިފައިވަނީ އެންމެ ނަމެއް ކަމަށާއި އެއީ މިހާރުގެވެސް ރައީސް އިންފަންޓީނޯގެ ނަން ކަމަށެވެ.
އިންފަންޓީނޯ ފުރަތަމަ ފީފާގެ ރައީސް ކަމަށް އިންތިހާބުވީ 2016 ވަނަ އަހަރުއެވެ. އޭގެ ފަހުން 2019 ވަނަ އަހަރު ދެވަނަ ދައުރަކަށް އިންފަންޓީނޯ އިންތިހާބުވެފައިވާ އިރު، އޭގެ ކުރިން 17 އަހަރު ފީފާގެ ރައީސްކަން ކުރެއްވީ ސެޕް ބްލެޓާއެވެ. ބްލެޓާ 2015 ވަނަ އަހަރު ފީފާ ރައީސްކަމުން އިސްތިއުފާދެއްވީ ކޮރަޕްޝަންގެ ބޮޑެތި މައްސަލަތަކެއްގައެވެ. އޭނާ މިވަގުތު ހުރީވެސް ފުޓުބޯޅައިން ބޭން ކޮށްފައެވެ. ބްލެޓާ ވަނީ އޭނާގެ ރައީސްކަމުގައި ރާއްޖެ ވަޑައިގެންފައެވެ.