އައިވަރީ ކޯސްޓުގައި ކުރިއަށްދާ އެފްރިކާގެ އެންމެ ޝަރަފުވެރި ފުޓުބޯޅަ މުބާރާތް، އެފްރިކަން ކަޕް އޮފް ނޭޝަންސް (އެފްކޯން)ގެ ޑީގެ ފުލަށް ގޮސް، ދެފަހަރުގެ ޗެމްޕިއަން އަލްޖީރިއާ ކެޓި އިރު، ފަހުވަގުތު ދެ ގޯލު ޖަހައިގެން ކެމަރޫން ގަދަ 16 އަށް ދަތުރު ކޮށްފިއެވެ.

އެފްކޯންގެ ގްރޫޕް ސީއާއި ޑީގެ ފަހު މެޗުތައް ރޭ ކުޅެފައިވާ އިރު، ގްރޫޕް ސީގެ އެއްވަނަ ހޯދައި ސައްތައިން ސައްތަ ރެކޯޑަކާއެކު ގަދަ 16 އަށް ދިޔައީ ސެނެގާލެވެ. އެ ގްރޫޕްގެ ދެވަނަ ކެމަރޫނުން ހޯދީ ތިން މެޗުން ހަތަރު ޕޮއިންޓާއެކުގައެވެ. ތިންވަނައިގައި އޮތީ ގީނީއެވެ. އެއީ ތިން މެޗުން ހަތަރު ޕޮއިންޓް ހޯދައިގެންނެވެ. ގީނީއާއި ކެމަރޫން ފައިދާ ގޯލުވެސް އެއްވަރުވި އިރު، ތަފާތަކީ ޖެހި ގޯލެވެ.

ކެމަރޫނުން ރޭ ގެމްބިއާ 3-2 އިން ބަލިކުރި އިރު، މެޗުގެ ގޯލުތައް ފެނުނީ ދެވަނަ ހާފުގައެވެ.

އަންދްރޭ އޮނާނާ ބެންޗް ކޮށްގެން ރޭގެ މެޗަށް ނުކުތް ކެމަރޫނުން ފުރަތަމަ ލީޑު ނެގީ ދެވަނަ ހާފުގެ ކުރީކޮޅުގައެވެ. އެއީ ކާލް ޓޯކޯ އެކާމްބީ ޖެހި ގޯލުންނެވެ. އެ ގޯލާއެކު ފަސް ފަހަރުގެ ޗެމްޕިއަން ކެމަރޫން ލީޑު ނެގި ނަމަވެސް، 72 ވަނަ މިނެޓުގައި އަބިލޭ ޖަލޯއާއި އެބްރީމާ ކޮލޭ 85 ވަނަ މިނެޓުގައި ޖެހި ގޯލުން ގެމްބިއާ މެޗަށް ވަދެ، ލީޑު ނެގިއެވެ.

އެހިސާބުން ކެމަރޫން ހާސްކަމުގައި ކުރިއަށް ޖެހި ކުޅުނު އިރު، 87 ވަނަ މިނެޓުގައި އެއްވަރުވީ ގެމްބިއާގެ ޖޭމްސް ގޮމޭޒް އަތުން ބައިކޮޅަށް ވަން ގޯލުންނެވެ. އަދި 91 ވަނަ މިނެޓުގައި ކްރިސްޓޮފާ ވޫ ޖެހި ގޯލާއެކު މޮޅުވެ، ކެމަރޫން ގަދަ 16 ޔަގީންކުރިއެވެ.

ސެނެގާލުން ރޭ ގީނީ 2-0 ބަލިކުރި އިރު، ސެނެގާލްގެ ގޯލުތައް ޖަހައިދިނީ އަބްދުލާޔޭ ސެކާއި އިލިމަން އެންޑިޔާއެެވެ.

ގްރޫޕް ޑީގެ އެއްވަނަ އެންގޯލާ އިން ހޯދީ ތިން މެޗުން ހަތް ޕޮއިންޓާއެކުގައެވެ. އެ ގްރޫޕްގެ ދެވަނަ ބުރްކީނާ ފާސޯ ހޯދީ ތިން މެޗުން ހަތަރު ޕޮއިންޓާއެކުގައެވެ. އަލްޖީރިއާ ދެ ޕޮއިންޓާއެކު ފުލަށް ދިޔަ އިރު، އަލަށް މޮޅެއް ހޯދި މޮރިޓާނިއާ އޮތީ ތިންވަނައިގައެވެ.

އަލްޖީރިއާ ކައިރިން މޮޅުވެ، މޮރިޓާނިއާއިން ރޭ ތާރީހީ ތިން ޕޮއިންޓް ހޯދީ 1-0 އިން މޮޅުވެގެންނެވެ، ފުރަތަމަ ހާފުގައި އެ ގޯލި ޖެހީ މުހައްމަދު ޑެއްލާ ޔާލީއެވެ. އަލްޖީރިއާއިން މެޗަށް ވަނުމަށް ދެވަނަ ހާފުގައި ގިނަ މަސައްކަތްތަކެއް ކޮށްގެންވެސް ކާމިޔާބެއް ނުހޯދުނެވެ.

މިރޭވެސް އެފްކޯންގެ ގްރޫޕް ސްޓޭޖު މެޗުތައް ކުރިއަށްދާނެއެވެ.