ވިހިހާސް މެންބަރުންގެ ތާއީދާއެކު ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު، 2023 ގެ އެމްޑީޕީގެ ރިޔާސީ ޕްރައިމަރީއަށް ފޯމު ހުށަހަޅުއްވައިފިއެވެ.

އަންނަ މަހުގެ 28 ގައި ރިޔާސީ ޕްރައިމަރީ ބާއްވަން ނިންމައި، އެމްޑީޕީން ރިޔާސީ ޕްރައިމަރީއަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލީ މިމަހުގެ 18 ގައެވެ. މިއަދު ހަވީރު 4:00 އަށް ރިޔާސީ ޕްރައިމަރީއަށް ކުރިމަތިލުމުގެ ފުރުސަތު ހަމަވާނެއެވެ.

ޕްރައިމަރީއަށް ކުރިމަތިލެވޭނީ އެ ބޭފުޅަކު ޕްރައިމަރީގައި ވާދަކުރުމަށް ތާއީދުކުރާ އެމްޑީޕީގެ 500 މެންބަރުންގެ ތާއީދު ފޯމާއެކުގައެވެ.

ރައީސް ސޯލިހުގެ ކެމްޕެއިން މެނޭޖަރު، ރައްޔިތުންގެ މަޖިލީހުގެ ކިނބިދޫ ދާއިރާގެ މެންބަރު މުހައްމަދު ނާޝިޒު މީގެ އިރުކޮޅެއް ކުރިން ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ، އަންނަ 2023ގެ ރިޔާސީ އިންތިހާބުގައި ވާދަކުރާނެ އެމްޑީޕީގެ ކެނޑިޑޭޓެއް ހޮވުމަށް ބާއްވާ ޕްރައިމަރީގައި ވާދަކުރެއްވުމަށް، 20،000 އަަށްވުރެ ގިނަ މެމްބަރުންގެ ތާއީދާއެކު، ރައީސް ސޯލިހުގެ ކެންޑިޑަސީ ފޯމު ހުށަހަޅުއްވާފައިވާ ކަމަށެވެ.

ރައީސް ސޯލިހު ޕްރައިމަރީއަށް މިއަދު ފޯމު ހުށަހެޅުއްވި އިރު، ރިޔާސީ ޕްރައިމަރީގައި ވާދަކުރެއްވުމަށް އެޕާޓީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުވެސް ވަނީ ފޯމު ހުށަހަޅުއްވައިފައެވެ.

އެމަނިކުފާނު ފޯމު ހުށަހަޅުއްވާފައިވަނީ، ޕްރައިމަރީއަށް ކުރިމަތިލުމުގެ ޝަރުތުގައި ބުނާ 500 މެންބަރުންގެ ތާއީދާއެކުގައެވެ.