އައިވަރީ ކޯސްޓުގައި ކުރިއަށްދާ އެފްރިކާގެ އެންމެ ޝަރަފުވެރި ފުޓުބޯޅަ މުބާރާތް، އެފްރިކަން ކަޕް އޮފް ނޭޝަންސް (އެފްކޯން)ގެ ގްރޫޕް ސީގައި ކުޅުނު ދެވަނަ މެޗުގައި ކެމަރޫން ކައިރިންވެސް މޮޅުވެ، އެންމެފަހުގެ ޗެމްޕިއަން ސެނެގާލުން ގަދަ 16 ޔަގީންކޮށްފިއެވެ.
ރޭ ކުޅުނު މެޗުގައި ސެނެގާލުން 3-1 އިން ކެމަރޫން ބަލިކޮށް، ގަދަ 16 ޔަގީން ކުރި އިރު، އަލިއޯ ސީސޭގެ ޓީމުން މަސައްކަތް ކުރަމުންދަނީ 2010 ވަނަ އަހަރަށްފަހު ތަށި ދިފާއުކުރާ ފުރަތަމަ ޓީމަށް ވުމަށެވެ. މީގެ ކުރިން 2010 ވަނަ އަހަރު ތަށި ދިފާއުކުރީ މިސްރުންނެވެ. މިސްރުން ވަނީ އެފަހަރު ޖެހިޖެހިގެން ތިން އެފްކޯން ކާމިޔާބުކޮށްފައެވެ.
ރޭގެ މެޗު ރަނގަޅަށް ފެށި ސެނެގާލުން ކުރީކޮޅުގައި ލީޑު ނެގީ އިސްމައިލާ ސާ ޖެހި ގޯލުންނެވެ. އެ ގޯލުގައި ކެމަރޫންގެ މެންޗެސްޓާ ޔުނައިޓެޑްގެ ގޯލްކީޕަރު އަންދްރޭ އޮނާނާގެ ގޯސް ފާހަގަވެގެން ގޮސްފައިވެއެވެ. ރޭގެ މެޗަކީ މިފަހަރުގެ އެފްކޯންގައި އޮނާނާ ކުޅުނު ފުރަތަމަ މެޗެވެ. ކެމަރޫނުން ގްރޫޕް ސްޓޭޖުގައި ކުޅުނު ފުރަތަމަ މެޗުގައި އޮނާނާ ކުޅެފައި ނުވަނީ އެ މެޗުގެ 24 ގަޑިއިރު ކުރިން ޔުނައިޓެޑަށް މެޗެއް ކުޅެން ޖެހުމުންނެވެ.
ސެނެގާލުން ހާފު ނިމުމުގެ ކުރިން ލީޑު ފުޅާކުރި އިރު، އެ ގޯލު ޖެހީ ހަބީބް ޑިއާލޯއެވެ. ދެވަނަ ހާފަށް ނުކުމެ ކެމަރޫން ކުޅުން ރަނގަޅުކޮށް، ޖީން-ޗާލްސް ކަސްޓެލެޓޯ ޖެހި ގޯލުން އުންމީދެއް ހޯދިއެވެ. އެހެން ނަމަވެސް، މެޗު ނިމެން ދަނިކޮށް ސަޑިއޯ މާނޭ ވަނީ ސެނެގާލަށް މޮޅު ޔަގީންކޮށްދީފައެވެ.
ސެނެގާލުން ގްރޫޕްގެ ފަހު މެޗުގައި ގީނީއާ ދެކޮޅަށް ނުކުމެ، އެއްވަރުކޮށްލައިގެންވެސް އެއްވަނަ ޔަގީންވާނެއެވެ. މިހާތަނަށް ފަސް ފަހަރު މުބާރާތް ކާމިޔާބުކޮށްފައިވާ ކެމަރޫނަށް ގަދަ 16 އަށް ދެވެން އޮތީ ފަހު މެޗުގައި ގެމްބިއާ ބަލިކޮށްގެންނެވެ. ނޫންނަމަ އެންމެ ނަތީޖާ ރަނގަޅު ތިންވަނަ ޓީމުތަކުގެ ތެރެއިން ހަނި ފުރުސަތަކަށް އިންތިޒާރުކުރަން ޖެހޭނެއެވެ.
ގްރޫޕް ބީގައި ރޭ މޮޒެމްބީގާ ދެކޮޅަށް ކުޅުނު މެޗު 3-0 އިން ކާމިޔާބުކޮށް ކޭޕް ވާޑޭ ގަދަ 16 ޔަގީން ކުރި އިރު، އެ ޓީމަށް ގޯލުތައް ޖެހޭ ޑިއާސް ކޮރެއާއާއި މެންޑޭޒް ޑެ ގްރާސާ އަދި ގޮންކަލްވޭސް ޕެރޭރާ ޑެ ޕީނާއެވެ. ކޭޕް ވާޑޭން ގްރޫޕް ބީގައި ކުޅުނު ފުރަތަމަ މެޗުގައި ގާނާ ބަލިކޮށްފައިވާ އިރު، މިސްރުވެސް ހިމެނޭ އެ ގްރޫޕްގެ ސަޕްރައިޒް ޓީމަކީ އެއީއެވެ.
އެފްކޯން
އެފްކޯން
އެފްކޯން
އެފްކޯން