އެމްއެމްޕީއާރުސީން ދިން އޮފާ ލެޓާއާ އެއްގޮތަށް ޓޫރިސްޓް ރިސޯޓެއް ތަރައްގީ ކުރަން، ބ. ހުރާފަރު ކުއްޔަށް ނުދޭން ޓޫރިޒަމް މިނިސްޓްރީން ނިންމީ ރަނގަޅަށް ކަމަށް ސިވިލް ކޯޓުން ހުކުމްކޮށްފިއެވެ.

މި މައްސަލައަކީ ހުރާފަރުގައި ރިސޯޓެއް ތަރައްގީކުރުމަށް އަމިއްލަ ކުންފުންޏެއް ކަމަށްވާ ސީކްރެޓް ޕެރެޑައިސް ޕްރައިވެޓް ލިމިޓެޑަށް ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި އޮކްޓޫބަރު 2014ގައި ދީފައިވާ އެއްބަސްވުމުގައި ލީސް އެކުއިޒިޝަން ކޮސްޓުގެ ގޮތުގައި ދައްކަން ޖެހޭ 360،000 ޑޮލަރު ދެއްކި ނަމަވެސް، އެ ރަށް ހަވާލު ކޮށްފައިނުވާ ކަމަށް ބުނެ ޓޫރިޒަމް މިނިސްޓްރީ އާއި މޯލްޑިވްސް ޕަބްލިކު ރިލޭޝަންސް ކޯޕަރޭޝަން ލިމިޓެޑް (އެމްއެމްޕީއާރުސީ) ހިމެނޭހެން ދައުލަތަށް ރައްދުވާގޮތަށް ސީކްރެޓް ޕެރެޑައިސް އިން ކުރި ދައުވާ އެކެވެ.

މި ދައުވާގައި ސީކްރެޓް ޕެރެޑައިސް އިން ކޯޓުގައި އެދިފައިވަނީ ފުރަތަމަ އޮފާ ލެޓާގެ ދަށުން ރަށް ނުދީ، އެ ރަށުގެ އަގު ބޮޑުކުރީ ގާނޫނާ ހިލާފަށް ކަމަށް ކަނޑައަޅައި ދިނުމަށާއި އެ ފަރާތާ ރަށް ހަވާލުކުރަން އަމުރުކޮށް ދިނުމަށާއި ރަށް ހަވާލު ނުކުރުމުގެ ސަބަބުން ލިބުނު ސީދާ ގެއްލުމުގެ ބަދަލު ނަގައިދޭން އެދެވޭނެ ކަމަށް ކަނޑައަޅައިދިނުމަށެވެ.

މި މައްސަލައިގައި ސިވިލް ކޯޓުން ކުރި ހުކުމުގައި ވަނީ، މި މައްސަލައިގައި ޓޫރިޒަމުގެ އޮފަ ލެޓާގައި ބަޔާން ކޮށްފައިވާ އެކުއިޒިޝަން ކޮސްޓް ސީކްރެޓް ޕެރަޑައިސް އިން ދެއްކި ކަމަށެވެ.

ނަމަވެސް އެކުއިޒިޝަން ކޮސްޓްގެ ގޮތުގައި ދައްކަން ޓޫރިޒަމް މިނިސްޓްރީން ފުރަތަމަ އެންގި އަދަދަކީ ސައްހަ އަދަދު ކަމަށް ނުވާތީ އިތުރަށް ދައްކަންޖެހޭ އަދަދު ދެއްކުމަށް ސީކްރެޓް ޕެރެޑައިސް އަށް ޓޫރިޒަމް މިނިސްޓްރީން އެންގުމުން އެ ހުށަހެޅުން ގަބޫލުކޮށް އެ އަދަދު ދެއްކުމަށް ސީކްރެޓް ޕެރެޑައިސް އިން އެއްބަސްވެފައިވާ ކަމަށެވެ.

އެ ފައިސާ ދެއްކުމުގެ މުއްދަތު އިތުރުކޮށްދިނުމަށް ސީކްރެޓް ޕެރެޑައިސް އެދުނު ގޮތަށް މުއްދަތު އިތުރު ކޮށްދިން ނަމަވެސް ރިސޯޓެއްގެ ގޮތުގައި ހުރާފަރު ތަރައްގީކޮށް ހިންގުމަށްޓަކައި އެރަށް ކުއްޔަށް ދިނުމާބެހޭ އެއްބަސްވުމުގައި ސޮއި ކުރުމުގެ ކުރިން ދައްކަންޖެހޭ އެކުއިޒަން ކޮސްޓް ސީކްރެޓް ޕެރެޑައިސް އިން ދައްކާފައިވާކަން ސާބިތުނުވާ ކަމަށްވެސް ބުނެފައިވެއެވެ.

އެހެންކަމުން ސީކްރެޓް ޕެރެޑައިސް އިން އެދިފައިވާގޮތަށް ޓޫރިޒަމްގެ މައްޗަށް އަމުރު ކުރާނެ ތަނެއް ނެތް ކަމަށް ކަނޑައަޅައި ސިވިލް ކޯޓުން ވަނީ ހުކުމް ކޮށްފައެވެ.