ކެމަރޫންގެ ފުޓުބޯޅައިގެ ތެރޭގައި މައްސަލަ ބޮޑުވެގެން ދިޔަ ވަގުތު އިއުލާނުކުރި އެފްރިކާ ކަޕް އޮފް ނޭޝަންސްގެ ސްކޮޑުން ތަޖުރިބާކާރު ކީޕަރު އަންދްރޭ އޮނާނާ ބޭރުކޮށްފިއެވެ.
ދާދިފަހުން ވޯލްޑް ކަޕް ކޮލިފިކޭޝަން ޕްލޭ އޮފްގައި ޑީއާރް ކޮންގޯ އަތުން ބަލިވެ، އަންނަ އަހަރުގެ ވޯލްޑް ކަޕުންވެސް ކެމަރޫނަށް ފުރުސަތު ގެއްލިފައިވާ އިރު، އެގައުމުގެ ފުޓުބޯޅަ އޮތީ ހަލަބޮލިކަމެއްގެ ތެރޭގައެވެ.
ސްޕޯޓްސް މިނިސްޓްރީއާއި ފުޓުބޯޅަ އިދާރާ ދެ މިސްރާބެއްގައި މަސައްކަތް ކުރަމުންދާ އިރު، ފުޓުބޯޅަ އިދާރާގެ ރައީސްކަމާ ސަމިއުލް އެޓޫ ހަވާލުވިފަހުން އަދި ހަމަޖެހިލަން ވަގުތު ލިބިފައެއް ނުވެއެވެ.
އެޓޫ، ތަކުރާރުކޮށް ގައުމީ ޓީމުގެ ކޯޗުވެސް ބަދަލުކުރަމުންދާ އިރު، އެކަމަށް މިނިސްޓްރީން ވަނީ އެކި ފަހަރުމަތިން ހިތްހަމަ ނުޖެހުން ފާޅުކޮށްފައެވެ. މިފަހަރު އެފްރިކާ ކަޕް އޮފް ނޭޝަންސްގެ ކުރިއަށްވެސް އެޓޫ ވަނީ ކޯޗު މަގާމުން ވަކިކޮށްފައެވެ. އެއީ މާކް ބްރައިސްއެވެ.
އެފްއޭއިން ނެރުނު ބަޔާނުގައި ބުނީ ބްރައިސް ނަހަމަ ގޮތުގައި ބާރުގެ ބޭނުންކޮށްފައިވާ ކަމަށާއި، އުސޫލުން ބޭރުން ގިނަ ކަންތައްތަކެއް ކޮށްފައިވާ ކަމަށެވެ. ބަރައިސް ވަކިކޮށް، ކެމަރޫންގެ ކޯޗަކަށް ހަމަޖެއްސީ ޑޭވިޑް ޕަގޫއެވެ.
ޕަގޫ އިއުލާނުކުރި ސްކޮޑުން އޮނާނާއަށް ޖާގަ ގެއްލުނު އިރު، މިއީ އޭނާއަށް ގައުމީ ޓީމުން ކެހި ލިބުނު ފުރަތަމަ ފަހަރެއްވެސް ނޫނެވެ. ގަތަރު ވޯލްޑް ކަޕް 2022 ގެ ތެރެއިންވެސް އޭނާއަށް ސަސްޕެންޝަނެއް އައިސްފައިވާ އިރު، މިފަހަރުވެސް އޮނާނާއަށް އެއްވެސް ކަމެއް ސާފުކޮށްދީފައި ނުވާ ކަމަށް ނޫސްތައް ބުނެއެވެ.
ކެމަރޫންގެ ފުޓުބޯޅައިގައި ސިޔާސީ ކުލަ ޖެހި، މީގެ ކުރިންވެސް ބައެއް ކުޅުންތެރިންނަށް އެކަމުގެ އަސަރުތައް ކޮށްފައިވެއެވެ. އެގޮތުން ވިންސެންޓް އަބޫބަކާރާއި އަންދްރޭ ފްރޭންކް ޒަމްބޯ އަންގޫސާ އަދި މައިކަލް އެންގަޑެއޫ ކަހަލަ ކުޅުންތެރިންނަށް ގައުމީ ޓީމުން ޖާގަ ގެއްލިފައިވެއެވެ.
ކެމަރޫން
ކެމަރޫން
ކެމަރޫން
ކެމަރޫން