ވޯލްޑް ކަޕް ތެރޭގައި ދިމާވި މައްސަލަތަކާއެކު އުމުރުން 26 އަހަރުގެ ކެމަރޫން ގޯލްކީޕަރު އަންދްރޭ އޮނާނާ ގައުމީ ޓީމަށް ކުޅުން ހުއްޓާލައިފިއެވެ.
އިންޓަ މިލާނަށް ކުޅެމުންދާ އިތުބާރު ގޯލްކީޕަރު އޮނާނާ، ކެމަރޫނުން ވޯލްޑް ކަޕްގައި ކުޅުނު ފުރަތަމަ މެޗުގައި އެ ޓީމުގެ ފުރަތަމަ 11 އިން ފެނުނު ނަމަވެސް، ދެން ކުޅުނު މެޗުގެ ސްކޮޑުގައި ހިމެނިފައެއް ނުވެއެވެ. ސާބިއާއާ ދެކޮޅަށް ކުޅުނު މެޗުގެ ސްކޮޑުގައި ކޯޗު ރިގޮބާޓް ސޯންގް، އޮނާނާ ހިމަނާފައި ނުވަނީ ޑިސިޕްލިނަރީ ފިޔަވަޅު އަޅާފައިވުމުން ކަމަށް އޭނާ ބުނެފައިވާ އިރު، ހަބަރުތައް ބުނެފައިވާ ގޮތުގައި ކޯޗު ސޯންގާ އޮނާނާ ޖެހުނު މައްސަލައަކީ ކުޅުމުގެ ސްޓައިލްގެ މައްސަލައެއް ކަމަށެވެ.
ފިޔަވަޅު އަޅަން ސޯންގް ނިންމީ، ކޯޗު ބޭނުންވާ ގޮތަށް ކުޅެން އޮނާނާ އެއްބަސްނުވުމުން ކަމަށްވެސް ފަބްރީޒިއޯ ރިޕޯޓު ކޮށްފައިވެއެވެ. އޮނާނާއަކީ ކުރިއަށް ޖެހި، ސްވިޕަރެއްގެ ރޯލުގައިވެސް ކުޅޭ ގޯލްކީޕަރެއްކަން ފާހަގަވެފައިވާ އިރު، ރިޕޯޓުތައް ބުނާ ގޮތުން ސޯންގް ބޭނުންވަނީ އޮނާނާ "ޓްރެޑިޝަނަލް" ސްޓައިލެއްގައި ކުޅުމަށެވެ. އެއީ ކުރިއަށް ނުޖެހި، މާބޮޑަށް ކުޅުމުގައި ބައިވެރިނުވެ ކުޅުމަށެވެ.
އެ މައްސަލައިގެ ތެރެއިން އޮނާނާ ކޭމްޕް ދޫކޮށް ގޮސްފައިވާ އިރު، މިއަދު އޭނާ ބުނީ ކެމަރޫންގެ ގައުމީ ޓީމުގެ ސަފުހާ ނިންމާލަން ނިންމާފައިވާ ކަމަށެވެ. އޮނާނާ ބުނީ ކެމަރޫނަކީ އަބަދުވެސް އޭނާގެ ލޯބި އޮންނާނެ ގައުމެއް ކަމަށާއި ގައުމީ ޓީމަށް އަބަދުވެސް ލޯބި ދޭނެ ކަމަށެވެ. އަދި އުނދަގޫ ހުރިހާ ވަގުތެއްގައި އެހީތެރިވެދިން އެންމެންނަށް ޝުކުރު އަދާކުރާ ކަމަށްވެސް އޮނާނާ ބުނެފައިވެއެވެ،
އޮނާނާ ކެމަރޫންގެ ގައުމީ ޓީމަށް ކުޅެން ފެށީ 2016 ވަނަ އަހަރެވެ. އޭނާ ވަނީ ގައުމީ ޓީމަށް 34 މެޗު ކުޅެދީފައެވެ.